ރަމަޟާން މަހަށް ތިބާގެ ހިތް އަނެކުންނާއި މެދު ސާފުކޮށްލަމާ ހިނގާށެވެ. !

ރަމަޟާން މަހަކީ ބަރާކާތުން ފުރިގެންވާ މާތް މައްސަރެކެވެ. މުޅި އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ ކުށްފާފަތަކުން ނަފުސުތައް ތާހިރުކޮށްލަން ލިބޭ ރަނުގެ ފުރުޞަތެކެވެ. މި މައްސަރާއި ބައްދަލުވާ މީހާ މި ...

18 Mar 2023 | 15:50

ރަމަޟާން މަހަކީ ބަރާކާތުން ފުރިގެންވާ މާތް މައްސަރެކެވެ. މުޅި އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ ކުށްފާފަތަކުން ނަފުސުތައް ތާހިރުކޮށްލަން ލިބޭ ރަނުގެ ފުރުޞަތެކެވެ. މި މައްސަރާއި ބައްދަލުވާ މީހާ މި މައްސަރަށް ރަނގަޅަށް ތައްޔާރު ވުމަކީ ކޮންމެ ހެންވެސް ކުރަން ޖެހޭނޭ ކަމެކެވެ.

ރަމަޟާން މަހަށް ތައްޔާރުވުމަކީ ގޭގައި ހުރި ފަރުނީޗަރުތައް ބަދަލުކޮށް ގޭގައި ކުލަލާ ގޯތި ތެރެއަށް އަކިރިލުމެއް ނޫނެވެ. އެ މަހަށް ތައްޔާރުކުރަން ޖެހެނީ ތިބާގެ ނަފުސެވެ. އެގޮތުން ރަމަޟާން މަހާއި ބައްދަލުވުމުގެ ކުރިން ނަޞޫޙް ތަޢުބާއަކުން ތަޢުބާވެ މީހެއްގެ ހައްޤަކަށް އަރައިގެނެވިފައިވާ ނަމަ އެކަމެއްގެ މަޢާފު އެމީހެއްގެ ކިބައިން ހޯދާ، ނަފުރަތާއި ރުޅިވެރިކަމުން ތިބާގެ ހިތް ސާފު ތާހިރުކޮށްލަން ޖެހެއެވެ. އެހެން މީހުންނާއި އަޚުވަންތަކަމުގެ ގުޅުން ޤާއިމުކުރަން ޖެހެއެވެ. އާއިލާ މީހުންނާއި އެއްބަނޑު އެއްބަފާ މީހުންނާއި ގުޅުން ބަދަހިކޮށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. އަޅާލާ އޯގާތެރިވާން ޖެހެއެވެ.

އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢުގެ ހާލަތު ވަރަށް ތަފާތެވެ. ކާބަފައިންގެ ޒަމާނުގައި އޮންނަ އަޚުވަންތަކަމާއި ގުޅުން ނޯވެއެވެ. އެކުވެރިންގެ މެދުގައި ފިތުނައާއި ހަސަދައާއި ރުޅީވެރިކަމެވެ. އާއިލާ މީހުންގެ މެދުގައި އޮންނަ ގުޅުން ކެނޑި ނަފުރަތަށް ވަނީ ބަދަލުވެފައެވެ. އެއްބަނޑު އެއްބަފާކަމުގެ ގުޅުން ކެނޑި އެބައި މީހުންގެ މެދުގައި ވަނީ ހަސަދައާއި ނަފުރަތުގެ ހުޅުގަނޑު ރޯވެފައެވެ. މިއީ މިއަދު އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ހާލަތެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

އެކުވެރިންނޭވެ. މިއީ އަހަރެމެންގެ އެންމެން އެކަތިގަނޑަކަށް ވެ އަތުގުޅާލައިގެން މި މާތްމައްސަރާއި ބައްްދަލުކުރަން ޖެހޭ ވަގުތެވެ. ރުޅިވެރިކަމާއި ނަފުރަތާއި ހަސަދަވެރިކަން ފަދަ ނުބައި ކަންކަން ދޫކޮށްލާށެވެ. އެންމެން ނަކީވެސް އެއްބަނޑުއެއްބަފާ ބަޔަށް ވެ ގުޅުން ބަދަހިކޮށް މި މާތް މައްސަރާއި ކުރިމަތި ލަމާ ހިނގާށެވެ.

އެކުވެރިންނޭވެ. ނިމިގެންދިޔަ ރަމަޟާން މަހު އަޅުގަނޑުމެންނާއި ބައްދަލުވި އެތަކެއް އަޚުންނާއި އުޙުތުން މިއަދު ވަނީ އަޅުގަނޑުމެންނާއި ވަކިވެ މާތް ﷲގެ ހަޟުރަތައް ދަތުރުކޮށްފައެވެ. އެހެން ކަމުން މިއީ އަޅުގަނޑުމެންނަށް ވެސް ލިބޭނެ އެންމެ ފަހުގެ ރަމަޟާން މަހައް ވެދާނެއެވެ. އެންމެ ފަހު ފުރުސަތައް ވެދާނެއެވެ. ހިތްސާފުކޮށްލާށެވެ. އެއްބަޔަކު އަނެއްބަޔަކަށް ހިތްހެޔޮކޮށްލާ އެކުވެރިވަމާ ހިނގާށެވެ. މި މާތް މައްސަރުގެ ބަރަކާތާއި ސަވާބު އެންމެ ފުރިހަމަ ގޮތުގައި ލިބޭތޯ މަސައްކަތް ކުރަމާ ހިގާށެވެ. މިއީ ރަނގަޅު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް އަޒުމުކުރަމާ ހިނގަށެވެ. ސަލާމަތާއި ރައްކާތެރިން ލިބުމަށްޓަކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް