ސަލީމަށާއި އަކްރަމަށް މަޖިލީހުން ރުހުން ދީފި

ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އަހްމަދު ސަލީމާއި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އަހްމަދު އަކްރަމް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވ...

18 Mar 2015 | 11:11

ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އަހްމަދު ސަލީމާއި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އަހްމަދު އަކްރަމް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަލީމާއި އަކްރަމަށް ރުހުން ދިނުމަށް ފާސްވީ 53 މެމްބަރުންގެ އިއްތިފާގުންނެވެ. މި ދެ ވޯޓުގައި ވެސް އެމްޑީޕީގެ މެމްބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލް މަގާމު ކުރިން އަދާކުރެއްވި ސަލީމް، ޕާކިސްތާނުގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވީ، އެ މަގާމުގައި ކުރިން ހުންނެވި މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލް، މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހު ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމަށް ފަހު އެވެ.

އިލެކްޝަންސް ކޮމިޝަނަށް އަކްރަމް އައްޔަން ކުރައްވަނީ، އެ ކޮމިޝަންގައި ތިއްބެވި މެމްބަރުންގެ ތެރެއިން މެމްބަރެއްގެ މުއްދަތު، ނޮވެމްބަރު 24، 2014 ގައި ހަމަވެ، އެ މަގާމު ހުސްވެފައިވާތީ އެވެ.

މިހާރު އިލެކްޝަން ކޮމިޝަންގައި ތިއްބަވަނީ ހަތަރު މެންބަރެކެވެ. އެއީ ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާނާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އިސްމާއީލް ހަބީބާއި މެމްބަރު މުހައްމަދު ޝަކީލެވެ. އަކްރަމަށް މަޖިލީހުން ރުހުން ލިބިވަޑައިގެންނެވުމުން ކޮމިޝަނުގެ މެންބަރުންގެ އަދަދު ހަމަވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް