ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ޅ. މަޑިވަރު، ހިންނަވަރު، ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
ރައީސްގެ ދަތުރުފުޅުގައި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމާއި ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.
އަދި ރަށްރަށުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާގޮތް ރައީސް ބައްލަވާލައްވާނެއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ރަސްމީގޮތުން ހުޅުވައިދެއްވާނެއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ވިދާޅުވީ ޅ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުފުޅު ނިންމަވާލައްވުމަށްފަހު ރައީސް މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް