ލަންކާގައި ދިވެހި ފުލުހުންނަށް ހާއްސަކޮށްގެން "ޕޮލްވެކް ރެސިޑެންޓްސް"ގެ ނަމުގައި ގެއެއް ކުއްޔަށް ހިފައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ދަށުން އުފެދިފައިވާ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންގެ ފަރާތުން ޝްރީލަންކާގައި ޕޮލްވެކް ރެސިޑެންސްގެ ނަމުގައި ގެއެއް ކުއްޔަށް ހިފައި އެގެ ކުއްޔަށް ދ...

18 Feb 2015 | 05:56

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ދަށުން އުފެދިފައިވާ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންގެ ފަރާތުން ޝްރީލަންކާގައި ޕޮލްވެކް ރެސިޑެންސްގެ ނަމުގައި ގެއެއް ކުއްޔަށް ހިފައި އެގެ ކުއްޔަށް ދޫކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ކޮލަމްބޯގައި ހުންނަ ޕޮލްވެކް ރެސިޑެންސް ހުޅުއްވައި ދެއްވީ އެކަމަށްޓަކައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި، ޝްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރު ކަމަށެވެ.

މިރަސްމިއަޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ވިދާޅުވީ ފުލުހުންނާ ފުލުހުންގެ ޢާއިލާތަކަށް ބޭސްފަރުވާ ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަބަދުވެސް އިސްކަން ދެއްވާ ކަމަށެވެ. މިގޮތުން މާލޭގައި ހަމަޖެހިފައިވާ އިންތިޒާމު ތަކުގެ އިތުރުން ރާއްޖެއިން ބޭރުންވެސް ފަސޭހަ އިންތިޒާމެއްގެ މަތިން ބޭސްފަރުވާ ކުރެވޭނެ ގޮތްތައް ހަމަޖައްސައި މަގުފަހިކޮށްދިނުމަކީ މަގަނޑު އެއް އަމާޒު ކަމުގައި މުޙައްމަދު ޞާދިޤު ވިދާޅުވިއެވެ.

ޑީސީޕީ މުޙައްމަދު ޞާދިޤު ވިދާޅުވީ ޝްރީލަންކާފައި ޕޮލްވެކް ރެސިޑެންސް ހުޅުވިގެން ދިއުމުން ބޭސްފަރުވާގެ ކަންކަމުގައި ލަންކާއަށްދާ ފުލުހުންނާ ފުލުހުންގެ ޢާއިލާތަކަށް ހެޔޮ އަގުގައި ތިބުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށެވެ. ސަރުކާރުގެ ދިހަ އިންސައްތަ ޙިއްސާ އާއި ޕޮލްކޯގެ ނުވަދިހަ އިންސައްތަ ޙިއްސާވާ ގޮތަށް އުފައްދާފައިވާ ޕޮލްކޯގެ ދަށުން ޕޮލްވެކް އުފައްދައި ވިޔަފާރި ކޮށްގެންނާއި އެހެނިހެން ގޮތްގޮތުން މާލީ ތަނަވަސްކަން ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން ފުލުހުންގެ ވެލްފެއަރ ކަންތަކަށް ސަރުކާރުން ކުރައްވާ ހޭދައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައިވެސް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ވިދާޅުވިއެވެ.

މިރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕޮލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލް މައްނާން ޔޫސުފް ވިދާޅުވީ ޕޮލްވެކް ރެސިޑެންސަކީ ފުލުހުންނާ ފުލުހުންގެ ޢާއިލާތަކުން ލަންކާއަށް ބޭސްފަރުވާ އަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް އައިސް ހެޔޮ އަގުގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެގޮތުން ކުއްޔަށް ހިފާފައި ހުންނަ ގެއެއް ކަމަށެވެ. ޢާއްމުކޮށް ލަންކާގައި ތިބުމަށް ކުރަންޖެހޭ ހޭދަ މި ގޭގައި ތިބުމުން ކުޑަވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ފުލުހުންނާ ފުލުހުންގެ ޢާއިލާތަކަށް ވަރަށް ބޮޑު ލުއިފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޕޮލްވެކް ރެސިޑެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕޮލްކޯ އާއި ޕޮލްވެކްގެ ޑައިރެކްޓަރުންނާއި މިވަގުތު ލަންކާގައި ތިބި ބައެއް ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުން ބައިވެރިވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް