ފުލުހުންގެ ޚިދުމަތާ ގުޅޭ ގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، މުޖުތަމަޢާ ގުޅިގެން ޚިދުމަތް ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމަޢުގެ އެއްބައިކަން ރައްޔިތުންނަށް ޤަބޫލުކުރެވިގެން ކަމުގައި ފާހަގަ ކުރައްވާފަ އެވެ.
މިއަދުގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 2021 ވަނަ އަހަރު ޢަމަލުކުރަންފެށި ފުލުހުންގެ އައު ޤާނޫނުގެ މައްޗަށް އަލިއަޅުއްވައިލައްވައިފަ އެވެ.
އަދި މި ޤާނޫނަށް ފުރިހަމަގޮތުގައި ޢަމަލުކުރެވޭނީ މުޅި މުޖްތަމަޢު ޝާމިލުވާ ގޮތަށް ވަށައިޖެހޭ ނިޒާމެއްގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ބައްޓަންކޮށްގެން ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް، މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމުގައި ވިދާޅުވެފަ އެވެ.
ނަތިޖާ އެއްގެ ގޮތުން ވޭތުވެދިޔަ 5 އަހަރު ބޮޑެތި ކުރިއެރުންތަކެއް ސަރުކާރުން ހޯދާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ކުރީ ސަފުގައި ޚިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއި، މިއަހަރުގެ ތެރޭގައި ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ޓޭޒާ ގަން އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.
ހަމަ އެއާއެކު އައްޑޫގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ޤާއިމުވުމަކީވެސް، ޒަމާނީ ތަޢުލީމު ލިބިފައިވާ ފުލުހުން ބިނާކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.
މިއަދުގެ ކޮންފަރެންސާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮންފަރެންސަކީ ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ރާއްޖޭގެ ތާރީޚްގައި ވެސް އަދި ފުލުހުންގެ ޚިދުމަތުގެ ތާރީޙުގައި ވެސް މިހާތަނަށް ބާއްވާ ފުރަތަމަ ކޮންފަރެންސްކަން ފާހަގަކުރައްވާފަ އެވެ.
އަދި އެމަނިކުފާނު ވިދާޅުވީ މި ކޮންފަރެންސްގެ އަމާޒަކީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ފެންވަރު ރަނގަޅު ކުރުން ކަމުގައެވެ.
ކޮންފަރެންސާއި ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ތަޖުރިބާކާރުންގެ އިރުޝާދާއި ޢިލްމީ ޙަޤީޤަތްތަކުގެ އަލީގައި ކަންކަމާ މަޝްވަރާކުރުމުން، ނެރެވޭ ނަތީޖާ ރަނގަޅުވާނެކަން ފާހަގަ ކުރައްވާފަ އެވެ.
އަދި މި ފަދަ ޢިލްމީ ކޮންފަރެންސެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި، ޕޮލިސް ބޯޑަށާއި ހޯމް މިނިސްޓްރީ އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާފައި ވެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި މިއަދު ފުލުހުންގެ ޚިދުމަތާ ބެހޭ ގޮތުން، 10 ދިރާސީ ކަރުދާސް ހުށަހަޅައި، ޢިލްމީ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުލުހުންގެ ޚިދުމަތްތައް ކުރިއަރުވައި، ތަރައްޤީކޮށް ޕޮލިސް ރިފޯމް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް