އުރީދޫ މަސްރޭހުގެ 11 ވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން މިއަދު ހުޅުވާލައިފިއެވެ.
އުރީދޫ އިން ބުނީ މި އިވެންޓްގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އުރީދޫ މަސްރޭހަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫ މޯލްޑިވްސްއިން ބާއްވާ މަސްބޭނުމުގެ މުބާރާތެކެވެ.
އުރީދޫ އިން އިންތިޒާމް ކުރާ މި މަސްބޭނުމުގެ މުބާރާތަށް ވަނީ ބޮޑު ތަރުހީބެއްލިބި ދިވެހިންގެ ރޯދަމަހުގެ ބަޔަކަށްވެފައެވެ.
އެގޮތުން ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާއިއެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ކުރެވޭނެ ކަމަކަށްވެފައެވެ.
މުޅި ރޯދަމަހަށް ބަހާލެވިގެން ކުރިޔަށް ގެންދާ މި މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެން ނިޔާޒް ވިދާޅުވީ އުރީދޫ މަސްރޭހުގައި ބައިވެރިވުމަށް އަބަދުވެސް އެބޭފުޅުންނަށް ރިކުއެސްޓް ލިބޭ ކަމަށެވެ.
އެހެންކަމުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ރައްކާތެރި މާހައުލެއްގައި އުރީދޫ މަސްރޭސް 2022 ބޭއްވޭތީ އުރީދޫއިން އުފާ ކުރާކަަން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން މަސްވެރިކަމަކީ އެންމެ ކުރީއްސުރެ ދިވެހިންގެ ސަގާފަތުގެ ވަރަށް ބޮޑު ބައެއް ކަމަށާއި އެހެންކަމުން ހުރިހާ ޒުވާނުންވެސް މިސަގާފަތް ދިރުވާ، އާލާކޮށް ދެމެހެއްޓުމަށް މަސްރޭހުގެ ފޯރީގައި ބައިވެރިވާނެ ކަމަށް އުންމީދުކުރާ ކަމަށް ހުސެން ނިޔާޒް ވިދާޅުވިއެވެ.
މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށްވެސް، އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއްވަނީ ހުށަހަޅާފައެވެ. މިފަހަރު ހޮވޭ ވަނަތަކުގެ ތެރޭގައި އެއްވަނަ ހޯދާ ޓީމަށް 50،000 ރުފިޔާ ކަނޑައަޅާފައި ވެއެވެ.
އެންމެ ގިނަ މަސް ބާނާ "މުބާރާތުގެ މަސްވެރިޔާ" އަށް 5000 ރުފިޔާ އާއި ރަންކޯރި ހިމެނެއެވެ. އަދި އެންމެ ބަރު މަސް ބާނާ ފަރާތައް 5000 ރުފިޔާ ކަނޑައަޅާފައި ވެއެވެ.
އުރީދޫ އިން ބުނީ ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސްރޭހުގެ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ 1 މެއި 2022 ގައެވެ.
މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރާ ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން ދައުވަތު އަރުވާފައި ވެއެވެ.
ސަރުކާރު އޮފީސްތަކާ، ޕްރައިވެޓް ކުންފުނިތައް އަދި އާންމު ރައްޔިތުންވެސް ޓީމްތަށް އުފައްދައިގެން މަސްރޭހުގެ މި ފޯރިގަދަ ސީޒަންގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސްއިން ދައުވަތު އަރުވާފައި ވެއެވެ.
މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 މާރިޗް 2022 ގެ ކުރިން އުރީދޫ މޯލްޑިވްސް ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓަރ ވާންޖެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް