ނާޒިމް އެއްކޮށް ގޭ ބަންދަށް ބަދަލުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ގޭގައި ބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. ނާޒި...

18 Mar 2015 | 11:31

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ގޭގައި ބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ނާޒިމް ގޭބަންދަށް ބަދަލުކޮށްފައި ވަނީ، މިއަދު ބޭއްވި ޝަރީއަތުގައި އޭނާގެ ސިއްހީ ހާލުކޮޅުހުރިގޮތުން، ނާޒިމްގެ ގާނޫނީ ވަކީލުން އޭނާ ގޭބަންދަށް ބަދަލުކޮށްދެއްވުމަށް އެދުމުން ފަނޑިޔާރުން އެގޮތަށް ނިންމެވުމުންނެވެ.

ނާޒިމް ގެއަށް ބަދަލުކުރުމަށް ކޯޓުން މިއަދު ނިންމީ ނާޒިމްގެ މައްސަލާގައި ދައުލަތުން ސިއްރުކޮށްގެން ހުށަހަޅަން ބޭނުންވި ހެކިންގެ، ހެކިބަސް މިއަދު ނަގާ ނިމުމުންނެވެ. ނާޒިމްގެ މައްސަލާގައި ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އެކަކު ވަނީ ސިއްރުން ހެކިބަސް ދީފަ އެވެ. ނަމަވެސް ނާޒިމްގެ ގާނޫނީ ޓީމުން ވަނީ އެމީހާ ދެނެގަނެ ހެކިވެރިޔާ ހާމަކޮށްފަ އެވެ.

ނާޒިމްގެ ޝަރީއަތް ފެށީ މިއަދު ހެނދުނު 11:00 ޖެހިއިރު އެވެ. ބައެއް ވަގުތުތަކަށް މެދުކަނޑާލަމުން ކުރިއަށް ގެންދިޔަ ޝަރީއަތް ނިމުނީ މިއަދު ހަވީރު 4:00 ޖެހިއިރު އެވެ.

ނާޒިމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު 10:00 ޖަހާއިރު ބާއްވާނެ ކަމަށް މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުން ވިދާޅުވި އެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ހަތިޔާރު އެތެރެކުރުމާއި ގެންގުޅުނު ކަމަށް ފުލުހުން ބުނާ މައްސަލާގަ އެވެ. ނަމަވެސް ނާޒިމް ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް