މާހެފުމަކީ ކޮންމެ ރޯދަމަހަކާއި ދިމާކޮށް އެމަސް ފެށުމުގެ ކުރިން އެމަހުގެ ފުރަތަމަ ދުވަހާއި ގާތް ދުވަހެއްގައި ޖަމާއަތް ހަދައިގެން ކާ ކެއުމަކަށްކިޔާނަމެކެވެ.
ކާބަފައިންގެ ޒަމާނުއްސުރެ މިއަދާއި ހަމައަށް މިކަން ކުރަމުން އަންނަނީ ވަރަށް ޖޯޝާއި ފޯރީގައެވެ. ނަމަވެސް އިހުޒަމާނުގައި މިކަން ކުރަމުން އައީ ވަރަށް ތަފާތުގޮތަކަށެވެ. މި ޒަމާނުގައި ކުރާ ގޮތަކަށް ނޫނެވެ.
އިހުޒަމާނުގައި މާހެފުން ބާއްވަނީ ޝައުބާން މަހުގެ 29 ވަނަ ދުވަހު އެވެ. ޝައުބާން މަހުގެ 29 ވަނަ ދުވަހު ގެ ރެއަކީ ރޯދައަށް ހަނދުބަލާ ރެއެވެ. ނަމަވެސް މިހާރު މިކަން ކުރަމުން އަންނަ ގޮތަށް ބަލާއިރު، މާހެފުމަކީ ވަކި ދުވަހެއް ބެލުމެއް ނެތެި ކުރަމުން އަންނަކަމެކެވެ. ރޯދަމަސް ފެށެން 15 ދުވަސް ނުވަތަ ވިއްސަކަށް ދުވަހުގެ ކުރިން މާހެފުމުގެ ކުޅިވަރު ތައް ފަށައެވެ.
މާހެފުމަކީ ދިވެހީންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމަށް ވާއިރު، ދީނީ ގޮތުން މިއީ ކޮންކަހަލަކަމެއްތޯ ގިނަބަޔަކު ސުވާލު އުފައްދައެވެ. ނަމަވެސް ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މާހެފުމަކީ ދީނީ ކަމަކަށް ހަދައިގެން ކުރާކަމެއް ނޫންނަމަ ހުއްދަކަމެކެވެ. ނަމަވެސް ދީނީ ކަމެއްގެ ގޮތުގައި މިކަން ކުރާނަމަ ހުއްދަ ނުވާނޭ ކަމަށެވެ. ކޮންމެ އަކަސް ޒަމާނުއްސުރެ ދިވެހީން މިކަން ކޮށް އުޅެނީ ދީނީ ކަމެއްގެ ގޮތުގައި ދެކިގެން ނޫނެވެ. މިކަން ކޮށް އުޅެނީ ސަގާފީ ކަމެއްގެ ގޮތުގައެވެ.
ދިވެހި ތާރީޚަށް ބަލާއިރު ރޯދަމަހާ ކައިރިކޮށް މާހެފުމުގެ ގޮތުގައި ބާއްވާ ކެއުންގަނޑަކީ “ބޮނޑިމަސްކާށި” ގެ ނަމުގައި ، ރަސްރަސްކަލުންގެ ގަނޑުވަރުތެރެއިން ފެށިގެން އައި އާދައެއް ކަމުގައި ތާރީޚު އިލްމުވެރިން ލިއުއްވައެވެ.
މިކަން ހިނގައިދިޔަ ގޮތަކީ، ރޯދަޔަށް ހަނދުބަލާރޭ ހަނގުބޭކަލުން (ރަސްގެފާނުގެ ސިފައިން)، ރަދުންގެ ފައިންފުޅު ހިފައި ނިމޭއިރަށް ދާލަބޮޑުއަށި ކައިރީގައި، ހަނގުބޭކަލުންނަށް ތައްޔާރުކޮށްފައި ހުންނަ ބޮޑު ކެއުމެއްގައި ނުވަތަ މާހެފުމެއްގައި އެބޭކަލުން ބައިވެރިވާންޖެހޭ އާދަކާދައެކެވެ. މީގައި ހުންނާނީ ބޮނޑިއާއި އާރުހާއި، މަހާއި ކާއްޓެވެ. މިއީ އެޒަމާނުގައި އޮންނަ މާހެފުމެވެ. ދިވެހި ތާރީޚު ދިރާސާ ކުރައްވާ ހޯރަފުށީ މުހައްމަދު ސަލީމު ލިއުއްވާފައިވެއެވެ.
ކުރީޒަމާންތަކުގައި މާހެފުމަށް ކައި އުޅުނުތަކެއްޗާއި މިހާރު މާހެފުމަށް ކައި އުޅުނު ތަކެތީގެ ތަފާތުތަކެއް އެބަހުއްޓެވެ. ކުރީ ޒަމަނާނުގައި މާހެފުމަށް ކައި އުޅުނުކަމަށް ބުނެ އުޅެނީ އާރުހާ ބޮނޑިއާއި މަހާ ކާއްޓާއެވެ. އޭގެ ފަހުން މާހެފުމަށް ބޮޑެތި ބަދަލުތަކެއް އައިސް މިހާރު މިކަން ކޮށް އުޅެނީ ވަރަށް ތަފާތު ކެއުންތަކުގައެވެ. އެގޮތުން މިހާރުގެ މާހެފުމުގައި ބޭނުން ކުރަނީ ރޯސްކުރި ކުކުޅާއި ސޮސެޗު ނުވަތަ އެހެންވެސް ޒަމާނީ ކާތަކެތީގެ ބާވަތްތަކެވެ.
ބުނެވޭ ގޮތުން މީހެ 80 ވަރަކަށް އަހަރުކުރިން ލާމު އަތޮޅު ފޮނަދޫގައި ވެސް މާހެފުމުގެ ކުޅިވަރުއޮވެއެވެ. ޝަައުބާން މަހަށް ހަނދު ބެލުމާއެކު އާއިލާތަކުގެ މެދުގައާއި އަވައްޓެރިން އެކުވެގެން މާހެފުން ބާއްވައެވެ. ބުނެވޭ ގޮތުގައި އޭރު ފޮނަދޫގައި އެކި އަވަށްތަކުގައި މާހެފެމުގެ ކަންތައް ކުރަމުން އައި ގޮތް ތަފާތެވެ. އެއްވަށަު މީހުން މާހެފުން އޮޑިއެއް ބަނދެއެވެ. ކުދިބޮޑު އެންމެން، އަހެން ފިރިހެން ހިމެނޭގޮތަށް މާހެފުމަށް ދަނީ މޫދުގައި ބަނދެފައި އޮންނަ މާހެފުން އޮޑިއަށެވެ. ފިރިހެން ވެރިން ރުކުން ކުރުނބާ އިހާބާލައިގެން ކަތިވަޅި ތައް ހިފައިގެން މާހެފެން އޮޑިއަށް ދާއިރު، އަންހެން ވެރިން ބޮޑިބަތާއި ލޮނުމިރުސްމަސް، ހަނާކުރި މަސްފަދަ ތަކެތި އޮޑިއަށް ގެންދެއެވެ.
ބުނެވޭ ގޮތުގައި އެހެން އަވަށެއްގައި ބޯފޮޅި ފިހެ ކޮތަލަކަށް ލާ އެ ބޯފޮޅިތަށް އަތިރިމަތީގައި ގިނަ އަދަދަކަށް އަކިރި ފުނިޖަހާ އޭގެ ކޮންމެވެސް އެއް އަކިރިފުންޏެއްގައި އެ ބޯޅި ކޮތަޅު ވަޅުލައެވެ. ދެން އެންމެން ޖެހޭނީ އެ ބޯފޮޅި ވަޅުލެވިފައި އޮތް އަކިރި ފުނި ދިމާކުރާށެވެ. އެ އަކިރި ފުނި ދިމާކޮށް އެ ބޯފޮޅި ކޮތަޅު ހޯދި މީހަކު މޫދައްލައެވެ. ކުދި ބޮޑު އެންމެންވެސް މިކަމުގައި ބައިވެރިވާ ކަމަށް ބުނެވެއެވެ.
އުމުރުން 60 އަހަރުވެފައިވާ ފޮނަދޫ މީހަކު ކިޔައިދިން ގޮތުގައި އޭނާ ހަނދާން ހުންނަން ފެށިއިރު ވެސް މާހެފުން ބާއްވާ ކަމުގައެވެ. އެކަމަކު އޭރާ މިހާރު މިކަމުގައި ތަފާތުތަކެއް ވާކަން ފާހަގަ ކުރިއެވެ.
“އަހަރެން ހަނދާން ހުންނަން ފެށިއިރު ޝައުބާން މަހުގެ 20 ގެ ފަހުން މާހެފުން މުޅި ރަށުގައި ވަރަށް ފޯރިއާއެކު ބާއްވަ. އެކި ބައިބަޔާ އާއިލާތައް އެކުވެގެން މާހެފުމުގައި އޭރު ބޭނުންކުރީ ބިންބި މާފުށާ ވަޅޯމަސް. މާފުއް މޮޑެނީ ގަބުޅި ހުންޏާ ދިވެހި ހަކުރު ލައިގެން. އެއަސް ކިޔަނީ ގަބުޅި ސަޓަނި. އެކަމަކު އޭގެ ފަހުން ގަބުޅި ހުންޏާ ވަޅޯމަހާ ހަކުރު އެއްކޮށްގެން “މަސްމޮޑުން “ވެސް އެއީ މާހެފުމަށް އިތުރުވި ބާވަތެއް.” އޭނާ ބުންޏެވެ.
އެ މީހާ ބުނީ ކުޑަވަރެއްގެ ހަފްލާއެއްގެ ގޮތުގައި މާހެފުން ކުރިއަށް ދާއިރު އެހަފްލާ އޮންނާނީ ޝައުބާން މަހުގެ އެންމެ ފަހު ދުވަހު މެންދުރު އެންމެ ބޮޑަށް ދިޔަވަރު ބޮޑުވާ ގަޑީގައި އަތިރިމަތީގައި ކަމަށެވެ. އެ ގަޑީގައި ކުދި ބޮޑު އެންމެން މާހަފަން މޫދަށް ދާކަމަށެވެ.
އޭރު އެކަން އެގޮތަށް ކުރިނަމަވެސް ޒަމާންތައް ބަދަލުވެ، މާހެފުމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އޭރު މާހެފުމަށް ބޭނުންކުރި ބާވަތްތައް މިހާރު ނުފެނެއެވެ. މިހާފު މުޅިންވެސް އޮންނަނީ ބާބަކިއު ހެދުންފަދަ ކަންތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް