ބޭސް ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ނިޒާމަށް ބަދަލުތަކެއް – އެސްޓީއޯއަށް އިތުރު ބާރުތަކަކާއި ޒިންމާތަކެއް

އާސަންދައިން ބޭސް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ނިޒާމަށް ބަދަލުތަކެއް ގެނަންނަ ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. މިކަން ހާމަކޮށް ރައީސް އޮފީހުން މިއަދު ބުނެފައިވަނީ އާސަންދައިން ...

18 Feb 2025 | 10:12

އާސަންދައިން ބޭސް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ނިޒާމަށް ބަދަލުތަކެއް ގެނަންނަ ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

މިކަން ހާމަކޮށް ރައީސް އޮފީހުން މިއަދު ބުނެފައިވަނީ އާސަންދައިން ބޭސްހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރުމަށާއި، އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރުމަށް ނިޒާމަށްގެންނަންޖެހޭ ބަދަލުތައް، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ މިގޮތްތައް ކަނޑައެޅުއްވީ އާދިއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައި" ރައީސް އޮފީހުން ބުނެފައިވެއެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ:-

  • ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
  • ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވައިލައި ނިންމުން.
  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) އިން ލިބެން ހުރި ބޭސް ފެންނާނެގޮތަށް މިހާރު ތައްޔާރުކުރެވެމުންދާ ޑޭޝްބޯޑް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
  • އެ ޑޭޝްބޯޑަށް ޑޮކްޓަރުން އަހުލުވެރިކުރުވުން.
  • އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސް.ޓީ.އޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  • އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޭނުންވާ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ އުސޫލުތަކުގެ ތެރެއިން އެސް.ޓީ.އޯ އަށް ލިބޭނެ ގޮތް ހަމަޖެއްސުން. މިކަމުގެ ދާއިމީ ޙައްލެއްގެ ގޮތުން، އެސް.ޓީ.އޯ އިން ސީދާ ބޭސް އުފައްދާ ފަރާތްތައް (މެނުފެކްޗަރަރ) މެދުވެރިކޮށް ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުން.
  • މާލޭގައި ގާއިމުކުރުމަށް ނިންމަވާފައިވާ 4 ޖީ.ޕީ ކްލިނިކުން އެސް.ޓީ.އޯ ގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އަދި މި ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުމާއި ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސް.ޓީ.އޯ އިން އެ މީހާއަށް ބޭސް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުން.
  • ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމަށް ކުރެވޭ މަސައްކަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދައުރު ފުޅާކުރުން.
  • ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުމުން، އެ މައްސަލަތައް ބައްލަވައި، ފިޔަވަޅު އެޅުމުގައި ލަސްވާ މައްސަލަ ޙައްލުކުރުން.
  • އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން (އެސް.ޓީ.އޯ މެދުވެރިކޮށް) ބޭސް ލިބޭނެ ގޮތް ހަމަޖެއްސުން.
  • އެތެރެ ކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް، އެމް.އެފް.ޑީ.އޭ. ގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމާއި ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ އެވެއިލަބިލިޓީ އަދި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުން.

މި ކަންކަން ތަންފީޒުކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން އާސަންދައިން ބޭސްހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރެވިގެންދާނެކަން ރައީސް އޮފީހުން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް