ވިލުފުށީ މަސްޖިދުލް ޢުމަރު ފާރޫގު މިސްކިތުގެ ނަލަ މާލަމުގައި ގޯސްކަމެއް ނުހިނގާކަން ހާމަކޮށްދިނުނަށް އެ ރަށު ކައުންސިލުން މިއަދު ވީޑިއޯ ރިޕޯޓެއް އާންމުކޮށްފިއެވެ.
އެ ވީޑިއޯ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި ޢުމަރު ފާރުގަކީ ހަމައެކަނި ނަމާދު ކުރުމުގެ ބޭނުމަށް އެކަނި ބޭނުންކުރަމުން އަންނަ މިސްކިތެއް ނޫނެވެ. އެއީ ދީނީ އަދި އިޖްތިމާޢީ ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށް ޒަމާނީ ފެންވަރަށް ނަލަހިޔާއިން އިމާރާތް ކޮށްދީފައިވާ ވަރަށް ފުރިހަމަ މިސްކިތެއްކަން ފާހަގަކޮށް ބުނެފައިވަނީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ގާއިމް ކުރަމުންދާ އިސްލާމީ މަރުކަޒުތަކުގެ ފެންވަރަށް ފެތޭހެން އިމާރާތްކޮށްފައިވާ ވިލުފުށީ މަސްޖިދިލް ޢުމަރު ފާރުގަކީ 2021 ވަނަ އަހަރު ނަލަހިޔާ އިސްލާމީ މަރުކަޒުގެ ނަމުގައި ރަޖިސްޓަރީ ކޮށް އިސްލާމީ މަރުކަޒަކަށް ބަދަލުކުރުމަށް މިނިސްޓްރީއާ އެކު އެއްބަސްވެފައިވާ މިސްކިތެއް ކަމަށެވެ.
"އިސްލާމީ މަރުކަޒެއްގައި ހުންނަން ޖެހޭ ހުރިހާ ވަސީލަތްތަކެއް ގާއިމުކޮށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ނަލަހިޔާ އިސްލާމީ މަރުކަޒުގެ ސެމިނަރހޯލް ނަލަ މާލަމަކީ މިސްކިތް އިމާރާތުގެ އެންމެ ދެކުނުން ގްރައުންޑް ފްލޯގައި ހުންނަ ވަކި ބައެއް، އެއީ އެއްވެސް ބަޔަކު ނަމާދު ކުރުމަށް މިހާރު ބޭނުންކުރާ ހޯލެއް ނޫން، އެހެން ނަމަވެސް އެއީ މީގެ ކުރިން އަންހެނުން ނަމާދު ކުރުމަށް ބޭނުންކުރި ހޯލެއް" ވިލުފުށީ ކައުންސިލުގެ ވީޑިއޯ ރިޕޯޓްގައި ބުނެފައިވެއެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ އެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލު ކުރުމުގެ މަސައްކަތުގައި އަންހެނުން ނަމާދުކުރާ ބައި މިހާރު ހުންނާނީ ފިރިހެނުން ވެސް ނަމާދު ކުރުމަށް އަންނަ މިސްކިތުގެ ފުރަތަމަ ފްލޯގައި ޕާޓިޝަން ޖަހައި މުޅިން ވަކި ކުރެވިފައި ކަމަށާއި މިސްކިތް އިމާރާތުގެ އެންމެ އުތުރުން ގުރައުންޑް ފްލޯގައި ދެ ކްލާސްރޫމް ގާއިމުކޮށްފައި ވާއިރު އެ ކްލާސްރޫމްތަކުގައި މިހާރު ދަނީ މި މަރުކަޒުގެ ޤުރުއާން ކްލާސްތައް ވެސް ހިންގަމުންކަމަށެވެ. އަދި އިސްލާމީ މަރުކަޒުގެ އޮފީހާއި ލައިބްރަރީ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު މަސްޖިދުލް ޢުމަރުފާރުގުގެ ހަރިންމަ ތެރޭގައި ވަކިން އެކޮމޮޑޭޝަން ބްލޮކެއް އިމާރާތް ކޮށް މަރުކަޒުގެ މުދައްރިސުން އެ ތަނުގައި ދިރިއުޅެމުން އަންނައިރު އިސްލާމީ މަރުކަޒުގައި ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކެއް މިހާރު އަންނަނީ އެ ތަނުގައި ފުރިހަމަވެ ނިމެމުންކަންވެސް ފާހަގަކޮށްފައިވެއެވެ.
"މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހު މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނަލަހިޔާ އިސްލާމީ މަރުކަޒުގެ ނަލަ މާލަމުގައި ކައުންސިލުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގެ ތެރެއިން ޓީމް ބިލްޑިން ޕްރޮގްރާމުގެ ވީޑިއޯއަށް މިޔުޒިކް އެޑްކޮށް ވީޑިއޯ އެޑިޓް ކުރުމަށް ފަހު ސޯޝަލް މީޑިއާ ގައި ޕޭޖަކުން މިހާރު ދައުރު ކުރަމުން އެގެންދާ ވީޑިއޯއަކީ މިސްކިތުގެ ނަމާދު ކުރަމުންދާ ބައެއްގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ނޫން، އެއީ ނަލަހިޔާ އިސްލާމީ މަރުކަޒުގެ ސެމިނަރހޯލް، ނަލަމާލަމް ގައި ޓީޗަރުން ކުރާ ބުރަ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އަގުވަޒަން ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމުގެ ހަގީގަތް އޮޅުވާލައި ސަރުކާރާއި ކައުންސިލާއި ސްކޫލް އަދި ރަށު ރައްޔިތުންނަށްވެސް ބަދުބަސްތައް އަމާޒުވާހެން ހިންގާފައިވާ މި ނާތަހުޒީބު އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން" އެ ވީޑިއޯ ރިޕޯޓްގައި ބުނެފައިވެއެވެ.
އެ ވީޑިއޯ ރިޕޯޓްގައި އިތުރަށް ބުނެފައިވާގޮތުގައި ނަލަހިޔާ އިސްލާމީ ސެންޓަރުގެ ނަލަ މާލަމަކީ މީގެ ކުރިން ވެސް ދީނީ އަދި އިޖުތިމާއީ އެތައް ޖަލްސާތަކާއި ސެމިނަރތަކެއް ވެސް ކުރިއަށް ގެންދިޔަ މާލަމެކެވެ. އަތޮޅު ފެންވަރުގެ މުބާރާތްތަކާއި ސަރުކާރުގެ ބޮޑެތި ރަސްމިއްޔާތުތައް ވެސް ކުރިއަށް ގެންދިޔަ ހޯލުކަމާއި އޭގެ ތެރޭގައި ރައްޔިތުންގެ ބައްދަލުވުންތަކާއި ކުޅިވަރު މުބާރާތްތަކާއި ގުޅޭ އެކިއެކި ބައްދަލުވުންތަކާއި ލަކްސަނަފަދަ ތަފާތު އެވެއަރނަސް ޕްރޮގްރާމްތަކާއި އަދި ވިލުފުށީ އެއަރޕޯޓް ޕްރޮޖެކްޓްގެ ރަސްމިއްޔާތު ފަދަ ކަންކަމަކީ އެ މާލަމްގައި މީގެ ކުރިން ވެސް ކުރިއަށް ގެންދިޔަ ހަރަކާތްތަކެއްކަން ފާހަގަކޮށްފައިވެއެވެ
މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިފަދަ އިސްލާމީ މަރުކަޒުތަކުގައި ހަދާފައިވާ ހޯލު ތަކަކީ އެކި ފެންވަރުގެ ޖަލްސާތަކާއި އިޖުތިމާއީ އެކި ބޭނުންތަކަށް މިހާރު ވެސް ބޭނުން ކުރަމުންދާ ތަންތަން ކަންވެސް ވިލުފުށީ ކައުންސިލްގެ ވީޑިއޯ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ މާލަމުގައި ކުރިއަށްގެންދިޔަ ޓީމް ބިލްޑިންގ އިވެންޓްގައި ގޭމެއް ކުޅުނު ވީޑިއޯއެއް އާންމުވެ އެ ވީޑިއޯގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަމުން އަންނަ ކަމުގައި އެ މިނިސްޓްރީއިން އިއްޔެ ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް