ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ އެހީތެރިން ހޯދުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން އަނެއްކާވެސް އިއުލާނު ކޮށްފި އެވެ.
މިކަން ހާމަކޮށް ހައްޖު ކޯޕަރޭޝަނުން ބުނީ މިއަހަރުގެ ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ އެހީތެރިން ހޯދުމަށް މިމަހުގެ ހަތްވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދެއްގެ މީހުން ކުރިމަތިލާފައި ނުވާކަމަށެވެ.
އެހެންކަމުން އަނެއްކާވެސް އަލުން އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެހީތެރިންގެ އަދަދު ކަނޑައެޅޭނީ ކުންފުންޏަށް މިއަހަރު ލިބޭ ހައްޖު ކޯޓާގެ އަދަދަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މި އެހީތެރިންގެ ގޮތުގައި ކުރިމަތިލެވޭނީ އަސާސީ ތައުލީމު ހާސިލުކޮށްފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ސިއްހަތު ރަނގަޅު ފިރިހެނުންނަށް ކަމަށެވެ.
އަދި އެހީތެރިންގެ މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހައްޖުވެރިންނަށް ދޭންޖެހޭ އެންމެހާ މައުލޫމާތުތައް ދުވަހުން ދުވަހަށް ދެމުން ގެންދިއުމާއި ދަތުރުގައި ހައްޖުވެރިން އެހީތެރިކަން ބޭނުންވާ އެންމެހާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
މީގެ އިތުރުން ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުގެ ޒިންމާ ތަކުގެ ތެރޭގައި ހައްޖުވެރިންނަށް ދިމާވާ އެކިއެކި ކަންކަން ހައްޖު ކޯޕަރޭޝަންގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ހައްލުކުރުމާއި ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން ހިމެނޭ ކަމަށެވެ.
ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކުރުމަށް އެދޭ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވާލާފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
ހަމައެހެންމެ މަގާމުތަކަށް މީހުން ހޮވުމުގައި އަރަބި ބަސް ނުވަތަ އުރުދޫ ބަހުން ވާހަކަ ދައްކަން އެނގޭ އަދި ހައްޖާއި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް