އެމްޑީީޕީީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަމަށް އައްޑޫ ހިތަދޫ އުތުރުދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހޮވިވަޑައިގެންފިއެވެ.
ޖުމްލަ 65 މެންބަރުން ތިއްބަވާ އެމްޑީޕީ ޕީޖީ ގްރޫޕްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް އިންތިޚާބު ކުރިއަށް ގެންގޮސްފައި ވަނީ މިއަދު މެންދުރުން ފެށިގެން ހަވީރު 17:30 ހާއި ހަމައަށެވެ.
ޕީޖީ ލީޑަރުގެ މަޤާމަށް ވާދަކުރެއްވީ އަސްލަމްގެ އިތުރުން މިހާރުވެސް އެ މަޤާމުގައި ހުންނެވި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
އިންތިހާބުގައި އަސްލަމަށް 40 ވޯޓު ލިބުނުއިރު، އާޒިމަށް ހޯއްދެވުނީ 65 މެމްބަރުން ތިއްބަވާ ޕާލަމެންޓްރީ ގުރޫޕްގެ 25 ވޯޓެވެ.
ޕީޖީ ގުރޫޕްގެ ލީޑަރުގެ ނައިބުގެ މަގާމަށް މި ފަހަރު ތިން ބޭފުޅަކު ވާދަކުރެއްވިއިރު، 49 ވޯޓުން ކާމިޔާބު ހޯއްދެވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ދެން ވާދަކުރެއްވި ހެންވޭރު އުތުރު ދެކުނު މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ވެސް ލިބުނީ 34 ވޯޓެވެ.
މީގެ އިތުރުން ޕީޖީ ލީޑަރުގެ ނައިބުގެ މަޤާމަށް 49 ވޯޓުން ހޮވިވަޑައިގަތީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ޕީޖީ ލީޑަރުގެ ނައިބުގެ މަޤާމަށް ދެބޭފުޅުން އިންތިޚާބު ކުރަން ޖެހޭއިރު މިހާރު ވެސް އެ މަގާމުގައި ތިއްބެވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތް ވޯޓު ވަނީ 34 ވޯޓުން އެއްވަރު ވެފައެވެ. އެހެންކަމުން އެ އިންތިޚާބުގެ ވޯޓުގެ އިތުރުބުރެއް ކުރިއަށް ގެންދާނެއެވެ.
އަދި އެމްޑީޕީ ޕީޖީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ހޮވިވަޑައިގެންނެވިއިރު ސެކްރެޓަރީ ޖެނެރަލްގެ ނައިބަކަށް 35 ވޯޓުން ހޮވިވަޑައިގަތީ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދެވެ. ޗީފް ވިޕުގެ މަޤާމަށް 34 ވޯޓުން ޢަބްދުލް މުޣުނީ އިންތިޚާބުވެ ވަޑައިގެންފައިވާއިރު ޕީޖީ ގްރޫޕަށް 6 ވިޕުން ކުރިމަތިލައްވަން ޖެހޭ އިރު ކުރިމަތިލި 5 ވިޕުން ވެސް ވަނީ އިންތިހާބު ކޮށްފައެވެ.
އަސްލަމަކީ 2005 އިން ފެށިގެން މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން އަންނަ މެންބަރެކެވެ. މިދިޔަ 17 އަހަރުގެ ތެރޭގައި އަސްލަމް ވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރުކަންވެސް ދުވަސްކޮޅަކަށް ކުރައްވާފައެވެ.
އެއީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 2018 ގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނިންމެވުމާ ގުޅިގެންނެވެ. އޭރު ޕީޖީ ލީޑަރަކަށް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. ލީޑަރުކަމުގެ އިތުރުން ޑެޕިއުޓީ ލީޑަރުކަންވެސް އަސްލަމް ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް