ދަރިންނަށްޓަކައި 43 އަހަރު ފިރިހެނެއްގެ ގޮތުގައި އުޅުނު އަންހެނަކަށް "ލާމަސީލު މަންމަ"ގެ ލަގަބު

އެއީ މިސްރުގެ އަންހެނެކެވެ. ނަމަކީ ސިސާ އަބޫ ދާއޫ އެވެ. މިހާރު އުމުރުން 64 އަހަރެވެ. ޅަ އުމުރުގައި އަލަތު ކައިވެންޏެއްކުރީ އުޖާލާ މުސްތަގްބަލަކަށް އުންމީދު ކުރަމުންނެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ފި...

18 Mar 2015 | 18:31

އެއީ މިސްރުގެ އަންހެނެކެވެ. ނަމަކީ ސިސާ އަބޫ ދާއޫ އެވެ. މިހާރު އުމުރުން 64 އަހަރެވެ. ޅަ އުމުރުގައި އަލަތު ކައިވެންޏެއްކުރީ އުޖާލާ މުސްތަގްބަލަކަށް އުންމީދު ކުރަމުންނެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ފިރިމީހާގެ ހާލު ދެރަވެ ފިރިމީހާ މި ދުނިޔެއާ އަލްވަދާއު ކީއެވެ. ސިސާއަށް ލިބުނީ އަންހެން ދަރިއެކެވެ. ދަރިއަށް ކިޔާ ނަމަކީ ހައުދާ އެވެ.

މީގެ 43 އަހަރުކުރިން ސިސާއަށް ތަގުދީރު މަޖުބޫރު ކުރުވީ ދަރިއަށްޓަކައި މަސައްކަތްކޮށް ލާރި ހޯދުމަށެވެ. އެހެނަސް މިސްރުގެ އާންމު ދިރިއުޅުމުގެ ވައްޓަފާޅި އޮންނަގޮތުން އަންހެނަކު އާންމު މަސައްކަތަށް ނިކުމެ އުޅުމަކީ ކުރެވޭވަރުގެ ކަމަކަށް ނުވެ އެވެ. މީހަކު މަސައްކަތެއް ހަވާލެއް ނުކުރެ އެވެ. ފޮށުމާއި ފުރައްސާރަކުރުން އިންތިހާއެވެ.

ސިސާއަށް މަޖުބޫރުވީ ފިރިހެނެއްގެ ސިފައިގާ މަސައްކަތް ކުރުމަށެވެ. އިތުރު ގޮތެއް ނެތަތީއެވެ. ފިރިހެނުންގެ ޖުއްބާއާއި ބޫޓާއި ތޮފި އަޅައިގެން ދަރީގެ މުސްތަގްބަލަށްޓަކައި ނުކުރާކަށް މަސައްކަތެއް ނެތެވެ. ބޫޓު ޕޮލިސް ކޮށްދިނުމާއި، ސައިކަލު ބައިސްކަލު ހަންބެއްދުމާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރުންވެސް ސިސާއަށް ބޮޑު ކަމަކަށް ނުވިއެވެ.

އެއްކުރި ލާރިން އަންހެންދަރީގެ ކައިވެނީގެ ކަންކަން ހަމަޖެއްސީ މީގެ ވިއްސަކަށް އަހަރު ކުރިންނެވެ. އެހެނަސް އަނެއްކާވެސް ތަގުދީރު ނިޔާކުރިގޮތުން ދަނބިދަރި ނުކުޅެދޭ މީހަކަށްވީ އެވެ. އަނެއްކާވެސް ސިސާއަށް ޖެހުނީ ފިރިހެނެއްގެ ގޮތުގައި މަގުމައްޗަށް ނިކުންނާށެވެ. އަންހެންދަރިއާއި އެދަރީގެ ދަރިންނާއި ދަނބިދަރީގެ ހައްގުގައެވެ.

"އަހަރެން ގިނައިން މަސައްކަތްކުރަން ދަނީ އެއްވެސް މީހަކަށް އަހަރެން މީ ކާކުކަން ނޭނގޭކަހަލަ އަވަށްތަކަށް، ސިމެންތި ބަސްތާއެއް ކޮނޑުގަ ޖަހާލައިގެންދާކަށް މިހާރުވެސް އެއްވެސް ކަމެއް ނޫން، މުޅި އުމުރުވެސް ދަރިއާއި ދަރިންގެ ދަރިންނަށްޓަކައި ހޭދަކޮށްލަފާނަން" މިސްރުގެ ލަކްސޯރް އަވަށުގެ ނޫހަކަށް އިންޓަވިއުދެމުން ސިސާ ބުނެފައި ވެއެވެ.

43 އަހަރުވާންދެން ސިސާ ކުރި މަސައްކަތުގެ ފޮނި މޭވާ މިއަދު މިވަނީ ލިބިފައެވެ. ސިސާ އުޅެމުން އަންނަ ލަކްސޯރްގެ ގަވަރުނޭޓް އޮފީހަށް ސިސާގެ ވަހަކަތައް އެނގުމުން އެކަން ކަށަވަރު ކުރުމަށްފަހު އެ ގަވަރުނޭޓުން ވަނީ ސިސާއަށް "ލާމަސީލު މަންމަ"ގެ ލަގަބު އަރުވާފަ އެވެ. އަދި ސިސާ މަގުމަތީގައި ފިރިހެނަކަށް ހެދިގެން އުޅެ ހޯދާ އާމްދަނީއާ އެއްވަރު އެލަވެންސެއް އެ ގަވަރުނޭޓުން މިހާރު ސިސާއަށް ވަނީ ހަމަޖައްސަދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް