ބޯހިމެނުމުގައި ހަރަކާތްތެރިވާނެ ހަތަރު ހާހަށްވުރެ ގިނަ އޮފިޝަލުން ހޯދަނީ

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ ޕްރޮގްރާމްގައި ހަރަކާތްތެރިވާނެ 4،400 އޮފިޝަލުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ބޯހިމެނުން ކުރިއ...

18 Feb 2022 | 09:21

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ ޕްރޮގްރާމްގައި ހަރަކާތްތެރިވާނެ 4،400 އޮފިޝަލުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ބޯހިމެނުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރުމަހުގެ 13 އިން 14 އަށް އަދި 17 އިން 25 އަށެވެ.

ރާއްޖޭގެ ތަފާސް ހިސާބާބެހޭ މަރުކަޒުން ބުނީ މިއަހަރުގެ ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން 4400 އޮފިޝަލުން ބޭނުންވާކަމަށެވެ.

ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ އޮފިޝަލުން ތަމްރީން ކޮށްދޭން ހަމަޖެހިފައިވާއިރު، ރަށްރަށުގައި މިތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައިމަހާއި އޮގަސްޓްމަހުގެ ތެރޭގައެވެ. އަދި މާލޭގައި

ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޯގަސްޓްމަހާއި ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

މީގެ އިތުރުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުތަކުގެ ދުވަސްވަރުގައާއި ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ ދުވަސްތަކަށް އެލަވަންސެއް ކަނޑައަޅާފައެވެ.

ބޯހިމެނުމުގެ މަސައްކަތައް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ  އަންނަ މެއި މަހުގެ ނިޔަލަށެވެ.

ބޯހިމެނުމުގެ މަސައްކަތައް އޮފިޝަލުން ހޯދަން އިއުލާނުކޮށްފައިވާއިރު  އެ މަސައަކތުގައި ބޭނުންކުރާ ސުވާލު ކަރުދާސްތައް ޓެސްޓުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ވަނީ ބޯހިމެނުގެ މަސައްކަތުގައި ބޭނުން ކުރާނެ 812 ޓެބްލެޓް ހޯދަން އިއުލާނު ކޮށްފައެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ 6 އޮކްޓޯބަރު 2022 ގައި އިއުލާން ކުރާނެއެވެ. އަދި ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެއެވެ. ރާއްޖޭގެ ބޯހިމެނުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ ވަނީ ފަސްލައްކަ ފަހަނަ އަޅާ ގޮސްފައެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައި ވަނީ 2014 ވަނަ އަހަރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް