އަންނަ މަހު އެކެއްގައި ފުވައްމުލަކު އެއާޕޯޓު ސަރުކާރަށް ނަގަނީ

އެސްޓީއޯ އިން ފުވައްމުލަކުގައި ހިންގަމުންދާ އެއާޕޯޓާ އަންނަ މާޗު މަހުގެ އެއްވަނަ ދުވަހު ސަރުކާރުން ހަވާލުވާނެ ކަމުގައި ރީޖަނަލް އެއާޕޯޓްސް އޮތޯރިޓީން ބުނެފި އެވެ. ރީޖަނަލް އެއާޕޯޓްސް އޮތޯރިޓީގެ ޑިރެކް...

18 Feb 2015 | 08:17

އެސްޓީއޯ އިން ފުވައްމުލަކުގައި ހިންގަމުންދާ އެއާޕޯޓާ އަންނަ މާޗު މަހުގެ އެއްވަނަ ދުވަހު ސަރުކާރުން ހަވާލުވާނެ ކަމުގައި ރީޖަނަލް އެއާޕޯޓްސް އޮތޯރިޓީން ބުނެފި އެވެ.

ރީޖަނަލް އެއާޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަ ޖެނަރަލް ސާމީ އަގީލް ވިދާޅުވީ ފުވައްމުލަކު އެއާޕޯޓާޢި ހަވާލުވުމަށް އެ އޮތޯރިޓީން ނިންމަން ޖެހޭ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. ނަމަވެސް އެތަނުގެ އޮޑިޓް ހަދާ ނިމިފައިނުވާކަމަށް ސާމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޑިޓް ކޮށް ނިމުމުން އެސްޓީއޯއަށް ދޭންޖެހޭ ބަދަލެއް ސަރުކާރުން ދިނުމުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށެވެ. ސަރުކާރުން ނިންމާފައިވަނީ ފުވައްމުލަކު އެއާޕޯޓު ސަރުކާރަށް ނެގުމަށް ފަހު އެތާނގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ބަދަލު ކުރަން ކަމަށް ވިޔަސް އެމީހުންގެ މުސާރަ ކުޑަ ނުވާނެ ކަމުގައ ސާމީ ވިދާޅުވި އެވެ.

އެސްޓީއޯ އިން ހަރަދުކޮށްގެން ފުވައްމުލަކުގައި އެއާޕޯޓެއް ހަދާ ހިދުމަތް ދޭން ފަށާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

ބޮޑު ގެއްލުމަކާއެކު ފުވައްމުލަކު އެއާޕޯޓް ހިންގަންޖެހޭތީ އެސްޓީއޯ އިން އެދިގެން އެ އެއާޕޯޓާ ސަރުކާރުން ހަވާލުވާނެ ކަމަށް އެސްޓީއޯއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ މަހު ބޭއްވި ޖަލްސާއެއްގައި އިއުލާންކުރެއްވީ ރައީސް އަބްދުﷲ ޔާމިން އެވެ.

އެރޭ ރައީސް ވިދާޅުވީ އެތަން ސަރުކާރަށް ނަގާނީ އެސްޓީއޯ އަށް އިންސާފުވެރި ބަދަލެއް ދިނުމަށްފަހު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް