ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް ޅ.ހިންނަވަރު، ސަންދުރަ އަލްފާޟިލާ ފާޠިމަތު ދިޔާނާ 2024 ފެބްރުވަރީ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޢައްޔަނުކުރައްވައިފިއެވެ.
ކަސްޓަމްސް ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަންކުރެއްވިކަމުގެ ލިޔުމާއި މަޤާމުގެ ފޮތިކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު އެވެ. މިއީ ކަސްޓަމްސްގެ 133 އަހަރުވީ ދިގު މާޒީގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް މިމަޤާމަށް އައްޔަނުކުރެވުނު ފުރަތަމަ ފަހަރުކަން ކަސްޓަމްސްއިން ފާހަގަކުރެއެވެ.
ކަސްޓަމްސް އިން ބުނެފައިވާގޮތުގައި މިއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި، އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އަދި ތަންފީޒީ އިދާރާތަކުގެ ހިންގުމުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަނުކުރެވުނު ފަހަރަށް ވުމާއެކު، މިއީ ކަސްޓަމްސްގެ އިތުރުން، ތަންފީޒީ އެހެން އިދާރާތަކުގެ ހިންގުމުގައި ވެސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ތަފާތުކުރުމެއްނެތި ޝާމިލުކުރުމަށް ތަނަވަސްވެގެން ދިޔަ ފުރުސަތެކެވެ.
ކަސްޓަމްސްގެ ޙިދްމަތުގައި 23 އަހަރު ފުރިހަމަކުރައްވާފައިވާ އަލްފާޟިލާ ފާޠިމަތު ދިޔާނާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަޤާމުގައެވެ. މިވަގުތު އަލްފާޟިލާ ފާޠިމަތު ދިޔާނާގެ އިތުރުން ކަސްޓަމްސްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި އިތުރު ދެބޭފުޅުން ތިއްބަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް