ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފަސްދޮޅަސް ފަސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "އެރަށު އިންޖީނުގޭގެ މަސައްކަތްތަކެއް ކުރަން އެދިޔައީ.... އެކަހަލަ މަސައްކަތްކުރާ މީހަކު އެރަށުގަ ނެތީމަ އަބަދުވެސް އެމީހުން ގެންދާނީ ޚާލިދު... އެކަމަކު މިފަހަރު ތަންކޮޅެއް ގިނ...

18 Feb 2024 | 05:51

ކުރީގެ އަދަދާއި ގުޅޭ...

"އެރަށު އިންޖީނުގޭގެ މަސައްކަތްތަކެއް ކުރަން އެދިޔައީ.... އެކަހަލަ މަސައްކަތްކުރާ މީހަކު އެރަށުގަ ނެތީމަ އަބަދުވެސް އެމީހުން ގެންދާނީ ޚާލިދު... އެކަމަކު މިފަހަރު ތަންކޮޅެއް ގިނަދުވަސްވެސް ވެއްޖެ...." ޒާހިރާވެސް މޭޒު ދޮށުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

ކައިގެން ހަސީނާ ވަނީ ކޮޓަރިއަށެވެ. ޒާހިރާ އާ ޢާއިޝާ ވެސް ވީ ކޮންމެވެސް ކަމަކު ބޭރަށް ނުކުމެއެވެ. ޚާލިދުވެސް އެވަގުތު ގެޔަކު ނެތެވެ. ހާސީނާ ކޮޓަރިއަށް ގޮސް ފާހާނާއަށް ވަދެލާފާ ނިކުމެގެން އެނދާ ދިމާއަށް ހިނގައިގަތް ވަގުތު ވަރަށް ބާރަށް ހުމޭދާ ގޮވާލި އަޑު އިވުނެވެ. ހަސީނާ ދުވެފައި ގޮސް ހުމޭދާ ކޮޓަރިއަށް ވަތްންއިރު އެނދުމަތީގައި އޮވެގެން ހުމޭދާ ތެޅިފޮޅެނީއެވެ.

"ދަރިފުޅާ ... މާބޮޑަށް ރިއްސަނީތަ....؟ ލޯހުޅުވާލާފަ މަންމައަށް ބަލާލަބަލަ....! ހާދަ ދެރައޭ...! ދަރިފުޅާ ކިހިނެތްތަ ވަނީ މަންމަވެސް މީއިނީ ގޭގަ އެކަންޏޭ....! ކިހިނެތްތަ މީހަކަށް ގޮވާނީވެސް.... ދަރިފުޅާ...." ހަސީނާވެސް ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

ހަސީނާ، ހުމޭދާ އެނދުމަތިން ނަގައިގެން އޭނަ ގައިގައި ހިފަހައްޓާލައިގެން އިނެވެ. އޭރުންވެސް ހަށިގަނޑުގެ އެކިއެކި ތަންތަނަށް ތަދުވާވަރުން ހުމޭދާ ރޮނީއެވެ. އެވަގުތު ކޮޓަރިތެރެއަށް ވަދެގެން އައީ ނާޝިދުއެވެ. ނާޝިދު ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

"ހުމޭ... ހުމޭ...! އަނެއްކާ މާބޮޑަށް ތަދުވާން ފެށީތަ...؟" ނާޝިދު ދުވެފާ ކަހަލަ ގޮތަކަށް އައިސް ހުމޭދާ ގާތުގައި އިށީންނަމުން ބުންޏެވެ.

"ނާޝިދު...، ނާޝިދު މިތާ މަޑުކުރޭ... މަންމަ މިއަންނަނީ މީހަކަށް ގޮވާލާފަ...!" ޙަސީނާ ހާސްވެފައި އިނދެ ތެދުވަމުން ބުނެލިއެވެ.

"ގޮވާނެ ކަމެއްނެތް...! އިރުކޮޅަކުން ރަނގަޅުވެދާނެ... މިހާރު ބޭހެއްވެސް ހޯދާފަ ހުންނާނެ...! މަންމަދޭ... އަހަރެން ހުމޭއަށް ބޭސްކޮޅެއް ދޭނަން... އޭރުން ރަނގަޅު ވެދާނެ..." ޙަސީނާ އާ ދިމާއަށް ބަލަންހުރެ ނާޝިދު ބުނެލިއެވެ.

"މަންމަ އަންނާނަން ބޭބެ ނޫނީ ޢާއިޝާ ނަމަވެސް ކޮންމެސް މީހަކު ހޯދައިގެން... އެއޮތީ އެކުއްޖާފުޅަށްވާ ވަރު... ނާޝިދު ރަނގަޅަށް އެމަންޖެ ބަލަހައްޓައްޗޭ...! ވަރަށް އަވަހަށް މަންމަ އެބައަންނަން...! ދުވެފާ ކަހަލަ ގޮތަކަށް ޙަސީނާ ކޮޓަރިން ބޭރަށް ނުންނަމުން ބުނެލިއެވެ.

"ހުމޭ.. ހުމޭ... ނަޝިދުއާ ދިމާއަށް ބަލާލަބަލަ....! ހުމޭ... ހުމޭ..." ނާޝިދު ފެންކަޅި ވެފައި އިނދެ ހުމޭދާގެ ކޮލުގައި ޖަހާލަމުން ހުމޭދާއަށް ގޮވަމުން ގެންދިޔައެވެ.

އޭރުވެސް ހުމޭދާ ރޮމުން ރޮމުން އެނދުމަތީގައި ތެޅިފޮޅެނީއެވެ. ކުއްލިއަކަށް ނާޝިދުގެ މޫނަށް ރުޅިވެރިކަން ވެރިވެގެން ދިޔައެވެ. ދެލޯ ފާޑަކަށް ބޮޑުކޮށްލުމަށްފަހު މައްޗަށް ބަލާލިއެވެ. ނާޝިދު މައްޗަށް ބަލާލީ މަތިން އެއްޗެއް ފެންނާތީ މީހަކު ބަލާލާކަހަލަ ގޮތަކަށެވެ. ނާޝިދުގެ މޫނުމަތީގައިވަނީ ރުޅިވެރި ކަމެވެ. އާދައިކޮށް ހުންނަވަރަށްވުރެ އެވަގުތު ނާޝިދުގެ ދެލޯ ބޮޑުވެގެން ދިޔަހެންވެސް ހީވިއެވެ. މައްޗަށް ބަލާލުމަށްފަހު ކުއްލިއަކަށް ނާޝިދު ބަލާލީ ހުމޭދާގެ މޫނަށެވެ. އޭރުވެސް ހުމޭދާ އެނދުމަތީގައިއޮވެ ރޮމުން ތެޅިފޮޅެނީއެވެ. ނާޝިދު ވަރަށް ބާރަށް ހުމޭދާގެ ނިތްކުރީގައި ހިފަހައްޓާލިއެވެ. އަދި ނިތްކުރީގައި ހިފަހައްޓައިގެން ހުރެ މައްޗަށް ބަލާލުމަށްފަހު ނާޝިދުގެ އަގަޔަށް ގޮތެއް ހަދާލިއެވެ. އަނެއްކާވެސް ކުރިއަށްބުރެ ބޮޑަށް ދެލޯބޮޑު ކޮށްލިއެވެ. އަދި ހުމޭދާގެ މޫނާދިމާއަށް ގުދުވެލުމަށްފަހު ނިތްކުރީގައި ބާރަށް ހިފަހައްޓައިގެން ހުރެ ކޮންމެސް އެއްޗެއް ކިޔާލިއެވެ. އެވަގުތު ކުރިއަށްވުރެ ބާރަށް ހުމޭދާ ތެޅިފޮޅެން ފެށިއެވެ. ނާޝިދުއަށްވެސް ހުމޭދާ ހިފަހައްޓާލެވެނީ ހަމަ ކިރިޔަ ކިރިޔާއެވެ. ހުމޭދާ ވަރަށް ބާރަށް ތެޅިފޮޅުމަށްފަހު މަޑުމަޑުން ހުއްޓެމުން ހުއްޓެމުންގޮސް ތެޅިފޮޅުން ހުއްޓިއްޖެއެވެ. އޭވަގުތު ނާޝިދު މަޑުމަޑުން ބޯހިއްލާލި ވަގުތަކީ ޙަސީނާ އައިސް ކޮޓަރިއަށް ވަން ވަގުތެވެ.

"އަހާނ... ކުއްލިއަކަށް ކިހިނެތް ތިހެދީ...! އެމަންޖެއަށް ނިދުނީތަ...؟ ހާދަ މަޑުމަޑުން އެމަންޖެ މިހާރު އެއޮތީ...." ޙަސީނާ އެނދުކައިރއަށް އައިސް ހުއްޓެމުން ބުނެލިއެވެ.

"އާނ... މަންމަ ދިޔަތަނާހެން ރިއްސުންގަނޑު މައިތިރިވެއްޖެ...! އެހެންވެ މަޑުމަޑުން ނިދެނީއެ..." ހުމޭދާގެ ނިތްކުރީގައި އަތްބާއްވާލައިގެން އިނދެ ނާޝިދު ބުނެލިއެވެ.

"ނަޞީބެއްނު.!.. އެއްވެސް މީހަކުވެސް ނުފެނުނޭ... އެހެންވެ އަނެއްކާ އަވަސް އަވަހަށް މިއައީ... މަންމައަށް ހީވަނީ އެމަންޖެއަށް އެވާގޮތެއް ބަލާލަން މާލެ ގެންދަންވީހެން...." ހަސީނާ އެނދު ކައިރީގައިހުރި ގޮނޑިއެއްގައި އިށީންނަމުން ބުނެލިއެވެ.

"ނާޝިދުއަކަށް އަދި ނުފެނެ މާލެ ގެންދާކަށް.... ނާޝިދަށް ފެންނަނީ ބޭބެ ކައިރީގަ ބުނެގެން އަދި ދުވަސްކޮޅަކު މަޑުކޮށްލަން... މިހާރު ރިއްސާލިޔަސް ވަރަށް އަވަހަށް ރަނގަޅުވޭ...! އެހެންވީމަ ޑޮކްޓަރ ދީފަ ހުރި ބޭސްތަކުން ކޮންމެސް ވަރެއްގެ އިމްޕްރޫވްމަންޓެއް އެބަފެނެއެއްނު...." ނާޝިދު ބޭނުންވީ ހުމޭދާ މާލެ ނުގެންގޮސް އެރަށުގައި ބެހެއްޓުމަށެވެ.

"އެކަމަކު، ބޭބެ ބޭނުންވަނީ އެމަންޖެ މާލެ ގެންގޮސް ރަނގަޅު ޑޮކްޓަރަކަށް ދައްކާލަން.... ދެންމެ އެމަންޖެއަށް އެވީގޮތުން މަންމަ ހާދަ ބިރެއްގަތޭ...! އެކަމަކު މަންމަ ދެން ބޭބެ އާ ވާހަކަ ދައްކާފަ މިކަމަށް ގޮތެއް ނިންމާނަން...! ނާޝިދު އެއްޗެއް ކައިފިންތަ...؟ ޙަސީނާ ނާޝިދުއާ ދިމާއަށް ބަލަންއިނދެ ބުންޏެވެ.

"މިހާރު ކާހިތެއްނެތް...! ބަނޑުހައެއްވެސް ނުވޭ...! ބަނޑުހައި ވެއްޖިއްޔާ ތަންކޮޅެއް ފަހުން އެއްޗެއް ކާލާނީ...! މަންމަގެ ސުވާލަށް ނާޝިދު ޖަވާބުދިނެވެ.

"އެންމެ ރަނގަޅު މަންމަ މި ދަނީދެން...! އެމަންޖެއަށް ހޭލެވޭއިރު ނާޝިދު އެމަންޖެ ގާތުގައި މަޑު ކުރައްޗޭ... ބޭބީ އަށްވެސް އެއޮތީ ހޭލެވިފަ... ދެންމެ މަންމަ ބަލާލިއިރުވެސް އެމަންޖެ އޮތީ ހީނލަހީނލަ...! ނޭނގެ ބޭބީ އެހާ އަވަހަށް ހޭން ދަސްކުރި ގޮތެއްވެސް..." ބޭބީއާ ދިމާއަށް ބަލަންހުރެ ޙަސީނަ ބުނެލިއެވެ.

ޖެހިގެން އައިދުވަހު ހެނދުނުގެ ވަގުތެވެ. ހަސީނާ އާ ޚާލިދާއި ޢާއިޝާ އާއި ޒާހިރާ ތިބީ ހެނދު ސައިބޯށެވެ.

"ހުމޭދާމެން އަދިވެސް ނުހޭލާތަ....؟ މިހާރު އަށްގަޑި ބައިވަނީ...! ނާޝިދުވެސް އަދި މިއަދަކު ނުދެކެން...." ޚާލިދު ހަސީނާ ކުރެން އަހާލިއެވެ.

"ކުއްޖަކު ލިބުނީމަ ބައެއް ފަހަރު ހެނދުނު ހެނދުނާ ނުހޭލެވިދާނެ....! ވެދާނެ ބޭބީ ނުނިދާ އުޅެފަ ނިދުނީމަ، އެ ދެމީހުންވެސް ނިދާލަނީ ކަމަށް....! ކުދިން ލިބުނީމަ ދެން އުޅޭނީ އެހެނޭ... އަހަރުމެންގެ ޢާއިޝާ އަދި ނޭނގެ އުޅޭނެގޮތެއްވެސް...." ސަމާސާ ރާގަކަށް ޒާހިރާ ބުނެލިއެވެ.

"އައްޗި... ޢާއިޝާ ނޫޅެން ކޮންމެހެން އެހާއަވަހަކަށް މީހަކާ އިނދެގެން ކުއްޖަކު ހޯދާކަށް...!" ޒަހިރާއަށް ބަލާލުމަށްފަހު ހީނލާފައި ޢާއިޝާ ބުނެލިއެވެ.

"އަހްނަނަށް ހީވަނީ ނާޝިދު އަށް ކޮންމެސް ވަރަކަށް ފަންޑިތަވެސް ހަދަން އިނގޭހެން..." ހެވިފައި އިނދެ ޙަސީނާ ބުނެލިއެވެ.

"އޭނ.. ކީކޭ... ފަންޑިތައޭ..؟ ސިހިފައި ޚާލިދު ސުވާލުކޮށްލިއެވެ.

"އާނ.... އަހަރެން ހުމޭދާ ކޮޓަރިއަށް ވަންއިރު އެއްކަލަ ގޮތަށް އެމަންޖެ މުޅިގައިގައި ރިއްސާތީ އެނދުމަތީގަ ތެޅިފޮޅެނީ....ކިރިޔާ ބިރުން ފިއްކަނޑައިގެން ނުދިޔައީ.... އަހަރެންގޮސް އެމަންޖެ ކައިރީގައި އިންދަ ނާޝިދު އައީ... ނާޝިދު އައިމަ ނާޝިދު ބައިންދާފަ ޚާލިދުމެން މީހަކު ފެނެތޯ ނުކުތީ... އޭރުވެސް އެމަންޖެ ތެޅިފޮޅެނީ....! އަހަރެން އަނބުރާ ކޮޓަރިއަށް ދިޔައިރު ނާޝިދު ކޮންމެވެސް ގޮތެއް ހަދާލާފަ އެމަންޖެ މައިތިރި ކޮށްލާފަ އޮތީ... މަށަށް ހީވަނީ އެކަހަލަ ކޮންމެސް ކަމެއްހެން އެކުރީ.... އެމަންޖެއަށް ޖެހިފަ އެހެރީ ފަންޑިވެރި ކަމެއް ކަންނޭނގެ....! އެހެންވެއެއްނު ޑޮކްޓަރުންނަކަށްވެސް އެއްވެސް އެއްޗެއް ނޭނގެނީ.... ޓެސްޓްތައް ބަލާފަ ބުނަނީ އެއްވެސް ކަމެއް ނެތޭ..." ޚާލިދުއާ ދިމާއަށް ބަލަން އިނދެ ޙަސީނާ ވާހަކަ ދެއްކިއެވެ.

އެވަގުތު ކޮންމެސް ކަމަކާ ޚާލިދު ވިސްނާލިއެވެ.

"ކިހިނެތްވީ މާފާޑަކަށް ތީނީ....؟" ޙަސީނާ، ޚާލިދު މާ މަޑުމަޑުން ކަމަކާ ވިސްނަން އިންހެން ހީވެގެން ސުވާލުކޮށްލިއެވެ.

"ފަންޑިތައޭ ބުނީމަ އެކަމާ ވިސްނާލަން ޖެހުނީ ހަމަ..." ވިސްނަން އިނުމަށްފަހު ޚާލިދު ބުނެލިއެވެ.

އެރޭގެ ދަންވަރުގެ ވަގުތެވެ. މިރޭ ޚާލިދު ޢަޒުމް ކަނޑައަޅައިގެންހުރީ ކޮންމެރެއަކު ދަންވަރު ނާޝިދު ދަނީ ކޮންތާކަށްތޯ ބެލުމަށެވެ.

"މިރޭވެސް ނުނިދަންތަ...؟ ރޭގަވެސް އެހާލަމުން ނިދުނީ..." ޚާލިދު ފޯނާ ކުޅެން އޮތުމުން ޙަސީނާ ބުންޏެވެ.

"އަދި ނިންޖެއްނާދެ...! އެހެންވެ ނިދިއަންނަންދެން މިއޮންނަނީ..." ފޯނާ ކުޅެންއޮވެ ފަރުވާކުޑަ ރާގަކަށް ޚާލިދު ބުންޏެވެ.

"އަހަރެން ވަރަށްބޮޑަށް ނިދިއައިސްސި... މިރޭ ދެން ހޭލައެއް ނޯވެވެނެ... އަހަރެން ނިދަނީ މި..." ޙަސީނާ، ޚާލިދާ ދިމާއަށް ބަލަންއޮވެ ވާހަކަ ދެއްކިއެވެ.

"އާނ... ޙަސީނާ ނިދާލާ...! ރޭގަ އެހާލަހުން ނިދާފަ، މިއަދުވެސް ޖައްސާނުލާ ތިއުޅުނީ...! އެހެންވީމަ ނިދާލާ...! މަވެސް ނިދިއައިމަ ނިދާނަން..." ޚާލިދު ފޯނު ކުޅެމުން ވާހަކަ ދެއްކިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 20 ފެބްރުއަރީ 2024، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް