ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރުމަށް އިސްރާއީލުގެ ސަރުކާރުންވެސް ފާސްކޮށްފި

ޤަތަރު އިސްވެ އޮވެ އެކުލަވާލާފައިވާ ޣައްޒާ – އިސްރާއީލު ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން އިސްރާއީލު ސަރުކާރުންވެސް ފާސްކޮށްފިއެވެ. އެ ނިންމުން ނިންމާފައިވަނީ އިސްރާއީލުގެ 32 ކެބިނެޓ...

18 Jan 2025 | 07:45

ޤަތަރު އިސްވެ އޮވެ އެކުލަވާލާފައިވާ ޣައްޒާ – އިސްރާއީލު ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން އިސްރާއީލު ސަރުކާރުންވެސް ފާސްކޮށްފިއެވެ.

އެ ނިންމުން ނިންމާފައިވަނީ އިސްރާއީލުގެ 32 ކެބިނެޓު މެންބަރުންގެ މައްޗަށް އެކުލެވޭ ކެބިނެޓުން އިއްޔެ ކުރިއަށްގެންދިޔަ ބައްދަލުވުމުގައެވެ. ފެންނަކަމަށް އެ ކެބިނެޓުގެ 24 މެންބަރަކު ވޯޓު ދީފައިވާއިރު ނުފެންނަކަމަށް އަށް މެންބަރަކު ވޯޓު ދިންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެއްބަސްވުމަށް އަމަލުކުރުމުގެ ފުރަތަމަ މަރުޙަލާ މާދަމާ ފެށޭއިރު ފުރަތަމަ މަރުހަލާގައި ހަމާސް އަދި ހަމާސްގެ ވާގިވެރިން އެއްބަސްވަނީ އިސްރާއީލުގެ 33 އަސީރަކު މިނިވަން ކުރުމަށެވެ. ބަދަލުގައި އިސްރާއީލުން އެއްބަސްވަނީ އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަޞްޠީނަށް ނިސްބަތްވާ ހާހަކަށްވުރެ ގިނަ ހައްޔަރީން މިނިވަން ކުރުމަށެވެ. އިސްރާއީލުގެ ޖަސްޓިސް މިނިސްޓްރީން މިނިވަން ކުރާނެ 737 މީހެއްގެ ލިސްޓެއް މިއަދު ނެރެފައިވެއެވެ.

ފުރަތަމަ މަރުހަލާގެ ދެވަނަ ކަމަކީ އާދީއްތަ ދުވަހުގެ ހަވީރު 04:00 އިން ފެށިގެން ހަމަލަތައް ހުއްޓާލުމެވެ. ތިންވަނަ ކަމަކީ އެހީގެ ލޮރީތަކަށް ޣައްޒާއަށް ވަނުމަށް މަގުތައް ހުޅުވާލުމެވެ.

ފުރަތަމަ މަރުޙަލާގައި ދެން ކުރާނެ އަނެއް ކަމަކީ ދެވަނަ މަރުޙަލާގެ މަޝްވަރާތައް ކުރުމެވެ. ދެވަނަ މަރުޙަލާގައި ބާކީ ތިބި އަސީރުން މިނިވަން ކުރުމާއި ބަދަލުގައި އިސްރާއީލުގެ ޖަލުތަކުން އިތުރު ހައްޔަރީން ދޫކުރުމާއި އަދި ޣައްޒާގެ ބިމުން އިސްރާއީލު ފައުޖުތައް އެއްކޮށް ފޭބުންވެސް ހިމެނެއެވެ.

ތިންވަނަ މަރުޙަލާއަކަށް ވާނީ ޣައްޒާ އާރާސްތު ކުރުމަށް ފުރުޞަތު ދެވޭ ދެވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް