ފެބްރުއަރީ 8 ގައި ވަކިވަކި ފުލުހުންނަށް ލިބުނު ގެއްލުމުގެ ބަދަލުދިނުމަށް ސަރުކާރުން ނިންމައިފި

8 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގެތެރޭގައި ބައެއް ރަށްރަށުގައި ތިބި ފުލުހުންނަށް ލިބިގެންދިޔަ ގެއްލުންތަކުގެ ބަދަލު ދެއްވަން ސަރުކާރުން ނިންމަވައި އެ...

18 Mar 2015 | 11:28

8 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގެތެރޭގައި ބައެއް ރަށްރަށުގައި ތިބި ފުލުހުންނަށް ލިބިގެންދިޔަ ގެއްލުންތަކުގެ ބަދަލު ދެއްވަން ސަރުކާރުން ނިންމަވައި އެކަން މިއަދު އިޢުލާނު ކޮށްދެއްވައިފިއެވެ.

ފުލުހުން ބުނީ މިއަދު އޮތް މެނޭޖްމަންޓް ބޯޑުގައި އެކަން އިއޢުލާނު ކޮށްދެއްވައި އެކަމުގެ މަޢުލޫމާތު ފުލުހުންގެ އިސްވެރިންނާ ޙިއްސާކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ކަމަށެވެ.

މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ 2012 ފެބުރުއަރީ 8 ވަނަ ދުވަހު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ބައެއް ރަށްރަށުގައި ވަކި ވަކި ފުލުހުންނަށާއި ފުލުހުންގެ ތަކެއްޗަށާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު އެ ގެއްލުންތަކުގެ ބަދަލު އަދި މިހާތަނަށް ލިބިގެން ގޮސްފައި ނުވާކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސާފައިވަނީ އެދުވަހު ގެއްލުން ލިބުނު ފުލުހުންނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ވަރަށް އަވަހަށް ހަމަޖައްސަވައި ދެއްވަން ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މިއަދުގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ފުލުހުން އިތުރަށްބުނީ 8  ފެބުރުއަރީ 2012 ވަނަ ދުވަހު މާލެއާއި އަތޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ބައެއް ރަށްރަށުގައި ވަކިވަކި ފުލުހުންނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށެވެ. މިގޮތުން ބައެއް ފުލުހުންގެ ސައިކަލުތަކުގައި ހުޅުޖަހައި އަންދާލައި ފުލުހުން ބޭނުންކުރަމުންދިޔަ ފޯނާއި ލެޕްޓޮޕްފަދަ އަގުހުރި މުދަލާއި ބޭނުންކުރި ހެދުމާއި އެހެނިހެން ތަކެއްޗަށް ގެއްލުންދީ އަންދާލާފައި ވާކަމަށެވ. އަދި ބައެއް ފުލުހުން އެވަގުތު ގައިގާ އޮތް ޔުނީފޯމް ނުވަތަ އެވަގުތަކު ލައިގެންހުރި ހެދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތި ވަނީ އަންދާލާފައެވެ. މީގެ އިތުރުން އެދުވަހު ބައެއް ރަށްރަށުން ފުލުހުން ބޭރުކޮށް ފުލުހުން މަގުމަތި ކޮށްފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް