ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، އަބްދުއްސަމަދަށް ޖޯކު ޖެއްސެވީ އިންޑިއާގެ ބާރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ރުއްސަން ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނުން ބުނެފިއެވެ.
އެ ކޯލީޝަނުން މިހެން ބުނެފައިވަނީ ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފަށް ވަޒީރަކު ޖޯކު ޖެއްސެވުން ބަލައި ނުގަންނަކަން ހާމަކޮށް އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން އެ ކޯލީޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހިމެނޭ އެ ކޯލީޝަންގެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލު ތަކުލީފަށް ރާއްޖޭގެ ދިފާޢީ ވަޒީރުގެ މަޤާމުގައި ހުރި މާރިއާ އަޙްމަދު ދީދީ ޖޯކު ޖައްސަވާ މަލާމާތްކުރެއްވުން ދިވެހި ރައްޔިތުން ބަލައެއް ނުގަންނަކަމަށެވެ.
"އިންޑިއާގެ ބީޖޭޕީ ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަޤާމުތަކުގައި ތިއްބެވި ބޭފޫޅުން އިންޑިއާއަށް ސަނާ ކިޔާ، އިންޑިއާ ރުއްސުމަށްޓަކައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި އިންޑިއާއިން ބޭރުކޮށްލި ދިވެހި ދަރިއަކަށް (ޢަބްދުއްޞަމަދަށް) ޖޯކު ޖައްސަވާ މާރިއާ ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މަޢާފަށް އެދުމަށްވެސް މާރިއާ އަޙްމަދު ދީދިއަށް ގޮވާލަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ޕްރޮގްރެސިވް ކޯލީޝަނުން ބުނެފައިވަނީ ދިވެހި ސިފައިންނާއި ފުލުހުންނަކީ މިޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ލޮޅުން އަރާ ކޮންމެ ވަގުތެއްގައިވެސް މިޤައުމު ސަލާމާތް ކުރުމަށް ކަމަރު ބަނދެގެން ތިބެ، އެންމެ ފުރަތަމަ އެކަމާއި ކުރިމަތިލާން ތައްޔާރަށް ތިބި ބައެއްކަމަށެވެ. އަދި އެއްވެސް އިރެއްގައި ސިފައިންގޭގަ ނުވަތަ ފުލުހުންގެ ތެރޭގައި އިޚުލާސްތެރި ޚިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު މިޤައުމަށް ހަރާންކޯރު ނުވާނެ ކަމާއި ކޮންމެ ވަގުތަކުވެސް ޤައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ނުކުންނަވާނެކަމީ މިކޯލިޝަނުން ޔަޤީން ކުރާކަމެއްކަމަށެވެ. ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ސިފަ ކުރައްވާ، ޖޯކު ޖައްސަވާ ޢާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވާ ބޭފުޅަކު ދިފާޢީ ވަޒީރުކަމުގައި ހުންނެވުން އެއީ މިސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަން ކުރާ މިންވަރު ކަމުގައިވެސް ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ޖާގަދީ، އިންޑިއާއިން ބޭނުންވާހާ ގޮތަށް ރާއްޖޭގެ ރަށްތަށް ދީ، ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އިންޑިއާގެ ކުންފުނިތަކަށް ދިނުމުގެ އިތުރުން އިންޑިއާގެ ކުންފުނިތަކުން ރާއްޖެ އެތެރެ ކުރާ ތަކެތިން ޓެކްސް ނުނަގާ ގޮތަށް ހަމަޖެއްސުމާއި، އަދި ނުއަގުގައި ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ބިން ދިނުމަކީވެސް ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހިން އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމަށް މިސަރުކާރުން ހިންގަމުން ގެންދާ ޢަމަލުތަކެކެވެ. މިކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ގޮވާލާ ކަމަށެވެ.
ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ހުއްޓާ އިންޑިއާއިން ޑީޕޯޓުކޮށްލި އަބްދުއްސަމަދަށް ޖޯކު ޖައްސަވަމުން މާރިޔާ ވިދާޅުވީ މޫނުގައި އަތް އަޅައިގެން ސަމަދު ރޯތަން ފެނުނު ކަމަށާއި މިހާރުގެ ސިފައިން ފިނިކޮޓަރިއަކަށް ލިޔަސް ނުރޯނެ ކަމަށެވެ. މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް