ރޮނާލްޑޯގެ އެސިސްޓް ތަކުން ޖެހި ގޯލުތަކާއި އެކު މޮޅުވެ އަލް ނަޞްރު އެއްވަނައަށް

ޕޯޗުގަލް ތަރި ކްރިސްޓިއާނޯގެ މޮޅު ކުޅުމުން ހެދި އެސިސްޓް ތަކާއި އެކު ޖެހި ލަނޑުތަކުން މޮޅުވެ ސައުދީ ޕްރޮފެޝަނަލް ލީގުގެ އެއްވަނައަށް އަލް ނަޞްރު ޖެހިލައިފިއެވެ. އަލް ނަޞްރާއި އަލް ތާވޫން ހުކުރު ދުވަހު...

17 Feb 2023 | 19:47

ޕޯޗުގަލް ތަރި ކްރިސްޓިއާނޯގެ މޮޅު ކުޅުމުން ހެދި އެސިސްޓް ތަކާއި އެކު ޖެހި ލަނޑުތަކުން މޮޅުވެ ސައުދީ ޕްރޮފެޝަނަލް ލީގުގެ އެއްވަނައަށް އަލް ނަޞްރު ޖެހިލައިފިއެވެ.

އަލް ނަޞްރާއި އަލް ތާވޫން ހުކުރު ދުވަހުގެ ރޭ ބައްދަލުކުރި މެޗުން ނަސްރު މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުގައި ހުރި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ލަނޑުތައް ޖެހުމަށް ތަނަވަސްކޮށްދިން ފުރުޞަތުތަކުގެ އިތުރުން ރޮނާލްޑޯ ވަނީ ނުރައްކާތެރި ބާރު ދެ ހަމަލާއެއް ވެސް އަލް ތާވޫންގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ރޮނާލްޑޯގެ މި ހަމަލާތަކުގެ ހުރަހަކަށްވީ ތާވޫންގެ ގޯލް ކީޕަރު މިސަންއެވެ.

ރޭގެ މެޗު ފެށިގެން ދެޓީމުން ވެސް ކުޅެމުން ގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އަލް ނަޞްރުންނެވެ. ރޮނަލްޑޯގެ ހިތްގައިމި ޕާހަކުން މި ލަނޑު ނަޞްރަށް ޖަހައިދިނީ ޣަރީބްއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އަލް ތާވޫން އިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ތާވޫން އަށް ޖަހައިދިނީ އަލްވާރޯ މެޑްރަންއެވެ.

މި މެޗުން އަލް ނަޞްރު މޮޅުވި ލަނޑު 78 ވަނަ މިނެޓުގައި ރޮނާލްޑޯގެ އެހީތެރިކަމާއި އެކު ޖަހައިދިނީ އަބްދުﷲ މަޑޫއެވެ.

އަމިއްލަ ދަނޑުގައި ހޯދި މި މޮޅާއި އެކު އަލް ނަސްރުވަނީ ތާވަލްގެ އެއްވަނައަށް އަރާފައެވެ.

އަލްނަސްރު ތާވަލްގެ އެއްވަނައިގަ އޮތީ 17 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. އަލް އިއްތިހާދާއި އަލް ޝަބާބްއަށް ވެސް ވަނީ ހަމަ މި އަދަދަށް ޕޮއިންޓް ލިބިފައެވެ. ނަމަވެސް އަލް ނަޞްރަށް އެއްވަނަ ލިބެނީ ފައިދާ ލަނޑުންނެވެ.

އަލް ނަޞްރު އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތީ އަލް އިއްތިހާދެވެ. އަދި ތިންވަނާގައި އޮތީ އަލް ޝަބާބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް