ބޭންކް އޮފް މޯލްޑިވްސްއިން މި ރަމަޟާން މަހު ޢުމްރާއަށް ވަޑައިގަންނަވާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް ހަމަޖައްސައިފިއެވެ.
މިގޮތުން ޑޮލަރު ވިއްކުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް މަލިކް ސަލްމާން (ސަލްމާން މިސްކިތް) ކޮންފަރެންސް ހޯލް (5 ވަނަ ފަންގިފިލާ) އިންނާއި ބީއެމްއެލް ހުޅުމާލެ ބްރާންޗް މެދުވެރިކޮށް ބޭންކް ބަންދު ނޫން ދުވަސްތަކުގައި ކަމުގައި އެ ބޭންކުން ބުނެފައިވެއެވެ.
މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް:
- 19 އިން 27 ފެބުރުވަރީ 2025، ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް
- 2 އިން 13 މާރިޗު 2025، ހެނދުނު 9:30 އިން 11:30 އަށް
ޢުމްރާވެރިންނަށް ވީހާވެސް ފުރިހަމައަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ބޭނުންވާ ހިނދު، ބައެއް ކަންތައްތަކަށް ކަސްޓަމަރުން ސަމާލުކަން ދިނުމަށް ބީއެމްއެލްއިން އެދިފައިވެއެވެ.
އެ ކަންތައްތަކަކީ:-
- ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރުކަން
- އެއްފަހަރާ 5 ޢުމްރާވެރިންނަށް ވުރެ ގިނަނުވާ ގޮތަށް ޑޮލަރު ގަނެވޭނެކަން
- ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުން ނުވަތަ ނަގުދު ފައިސާއިންކަން
- ޑޮލަރު ގަންނަ ވަގުތު ކޮންމެ ޢުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހުށަހަޅަންވާނެކަން
- ޢުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުވެސް ހުށަހަޅަންވާނެކަން
- ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށްކަން
އެހެނިހެން ޢުމްރާވެރިންނަށް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ޑޮލަރު ނެންގެވޭނެކަމުގައިވެސް ބުނެފައިވެއެވެ.
ބޭންކުން އިތުރަށް ބުނެފައިވާގޮތުގައި މަތީގައި ބަޔާންކޮށްފައިވާ ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް އަދި ވިލިމާލެ ބްރާންޗުން ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ނުލިބޭނެއެވެ. ނަމަވެސް، މާލެ ސަރަޙައްދުން ބޭރުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް އެންމެ ކައިރީގައިވާ ބްރާންޗަކުން ޑޮލަރު ގަތުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް