ފުލުހެއްގެ ސައިކަލް އަންދާލި މައްސަލައިގައި ފިޔަވަޅު އަޅާނަން: އިމްރާން

ފުލުހެއްގެ ސައިކަލް އަންދާލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ޒިންމާވާފަރާތްތަކާމެދު ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރ އަދި އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވ...

18 Feb 2022 | 14:07

ފުލުހެއްގެ ސައިކަލް އަންދާލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ޒިންމާވާފަރާތްތަކާމެދު ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރ އަދި އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ އިންޒާރު ދިނުމަށްފަހު ރޭގެ ވަގުތެއްގައި ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި ރޯކޮށް އަންދާލުމާއި ގުޅިގެންނެވެ.

އެގޮތުން އިމްރާން ކުރެއްވި ޓްވީޓްގައި އެކަމަށް އިޝާރަތްކުރައްވާ ވިދާޅުވީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރޭގެ ވަގުތެއްގައި ފުލުހެއްގެ އުޅަނދެއް އަންދާލާފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މިކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާ އިން ހާމަކޮށްފައިވާ ގޮތުގައި ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުހަކަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި ރޭ ދަންވަރު، ފުލުސް މީހާ ދިރިއުޅޭ ގޭގައި ސައިކަލު ބަހައްޓާފައި ހުއްޓާ ސައިކަލް ވަނީ ރޯކޮށް އަންދާލާފައެވެ.

މިކަމުގައި ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ ސައިކަލުގައި ރޯކޮށްލާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯތަކުން ފެންނަގޮތުގައި ސައިކަލު ރޯކޮށްލުމުގައި ދެމީހަކު ހަރަކާތްތެރިވެއެވެ.

އެކަކު ވަދެ ސައިކަލު މައްޗަށް ޕެޓްރޯލު ހަމެއް/ފުޅިއެއް އޮއްސާލާފައި ދިއުމުން އަނެކަކު ރޯކޮށްލަނީއެވެ. ފުލުހެއްގެ ސައިކަލު މިގޮތަށް ރޯކޮށްލާފައިވާއިރު މީގެ ކުރިންވެސް މިފަދަ ބައެއް މައްސަލަތަކުގައި ވަކި ފުލުހުންގެ މުދަަލަށް ގެއްލުންދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް