ކުރުވާހަކަ: ހެކި

އަހަރެންނަށް ހިންދިރުވާލަންވެސް ނުކެރުނެވެ.  ކަރުގައި ޖެހިފައި ހުރީ މިޔަ ތޫނު ޚަންޖަރަކަށް ވާތީއެވެ. ހިންދިރުވާލުމަކުންވެސް ކަރުބުރިވެ ލޭ އޮހޮރިގެން ހިނގައިދާނެތީއެވެ. އަހަރެންނަށް އިވެމުން ދިޔައީ ގެއ...

18 Mar 2024 | 05:22

އަހަރެންނަށް ހިންދިރުވާލަންވެސް ނުކެރުނެވެ.  ކަރުގައި ޖެހިފައި ހުރީ މިޔަ ތޫނު ޚަންޖަރަކަށް ވާތީއެވެ. ހިންދިރުވާލުމަކުންވެސް ކަރުބުރިވެ ލޭ އޮހޮރިގެން ހިނގައިދާނެތީއެވެ. އަހަރެންނަށް އިވެމުން ދިޔައީ ގެއެއްގެ ޓީވީން އަންނަމުން ދިޔަ ކުރީގެ ހިންދީ ލަވައެއްގެ އަޑެވެ. ލަވައިގައި ޒަޚަމްވެފައިވާ އަޑަކުން އަންހެނަކު ބުނަނީ މިހެންނެވެ. "ކައުނުގެ ވެރިރައްބު ޖަލާލުވަންތަ ރަސްކަލާނގެއަށް ތިމަން ދުއާކޮށްފީމެވެ. އެކަލާނގެ ޚަލީލު، އިބްރާހިމް ޢަލައިހިއްސަލާމް އަލިފާންގަނޑުން ސަލާމަތްކުރެއްވި ފަދައިން މުއުޖިޒާތަކުން ނިކަމެތި އަޅާ މިމުސީބާތުން މިންޖުކޮށްދެއްވާތޯއެވެ." އަހަރެންނަށްވެސް ކަލާނގެމަތިން ހަނދުމަވީ އެލަފުޒުތައް އަޑު އިވުމުންނެވެ. ހިތުގައިވި ބިރު ފިލައިދިޔައީ ހަމަކުއްލިއަކަށެވެ.

ދެލޮލުން އޮހިގަތް ކަރުނަތައް ކޯތާފަތްމަތީގައި ކޯރުދެމިގެން ދިޔުމާއި އެކު އެކަކު އަހަރެންގެ ކޯތާފަތްމަތީގައި ޖެހީ އުޅަނބޮށީންނެވެ. އަނެކަކު އިސްތަށިގަނޑުގައި ހިފައި ބާރަށް ފަހަތަށް ދަމައިގަނެ ކަރުގައި ޖައްސާފައިވާ ތޫނު ވަޅި ބާރުކޮއްލުމުން، އުފެދުނު ޒަޚަމުން ފޭބި ލޭރޮނގުން އަހަރެންގެ މޭމަތި ތެމިގެން ދިޔައެވެ. ތިންވަނަ މީހާ އޭތް އޭތް ހަމައިގައި ހުންނާށޭ ކިޔައި ހަޅޭލަވައިގަތީ އަހަރެންގެ ގައިން ފޭބި ލޭ ފެނުމުންނެވެ.

އަހަރެން މިހިރީ ގޭންގެއްގެ އަތްދަށުގައި ހައްޔަރުވެފައެވެ. ކަލާނގެ ނޫނީ މަދަދެއް ދޭނޭ ފަރާތެއް ނެތިފައެވެ. އެންމެ ސަބަބަކާއި ހެދި އެވެ. ޖަރީމާއެއް ފަޅާ އަރާނެ ހެކިވެރިއަކަށް އަހަރެން ވާތީއެވެ. އަހަރެން ނެތުމަކީ އެޖަރީމާ ހިންގި މީހުންނަށް ސަލާމަތުން ދިރިއުޅެވޭނެ ކަމަކަށް ވާތީއެވެ.

އަހަރެންނަކީ އެކަނި އެއްކޮޓަރީގެ އެޕާޓްމެންޓެއްގައި ދިރިއުޅޭ މީހެކެވެ. ނާސިންގ ހޯމެއްގައި މަސައްކަތްކުރާ ނަރުހެކެވެ. މިދުވަސް އަތުވެދާނެ ކަމަށް އަހަރެން ބިރުން އުޅޭތާވެސް ކިތަންމެ ދުވަހެކެވެ. ފުލުހުންނަށް ބަޔާންދިން ފުރަތަމަ ދުވަހު، ބަޔާން ނަގަން އިން އޮފިސަރުގެ ލޯއެޅުމުން އަހަރެންނަށް އެކަން ދޭހަވިއެވެ. އެކަމަކު އޭރު އަހަރެންގެ ދުލުން ބޭރުވާންވީ ހެކިބަސް ބޭރުވެއްޖެއެވެ. އެއީ ބުނާން ނުޖެހޭ ބަހެއްކަން އަހަރެންނަށް އެނގުނީ އަހަރެން ސޮއިކުރަން ދިން ބަޔާނުގައި އެވާހަކަތައް ނެތުމުންނެވެ.

ފަންކާގައި އައްސައި ތައްޔާރުކޮށްފައިވާ ދަންމަޅި އަހަރެންނަށް ފެންނަމުން ދިޔައީ ލޮލުން ފޭބި ކަރުނައިގެ ތެރެއިންނެވެ. އެތިން މީހުން ވެގެން ދަންމަޅި ގަނޑުގެ ތެރެއަށް އަހަރެންގެ ބޯ މަހާލުމަށް ގޮނޑިމައްޗަށް އަރުވަން މަސައްކަތް ކުރުމުން، އަހަރެން ގަދަ ދެއްކީމެވެ. އެކަމަކު ބާރުގަދަ ތިން ފިރިހެނުން ކުރިމަތީގައި އަހަރެން ކަހަލަ އަންހެނަކަށް ދެއްކޭނީ ކޮން ގަދައެއް ހެއްޔެވެ؟

ކަރަށް ވައްޓާލި މަޅިގަނޑާއި އެކު އަހަރެންގެ ލޮލުގެ ކުރިމަތިން ސިފަވަމުން ދިޔައީ މާޒީއެވެ. ބޮޑު އިސްކްރީނެއްގައި އަޅުވާފައިވާ ފިލްމެއް ފަހަތަށް އޮޅެމުންދާތީ ފެންނަ ގޮތަށެވެ. އެއީ މިއަދު މަރުގެ މި ތުންފަތްމައްޗަށް އަހަރެން ވެއްޓުނު ސަބަބެވެ. އެކަމަކު އެކަމުގައި އަހަރެންގެ ކުށެއް ނެތެވެ. ކުށަކީ އަހަރެންނަށް އެމަންޒަރު ފެނި ފެނުނުކަމުގައި ހެކިބަސް ދިނުންކަމުގައިވާނަމަ، މިދުނިޔޭގައި އިންސާފޭ މިކިޔަނީ ކޮންއެއްޗަކަށް ހެއްޔެވެ؟

އަހަރެންނަށް އެނގެއެވެ. އަހަރެންގެ ހަޔާތުގައި ނިމުމުގެ ސިއްކަ މިޖެހެނީއެވެ. ރަސޫލުންނާއި ނަބީންނާއި ބޮޑެތި ކަރާމާތްތަކާއި މުޢުޖިޒާތްތަކުގެ ޒަމާން ފަސްދީ ހިނގައްޖެއެވެ. ވީއިރު މިއަދު އަހަރެންގެ ފުރާނަ ސަލާމަތް ވާން މުއުޖިޒާތެއް މެދުވެރިވެދާނެ ކަމުގެ އުއްމީދު ގެއްލިއްޖެވެ. އަނިޔާވެރިގޮތުގައި އެތައް ބަޔަކު މަރުވެ ހިނގައްޖެއެވެ. ކުށެއްނެތް މައުސޫމު އެތައް ބައެއްވެސް ހިމެނޭ ގޮތުންނެވެ. އެކަމަކު މިރުޝާންއަށް އިންސާފު ހޯދައި ދިނުމަށްޓަކައި އަހަރެން ދުނިޔޭގައި ހުންނަން އެބަޖެހެއެވެ. އަހަރެންނަކީ، އޭނާގެ ހެކިވެރިޔާއެވެ. އަހަރެން ބޭނުމީ އޭނާއަށް އިންސާފު ލިބޭށެވެ. އެއީ އަހަރެން ދިރިހުރުމުން އަތްދޮވެލައިގެން ނަމަވެސް މެއެވެ. މިކަމާއި އަހަރެން ކުރިމަތިލީ އެހެންވެއެވެ. އެކަމަކު ހަފަރާތުގައި އެނުބައި މީހުންގެ ވަކިތައް ވާކަން އެނގޭނަމަ އެކަނި ގިނިކަންޏާ މަރުގެ މި ދަތުރަށް އަހަރެން ނުނުކުތީމުހެވެ.

އަހަރެންނަކީ، ނަފްސާނީ ބަލިތަކަށް ފަރުވާދޭ، މަރުކަޒެއްގައި މަސައްކަތް ކުރަމުން އައި ނަރުހެކެވެ. އެތާނގައި އަހަރެން މަސައްކަތްކުރާތާ މިވީ، އަށް އަހަރެވެ. ތަފާތު އެކި ދައުރުތައް އަހަރެން ދެކެފީމެވެ. އެކަމަކު މިއަދު މިދެކޭފަދަ އަނިޔާވެރިކަން އާއްމުވެފައިވާ ދައުރެއް ނުދެކެމެވެ. އިންސާނުންގެ ގުނަވަންތަކުގެ ބޭނުމުގައި އިންސާނުން ވަގަށް ނަގާ ވާހަކަ އަހަރެން ދެކެނީ ފިލްމުތަކުންނެވެ. އެކަމަކު މިއަދު އެކަން މިއޮތީ ހަޤީޤީ ދިރިއުޅުމުގައި އަހަރެންނާއި ހަމައަށްވެސް ފޯރާފައެވެ.

މިރުޝާން އަކީ ސިއްހަތު ރަނގަޅު ޒުވާން ފިރިހެނެކެވެ. އޭނާ އަކީ، އުފެދުމުގައި ސިކުނޑީގެ އުނިކަމެއް ހުރި ކުއްޖެއް ފިޔަވައި އެހެން އެއްވެސް އުނިކަމެއް ހުރި ޒުވާނެއް ނޫނެވެ. ދެކޭ މީހަކަށް އޭނާ އަކީ ބުއްދި ހަމަ ނުޖެހޭ މީހެއްކަން އެނގޭނީވެސް އޭނާ އާއި އެކު ވަގުތު ކޮޅެއް ހޭދަކޮށްލައި ގެންނެވެ. އެނޫން ގޮތަކަށް ނޭނގޭނެއެވެ.

މިރުޝާނަކީ އަހަރެންނާއި ހަވާލުވެފައިވާ މީހުންގެ ތެރެއިން އެކެކެވެ. އޭނާއަށް ކާންދީ ބޭސްދީ ބެލެހެއްޓުމާއި. އޭނާގެ ނަފްސާނީ ބަލިހާލަތާއި ސިއްޚީ ހާލަތުގެ ރެކޯޑްތައް ބަލަހައްޓަނީ އަހަރެންނެވެ. އަހަރެން ބަލަހައްޓާ އެހެން މީހުންނަށްވުރެ ޚާއްސަ ލޯތްބަކާއި ސަމާލުކަމެއް އަހަރެންނަށް މިރުޝާންއަށް ދެވެއެވެ. އުމުރުން އެންމެ 25 އަހަރުގައި ކައިވެނި ރޫޅި އަނިޔާވެރި ފިރިއެއްގެ އަތްދަށުން ސަލާމަތްވެވުނު މީހަކަށް އަހަރެން ވުމާއި އެކު އެދުވަހުން ފެށިގެން ފިރިހެނުންގެ މަތިން އަހަރެން ފޫހިވެފައި ވާތީއެވެ. އެކަމަކު މިވަޒީފާއަށް ވަދެ މިރުޝާންގެ ކަންކަން ބަލަހައްޓަން ފެށުމާއި އެކު އަހަރެންގެ ހިތް އޭނާގެ މައްޗަށް ލެނބުނީ އިހްތިޔާރުން ބޭރުގައެވެ. ފަހަރެއްގައި އެއީ އަނިޔާގެ ހިތިރަހަ ތަޖުރިބާކުރި އަންހެނެއްގައި ހިތުގައި އުފެދުނު ހަމްދަރުދީ ކަމުގައި ވެދާނެއެވެ.

އެއްރޭގެ އިރާކޮޅުގެ ވަގުތެއްގައި އައި ބަޔަކު މިރުޝާންގެ ގައިން ލޭނަގައިގެން ގެންދިޔައެވެ. އެމީހުންގެ ތެރޭގައި އިސްކޮށް ހުރީ ސަރުކާރު ހޮސްޕިޓަލެއްގެ މުވައްޒަފަކާއި ސިޔާސީ ބާރުހުރި މީހަކާއި ގުޅުން ހުރި މީހެކެވެ. އެރޭވެސް އަހަރެންގެ ހިތުގައި ފާޑެއްގެ ވިންދެއް ޖެހިއެވެ. މީހުން ބަލަހައްޓާ މިމަރުކަޒުގެ އުސޫލުތަކުގެ ބޭރުން، އެއްވެސް ލިޔެކިޔުމެއްގައި ރެކޯޑް ނުކޮށް މިރުޝާންގެ ގައިން ލޭނަގައިގެން ދިޔަ ސަބަބަކާއި މެދުގައެވެ.

އޭގެ ދުވަސްތަކެއް ފަހުން، އެއް ރެއަކު މިރުޝާނާއި އެހެން މީހުން ނިދުމުން މުވައްޒަފުންގެ އިމާރާތުގައި ހުރި އަހަރެން ކޮޓަރިއަށް އައިސް ވަތްތަނުން އައީ ފޯނެކެވެ. ނަމްބަރު ނާރާތީ އަހަރެން ހުރީ އެފޯންކޯލް ނަގަންވެސް ޖެހިލުންވެފައެވެ. ދެވަނަ ފަހަރަށް ރިންގުވާން ފެށުމުން އަހަރެން ކޯލް ނެގީވެސް ބިރުން ހުރެއެވެ. އޭނާ ބުނީ އެންމެ ވާހަކައެކެވެ. ސިޔާސީ މީހެއްގެ ދަރިއެއްގެ ފުރާނަ ސަލާމަތްކުރުމަށް ދެކިޑްނީ ބޭނުން ވެފައިވާތީ، އެމަރުކަޒުގައި ހުރި ޒުވާނަކު ބަޔަކު ވަގަން ނަގަން އުޅޭ ވާހަކައެވެ. ކިޑްނީ ޓްރާންސް ޕްލާންޓް ކުރުމުގެ ޓެސްޓްތައް ހަދައި، ކްރޮސްމެޗް ދިމާވާކަންވެސް ޔަޤީންކޮށްފައިވާ ވާހަކައެވެ. އިތުރު އެއްޗެއް ނުބުނެ އޭނާ ފޯނު ކަނޑާލީއެވެ.

ކޮޓަރީގެ ކުޑަދޮރުން އަހަރެން ބޭރު ބަލާލި އިރު، މީހަކު ބޮޑު ގޯންޏެއް ކޮނޑަށް ލައިގެން މަރުކަޒުގެ މައިގޭޓުން ނުކުންނަނީ އެވެ. އޭރު ބޭރުގައި ކަޅުކުލައިގެ ކާރެއް އޮތެވެ. އަހަރެން ދުއްވައިގަތީ ބަލިމީހުން ތިބޭ އިމާރާތަށް ދިޔުމަށެވެ. ލިފުޓަށް އެރުމުންވެސް ވަގުތު ގެއްލިދާނެ ކަމަށް ބަލާފައި އަހަރެން ތިރިޔަށް ފޭބީ ސިޑިން ދުވަމުންނެވެ. މަރުކަޒުގައި އުޅޭ ހުރިހާ މުވައްޒަފުންވެސް ނިދާފައި ވުމާއި އެކު އެކަކުވެސް ފެންނާކަށް ނެތެވެ.

އަހަރެންނަށް ބަލިމީހުން ތިބޭ އިމާރާތަށް ވަދެވުނު އިރު މައިގޭޓުގައި އިން ވޮޗަރު އިނީ އިސްދަށަށް ޖަހައިގެންނެވެ. އަހަރެން ގާތްވި އިރު އޭނާ އިނީ ގޮނޑީގައި ނިދައި މަރުވެފައެވެ. ސެކިއުރީޓީ ޕޯސްޓުގެ މޭޒުމަތީގައި އަހަރެން ބާރަށް ދެފަހަރަކު ޖަހާލައި ގޮވާލުމުންވެސް އޭނާއަށް ހޭވެރިކަމެއް ނުވިއެވެ. އިމާރާތުގެ އެތެރެއިން އެއްޗެއް ވެއްޓުނު އަޑު އިވުމާއި އެކު އަހަރެން ދުވެފައި ބަލިމީހުން ތިބޭ އިމާރާތުގެ ތެރެއަށް ގޮސްވަތް އިރު ލޮބީގެ ތެރޭގައި، ހުރީ މަރުކަޒު ބަލަހައްޓާ ވެރިޔާ ނާހިދެވެ. އަހަރެން ހައިރާންވީ އޭނާއަކީ މީގެ ކުރިން އެތަނަށް ވަންނަ މީހެއް ނޫންވީމައެވެ. އަހަރެން ފެނުމުން އޭނާ ސިހިގެން ދިޔަ ގޮތުން ހީވީ، ވައްކަން ކުރަން އުޅުނު ވަގަކު ބޭޒާރުވީ ހެންނެވެ.

ދެންމެ އެދިޔައީ ކޮންބައެއްތޯ ސުވާލު ކުރުމުން ނާހިދު ބުނީ ބަޔަކު ނާންނަ ކަމަށެވެ. އަދި އަހަރެންވެސް ނިދަން ދިޔުމަށެވެ. އެކަމަކު އޭނާގެ އަޑާއި ރާގުން އަހަރެންނަށް އޭނާ ހެދީ ދޮގުކަން އެނގުނެވެ. ބަލިމީހުން ތިބި ވޯޑްތަކަށް އަހަރެން ވަންނަން ދާން އުޅެން ފެށުމުން ނާހިދު އެކަން ހުއްޓުވައި އެންގީ ނިދަން ދިޔުމަށެވެ. އެހެން ކަމުން އެވަގުތަށް އަހަރެން ޖެހުނީ އޭނާއަށް ބޯލަނބާށެވެ.

ކޮޓަރިއަށް އައިސް ދެތިން ގަޑިއިރު ފަހުން އަހަރެން އަނެއްކާވެސް ދިޔައީ ބަލިމީހުން ތިބޭ އިމާރާތަށެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަހަރެންނަށް ޔަޤީނާއި ގާތަށް އެނގޭތީއެވެ. މަރުކަޒުން ބަލަހައްޓާ މީހުންގެ ތެރެއިން އެއްވެސް މީހަކު މަދުތޯ ބަލަން ބޭނުންވާތީއެވެ.

އަހަރެންގެ ހިތް އޭރުވެސް ދިޔައީ އާދަޔާއި ޚިލާފަށް ވިންދު ޖަހަމުންނެވެ. ގަނެފައި ހުރި ބިރެއްގެ ސަބަބުންނެވެ. ލިބުނު ފޯންކޯލާއި ކުރީރޭ ފެނުނު މަންޒަރާއި އެކު އެންމެ ފުރަތަމަވެސް އަހަރެންގެ ހިތް ގޮވާލީ މިރުޝާން ނިދާ ވޯޑު ބަލާލުމަށެވެ. އެވޯޑުތެރެއަށް ވަދެ އަލި ފަނޑުކޮށްފައިވާ ބޮކީގެ އަލި ތަންކޮޅެއް ގަދަކޮށްލާފައި އަހަރެން މިރުޝާން ނިދާ އެނދާއި ގާތްވެލީމެވެ. އޭނާއެއް ނެތެވެ. ފާޚާނާ ބަލާލާނަމޭ ހިތާ އެނބުރިލި ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ބާލީހުގައި ހުރި ލޭތިކިތަކެވެ. މިރުޝާން ނިދާއިރު ބައްދައިގެން އޮންނަ އެބާލީހުގައި ހުރި ލޭހުރީ ނުހަނު ތާޒާކޮށެވެ.

މުޅި އިމާރާތް ހޯދައި ބަލައިގެންވެސް އަހަރެންނަކަށް، މިރުޝާނެއް ނުފެނުނެވެ. އެމީހުން އެގެންދިޔައީ މިރުޝާންކަން އަހަރެންނަށް ޔަޤީންވުމާއި އެކު ރޮވުނެވެ. އޭރު ފަތިސް ވަނީއެވެ. އަހަރެން ދުވަމުން ގޮސް އޮފީސް ބަޔަށް ވަތް އިރު އެތާނގައި އިނީ ނާހިދުއެވެ. އޭނާ އިނީ ފޯނުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކާށެވެ. އޭނާ ވާހަކަދައްކަމުން ދިޔައީ ވައިއަޑަކުން ސިއްރުންނެވެ. އަހަރެން އޭނާއަށް ނުފެނި ޕާޓްޝަނާއި ނިވާވެލީ ކޮންމެވެސް ނުބައެއް އެބަ ހިނގާކަން ޔަޤީންވުމުންނެވެ.

ނާހިދު ދައްކަމުން ދިޔަ ވާހަކަ އިވެމުން ދިޔަ ވަރަކަށް އަހަރެންގެ ހިތުގެ ހިނގުން ދިޔައީ އަވަސް ވަމުންނެވެ. ނޭވާ ކުރުވަމުންނެވެ. އަހަރެންނަށް ހީވަނީ ދުނިޔެވެސް އެނބުރެނީ ހެންނެވެ. ނާހިދު ފޯނު ބާއްވަން އުޅޭހެން ހީވުމުން ބޮދަ ބޮނދައިގެން އަހަރެން އޮފީސް ތެރެއިން ނުކުތީމެވެ. ގޯތިތެރޭގައި ހުރިގަހެއްގެ ފުރަގަހުގައި ނިވާވެލީމެވެ. އަހަރެންނަށް އިވުނު ވާހަކަ ޤަބޫލު ކުރަންވެސް ދައްޗެވެ. މިރުޝާންގެ ހަށިގަނޑުގެ ގުނަވަންތަކުގެ ބޭނުމުގައި އޭނާ ވަގަށް ގެންދިޔައީއެވެ. މިހާރު ރަށްކައިރީގައި އޮތް އާގު ބޯޓަކަށް މިރުޝާން އަރުވާފައިވާ ކަމާއި މާދަމާ އެބޯޓު އަވަށްޓެރި ޤައުމަކަށް ވަންނާނެކަން ނާހިދުގެ ވާހަކައިން އެނގުނެވެ. އަދި އޭގެ ބަދަލުގައި 2 ލައްކަ ރުފިޔާ ނާހިދަށް ލިބޭކަންވެސް އަހަރެންނަށް އަޑު އިވުނު ވާހަކަތަކުން އެނގުނެވެ.

މިރުޝާން ގެއްލުނު ވާހަކަ އަހަރެން ހެނދުނު ހެނދުނާ ރިޕޯޓްކުރީމެވެ. ފުލުހުން އައިސް ތަހުޤީޤުވެސް ފެށިއެވެ. އެތަހުޤީޤަށް އަހަރެންނަށް ފެނުނު މަންޒަރާއި އިވުނު އަޑުތައް ކިޔައި ދިނީމެވެ. ނަމަވެސް އަހަރެންދިން ބަޔާން އަހަރެންނާއި ހަމައަށް ސޮއިކުރަން އައިރު އޮތީ އަހަރެންނަށް އެއްވެސް ކަމެއް ނޭނގޭ ކަމަށާއި ޝައްކުވާ ބަޔަކުވެސް ނެތްކަމުގައި ލިޔެފައެވެ. އަހަރެން މިއަދު މަރުގެ ތުންފަތްމައްޗަށް މިވެއްޓުނީ މިހެންވެއެވެ.

އެހާދިސާ އާއި ގުޅިގެން އެތަނުގެ ވަޒީފާ އަހަރެން ދޫކޮށްލީއެވެ. މާލޭގެ އެހެން ނާސިން ހޯމެއްގައި ވަޒީފާ އަދާކުރަންފެށީއެވެ. ކަންދިމާކުރި ގޮތުން އެނާސިން ހޯމުގައި އެކަމަޑޭޝާން ހަމަޖެހިފައި ނުހުންނާތީ އަހަރެންނަށް ޖެހުނީ، މާލެތެރެއިން އެއްކޮޓަރީގެ އެޕާޓްމަންޓެއް ހިފައިގެން އެތަނުގައި ދިރިއުޅޭށެވެ.

ހަތަރުމަސް ފަހުން މިމީހުން އައިސް އަހަރެންނަށް ހަމަލާދިނީ، މިރުޝާން ގެއްލުނު މައްސަލައިގައި ހިއުމަންރައިޓްސް ކޮމިޝަނުން ކުރިޔަށް ގެންދާ ތަހުޤީޤަށް އަހަރެން ހާޟިރުކުރުމަށް ނިންމުމާއި ގުޅިގެންނެވެ. އެކަން އަހަރެންނަށްވެސް އެނގުނީ، އަހަރެން ހަމަލާދޭން އައި މީހުން ދެއްކި ވާހަކައިންނެވެ.

އެމީހުން އަހަރެންގެ ކަރަށް މަޅިގަނޑު ވައްޓާލިކަން އަހަރެންނަށް އެނގެއެވެ. ދެންވީ އެއްވެސް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް  ދުނިޔެ ފެނުނީ ފުސްކަމެއްގެ ތެރެއިންނެވެ. ވަށައިގެންވާ މާހައުލުގައި ހުރި އަޑުތައް އިވެނީ ޒޫންވެގެންނެވެ. ކޮންމެވެސް އެއްޗެއް ވެއްޓުނު އަޑުވެސް ތަންކޮޅެއް ދުރުން އިވުނު އަޑެއްހެން އަހަރެންގެ ކަންފަތަށް އިވިގެން ދިޔައެވެ.

އަހަރެންނަށް ހަމަހޭވެރިކަންވެ ލޯހުޅުވާލެވުނު އިރު އަހަރެންނަށް ފެންނަން އޮތީ ހުދު ކުލައިގެ ސީލިންގ އެކެވެ. ބޮޑެތި ބޮކިތައް ދިއްލާފައި ހުއްޓެވެ. މެޝިންތަކުގެ އަޑު އަހަރެންގެ ކަންފަތަށް އިވެން ފެށިއެވެ. އަހަރެންގެ ނޭވާގެ އަޑުވެސް އަހަރެންނަށް އިވެއެވެ. އަހަރެން ދިރިއޮތީ ލައިފް ސަޕޯޓް މެޝިންގ ތަކުގެ އެހީގައެވެ.

ވާހަކަ ނުދެއްކުނަސް އަހަރެންނަށް އެހެން މީހުން ދައްކާ ވާހަކަތައް އަޑުއިވެއެވެ. ދޭހަވެއެވެ. ލޮލުގެ އެސްފިޔަ ހަލުވާލާނެ ހިއްވަރެއް އަހަރެންގެ ހަށިގަނޑުގައި ނެތަސް އަދި ދޫ ހަރަކާތް ނުކުރިޔަސް އަހަރެންގެ ހަށިގަނޑުގައި ފުރާނަ ހުއްޓެވެ. ވާނުވާ އިހުސާސްވެއެވެ. އެކަމަކު އަހަރެން ކައިރިއަށް އަންނަ މީސްމީހުން ފާޑުފާޑުގެ ވާހަކަ ދައްކަނީ އެކަން އެމީހުންނަށް ނޭނގޭތީއެވެ.

އަހަރެން ދަންޖެހިފައި ހުއްޓައި ފެނިގެން އަހަރެން ހޮސްޕިޓަލަށް ގެނައީ، އަހަރެން އުޅުނު ގޭގެ މީހުންނެވެ. ދަންޖެހިފައި ހުއްޓައި އަހަރެން ފެނުނީ 6 ގަޑިއިރު ފަހުން ނަމަވެސް އަހަރެން މަރުނުވެ އޮތްކަން ވީ ޑޮކްޓަރުން ހައިރާންވި ކަމެއް ކަމަށެވެ. ސީނަށް ދިޔަ ފުލުހުންނަށްވެސް އަހަރެން އަމިއްލައަށް ދަންޖެހުނީ ނޫންކަން ދޭހަވާ ހެކިތައް ފެނިފައިވާކަން އަހަރެންނަށް އެނގުނީ އަހަރެން ގާތުގައި ތިބެ އަހަރެންގެ ހަށިގަނޑުގެ އެކިތަންތަން ބަލައި ފުލުހުން ދެއްކި ވާހަކަ ތަކުންނެވެ.

އެމީހުންނަކަށް އަހަރެން މަރައެއް ނުލެވުނެވެ. އެކަމަކު ދުނިޔެ މައްޗަށް އަހަރެން މަރުވެއްޖެއެވެ. އެކަމަކުވެސް ބޭސްވެރިކަމުގެ ގޮތުން ބަލާއިރު އަހަރެންގެ ސިކުނޑީގައި ދިރުން ހުރީތީ، ލައިފް ސަޕޯޓް މެޝިންގ ތަކުގެ އެހީގައި އަހަރެން ބާއްވާފައި އޮތީއެވެ. ދެންވާނީ ކިހިނެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަލުން އަހަރެންނަށް ނުތެދުވެވުނަސް، މިރްޝާން އަށްވީގޮތް އެނގޭ އަދި އެކަން ފާޅު ކުރަން ބޭނުންވާ އެހެން މީހަކު އެބަހުރިކަން އަހަރެންނަށް އެނގެއެވެ. އެކަމަށް ހެކިވާނޭ ފުރުސަތު އަހަރެންނަށް ނުލިބުނަސް އޭނާއަށް އެހިއްވަރުލިބުން އަހަރެން އަބަދުމެ އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް