ކުށްކުރާ މީހުން ކުށްކުރަން ގެންގުޅޭ އުކުޅުތަކާއި ވަސީލަތްތައް އަންނަނީ ބަދަލުވަމުން ކަމަށާއި އެއާ އެއްވަރަށް ފުލުހުންގެ މުއައްސަސާ ވެސް ތަރައްޤީވެ، ބަދަލުވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ، މިހާރު ފުލުހުންގެ ޚިދުމަތަށް ގޮންޖެހުން ބޮޑުކަން ފާހަގަކުރައްވައި ސިނާއީ އިންގިލާބާ އެކު މުޅި ދުނިޔެ ވެސް ބަދަލުތަކެއްގެ ތެރެއަށް ފުރޮޅިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން މުޖްތަމައާއި ފަރުދުންގެ ސަލާމަތަށް ނުރައްކާކުރާ ކަންތައް ދަނީ ތަފާތުވަމުން، ބަދަލުވަމުން ކަމަށާއި އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅި ވެސް ދަނީ ބަދަލުވަމުން ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ އެފަދަ ކުށްތައް ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި، އެފަދަ ކުށްތަކަށް އަރައިގަތުމަށް ފަހު، ގާނޫނުގެ އަތްދަށުނުވުމަށް ރާވާ ރޭވުންތައް ވެސް ދަނީ ބަދަލުވަމުން، ތަފާތުވަމުން ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
މިކަމަށް އިޝާރަތް ކުރައްވާ ރައީސް ފާހަގަކުރެއްވި ގޮތުގައި މި ބަދަލުތަކާ އެކު ފުލުހުން އިތުރަށް ސަމާލުވެ، ތައްޔާރުވާން ޖެހެއެވެ.
މިގޮތުން އެކަން ކުރެވޭނީ އެ ބަދަލުތަކާ އެއްވަރަށް ފުލުހުންގެ މުއައްސަސާ ވެސް ތަރައްގީވެގެން ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައި ވެއެވެ.
ފުލުހުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދަން ޚާއްސަ އިސްކަމެއް ދޭން ޖެހޭކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެ ވަސީލަތްތައް ހޯދުމުގައި މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ފުލުހުން ބޮޑީ ވޯން ކެމެރާއާއި ޓޭޒާ ބަޑި ބޭނުން ކުރަން ފެށުމަކީ އެ ކަމުގެ ދަލީލެއް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ ދިފާއުގައި ފުލުހުން ކިތަންމެ ބޮޑު ނުރައްކަލަކާ ވެސް ކުރިމަތިލާން ޖެހިދާނެކަން ފާހަގަކުރައްވައި ރައީސް ވަނީ ފުލުހުންގެ ޖިސްމާނީ އަދި ނަފްސާނީ ރައްކާތެރިކަން ވެސް ކަށަވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުންގެ ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސާ އެކު އެފަދަ ޒަމާނީ އިތުރު ބަދަލުތައް އައިސް، ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްގީވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި މިއަދު ފުލުހުންގެ ޚިދުމަތާ ބެހޭ ގޮތުން، 10 ދިރާސީ ކަރުދާސް ހުށަހަޅައި، ޢިލްމީ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުލުހުންގެ ޚިދުމަތްތައް ކުރިއަރުވައި، ތަރައްޤީކޮށް ޕޮލިސް ރިފޯމް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް