ވަޅުގެ ތެރޭގައި އުމުރުން ފަސް އަހަރުގެ ހައިދަރު ނިޔާވެއްޖެ

އަފްޣާނިސްތާނުގައި މިދިޔަ އަންގާރަ ދުވަހު ވަޅަކަށް ވެއްޓި ވަޅުގައި ތާށިވި އުމުރުން ފަސް އަހަރުގެ ހައިދަރު ނިޔާވެއްޖެއެވެ. އެކަން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އިއުލާނު ކުރީ މީގެ ގަޑިއިރެއްހާއިރު ކ...

18 Feb 2022 | 08:59

އަފްޣާނިސްތާނުގައި މިދިޔަ އަންގާރަ ދުވަހު ވަޅަކަށް ވެއްޓި ވަޅުގައި ތާށިވި އުމުރުން ފަސް އަހަރުގެ ހައިދަރު ނިޔާވެއްޖެއެވެ.

އެކަން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އިއުލާނު ކުރީ މީގެ ގަޑިއިރެއްހާއިރު ކުރިންނެވެ.

އަފްޣާންގެ ޒާބުލް ޕްރޮވިންސްގެ ފަގީރު ސަރަހައްދެއް ކަމަށްވާ ޝޮކާކް ވިލެޖަށް ނިސްބަތްވާ ހައިދަރު ވެއްޓުނު ވަޅަކީ 25 މީޓަރު (80 ފޫޓު) ގެ ފުން ވަޅެކެވެ. ހައިދަރު ވެއްޓުނީ އެ ވަޅުގެ އެންމެ ފުނަށެވެ. އެ ވަޅުން ހައިދަރު ނެގުމަށް ވަލެއްގެ އެހީގައި ފުރަތަމަ ކުރި މަސައްކަތުން 10 މީޓަރު މައްޗަށް ހައިދަރު ނެގުނެވެ. ނަމަވެސް އެހިސާބުން އަނެއްކާވެސް ތާށީވީއެވެ.

ހައިދަރު ދުނިޔެ ދޫކުރީ ހައިދަރު ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަނިކޮށެވެ. އެގޮތުން ހައިދަރު ސަލާމަތް ކުރުމަށް އިތުރު ވަޅެއް ކޮނެ، ހައިދަރު ވެއްޓުނު ވަޅާއި ގުޅުވާލަން މަސައްކަތް ކުރަމުން ދިޔައެވެ.

އެހެން ނަމަވެސް ގުޅުވާލަން ކޮނުުނު ވަޅާއި ހިލަގަނޑަކާ ދިމާވެ އެކަން މިއަދު ހެނދުނު ކަމާ ބެހޭ ފަރާތްތަކުން އިއުލާނު ކުރި އެވެ. އަދި އެކަމުގެ ސަބަބުން އެ އޮޕަރޭޝަނަށް ހުރަސް އެޅިފައިވާކަންވެސް އިއުލާނު ކުރިއެވެ.

ހައިދަރު ވަޅަށް ވެއްޓުމުން އެ ކުއްޖާއަށް ބޭނުންވާ އޮކްސިޖަނާއި، އާއިލާއަށް އެ ކުއްޖާއާ ވާހަކަ ދެކެވޭނެ އިންތިޒާމު ކަމާބެހޭ ފަރާތްތަކުން ހަމަޖެއްސިއެވެ.

އެގޮތުން ކުރިން އާންމުވި ވީޑިއޯއަކުން ފެންނަގޮތުގައި ހައިދަރާ މުހާތަބުކޮށް ހައިދަރުގެ ބައްޕަ ވާހަކަ ދައްކާފައިވެއެެވެ. އެ ވީޑިއޯގައި ހައިދަރު ހުއްޓުމެއްނެތި ރޯ އަޑު އިވޭއިރު، ހައިދަރުގެ ބައްޕަ ބުނަނީ ހިތްވަރު ކުރުމަށެވެ. ވަޅުން ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވަޅުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ހައިދަރު ނިޔާވެފައިވާއިރު މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މޮރޮކޯގައިވެސް މިފަދަ ހާދިސާއެއްގައި އެ އުމުރުގެ ކުއްޖަކު ނިޔާވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް