ބީއެމްއެލްގެ މުވައްޒަފުން މާލެ ސުވިމިންގ ޓްރެކް އަދި ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަހައްދު ސާފުކޮށްފި

ބީއެމްއެލް ގެ މުވައްޒަފުން އިސްނަގައިގެން މާލެ ސުވިމިންގ ޓްރެކް އަދި ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތަކެއް މިއަދު ހެނދުނު ބާއްވާފައިއެވެ. އެ ބޭންކުން މައުލޫމާތުދެއްވާގޮތުގައި މި ...

18 Mar 2022 | 09:53

ބީއެމްއެލް ގެ މުވައްޒަފުން އިސްނަގައިގެން މާލެ ސުވިމިންގ ޓްރެކް އަދި ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތަކެއް މިއަދު ހެނދުނު ބާއްވާފައިއެވެ.

އެ ބޭންކުން މައުލޫމާތުދެއްވާގޮތުގައި މި ހަރަކާތަކީ ބީއެމްއެލް ގެ މުވައްޒަފުން އިސްނަގައިގެން މާރިޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން 9:00 އަށެވެ. މިއީ ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޑައިވް ކްލަބް މޯލްޑިވްސް، ޑައިވް ޑެސްކް އަދި ޕާރލޭއާ ގުޅިގެން ހިންގުނު ހަރަކާތެކެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބޭންކްގެ މުވައްޒަފުން މީގެ ތިން އަހަރުކުރިންވެސް ސްވިމިންގް ޓްރެކް ސާފްކުރި ކަމަށާއި އޭރާ އަޅާބަލާއިރު މިހާރު ސްވިމިންގ ޓްރެކް ސަރަހައްދު ސާފުކަމަށް ފާޙަގަކުރެވޭ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް ދަޅާއި ޕްލާސްޓިކް ފުޅި މޫދަށް އަޅާފައި ހުންނަތަން ފެންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމަކީ އެންމެހާ ބޭފުޅުންވެސް މިތާނގައި ހުންނަ ޑަސްބިން ބޭނުންކުރެއްވުން، އަދި މޫދަށް ކުނި ނޭޅުން" ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ ސަރަހައްދަށް ބަލާއިރުވެސް އަތިރިމައްޗާއި ގޮނޑުދޮަށުގައި ގިނަ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރި ކަމަށާއި ހުޅުމާލެގެ ބީޗް ސަރަހައްދުގެ އެއްބައި މިއަދު ސާފުުކުރެވުނު އިރު 500 ކިލޯގެ ކުނި ނެގެނު ކަމަށެވެ. މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނުކަން ސައީދު ފާހަގަކުރެއްވިއެވެ.

މި ދެސަރަހައްދުން 755 ކިލޯގެ ކުނި ނަގާފައިވެއެވެ. މީގެ ތެރެއިން 84 ކިލޯގެ ޕްލާސްޓިކް ވަނީ ރީސައިކަލް ކުރުމަށް ފާރލޭއާ ހަވާލުކޮށްފައެވެ.

މި ހަރަކާތުގައި ބީއެމްއެލް ގެ 80 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުވެސް އަތޮޅުތެރޭަގައި މަސައްކަތް ކުރާ މުވައްޒަފުންވަނީ މިދުވަހާ ގުޅުވައިގެން ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައި ހަރަކާތްތަކެއް ހިންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް