ޕީޕީއެމުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން ނޫސްވެރިޔަކު ހައްޔަރުކުރީ ފުލުހެއްގެ ގައިގައި ޖެހި މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މިކަން ހާމަކޮށްފައި ވަނީ އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާ ކަވަރުކުރަން އުޅުނު "އަވަސް" ނޫހުގެ އެ ނޫސްވެރިޔާ ހައްޔަރުކުރީ މުޒާހަރާ ކަވަރުކުރަން، ނޫސްވެރިއެއްކަން އަންގައިދޭ ކާޑު ވެސް އަޅައިގެން ހުއްޓާ ކަމަށް ވާތީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެގޮތުން މިކަން ހާމަކޮށް ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ނޫސްވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އެއްވުމުގެ ތެރެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކުރި ވަގުތު އެ ނޫސްވެރިޔާ އެކަމަށް ހުރަސްއަޅައި ފުލުހެއްގެ ގައިގައި ޖަހައިފައި ވާތީ ކަމަށެވެ.
އަދި ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް