ކުޅިވަރު އެސޯސިއޭޝަންތަކަށް އަމާޒުކޮށް ސީޕީއާރު އޭއީޑީ ކޯހެއް އެމްއެންޑީއެފް އިން ހިންގައިފި

ކުޅިވަރު އެސޯސިއޭޝަންތަކުގައި ކުޅުންތެރިންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މެޑިކަލް ކޯރއިން "ސީޕީއާރު އޭއީޑީ" ކޯހެއް ހިންގ...

18 Jan 2024 | 08:06

ކުޅިވަރު އެސޯސިއޭޝަންތަކުގައި ކުޅުންތެރިންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މެޑިކަލް ކޯރއިން "ސީޕީއާރު އޭއީޑީ" ކޯހެއް ހިންގައިފިއެވެ.

މިމަހު 12 އިން ފެށިގެން 10 ބައިވެރިންނާއެކު ތިން ދުވަހުގެ މުއްދަތަށް ޒުވާނުންގެ މަރުކަޒާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގައި ކުރިއަށް ގެންދިޔަ މި ކޯހަކީ، ކުޅިވަރުގެ މައިދާނުގައި ދިމާވާ ޞިއްޙީ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް އަންގައިދީ، އެފަދަ ހާލަތްތަކަށް ހޭލުންތެރިކޮށް، އަހުލުވެރިކުރުވުމުގެ ގޮތުން އެމްއެންޑީއެފް މެޑިކަލް ކޯރއިން ކުރިއަށް ގެންދިޔަ ކޯހެކެވެ.

އެމްއެންޑީއެފް އިން ބުނީ މި ކޯހުގައި، ކުޅިވަރުގެ މައިދާނުގައި އަނިޔާވާ މީހުންނަށް އަވަސް ފަރުވާދޭނެ ގޮތުގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، ޢަމަލީގޮތުން އެ ކަންކަން ކުރަންވީގޮތް ފަރިތަކުރުވާފައިވާކަމަށެވެ.

މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ކާޑިއޯ ވެސްކިއުލަ ސިސްޓަމް، ރެސްޕިރޭޓަރީ ސިސްޓަމް، ސީޕީއާރު ތިއަރީ އަދި ޕްރެކްޓިކަލްގެ އިތުރުން އޭއީޑީ ތިއަރީ އަދި ޕްރެކްޓިކަލް ހިމެނޭ އިރު، ކިޔަވައިދެވެނު ބައިތަކުން ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓް ދަރިވަރުންނަށް ދީފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އެދިލެއްވުމަކަށް އެމްއެންޑީއެފް މެޑިކަލް ކޯރ އިން ކުރިއަށް ގެންދިޔަ މި ކޯހަކީ އެމެރިކަން ހާޓް އެސޯސިއޭޝަން ސްޓޭންޑަޑް ކޯހެކެވެ. އަދި މި ކޯހުން ފާސްވި ބައިވެރިންނަށް ދެ އަހަރު ދުވަހުގެ މުއްދަތުގެ ވެލިޑް "ސީޕީއާރު އޭއީޑީ" ކޮލިފިކޭޝަން ކާޑެއް ވަނީ ހަވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް