އަވަށްޓެރި އީރާނަށް ޕާކިސްތާނުން ބަދަލުހިފުމުގެ މިސައިލް ހަމަލާތަކެއް ދީފައި މިވަނީ އީރާނުގެ އެފަދަ ހަމަލާއެއްގެ ސަބަބުން އެ ދެގައުމުގެ ގުޅުން ހީނަރުވިތާ ދެ ދުވަސް ފަހުންނެވެ.
ޕާކިސްތާނުން ބުނީ ޕާކިސްތާނުގެ ބޯޑަރު އޮންނަ އީރާނުގެ ސިސްތާން-ބަލޫޗެސްތާން ޕްރޮވިންސްގެ ޓެރަރިސްޓުން ތިބޭ ތަންތަނަށް ހަމަލާތައް ދީފައިވާ ކަމަށެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހާދިސާގައި ތިން އަންހެނަކާއި ހަތަރު ކުޑަކުދިން ވަނީ މަރުވެފައެވެ.
ޕާކިސްތާނުން މި ހަމަލާ ދީފައި މިވަނީ އީރާނުން ދިން ހަމަލާއަކީ ޓެރަރިސްޓް ޖަމާއަތްތަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް އީރާނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ދެ ގައުމުން ވެސް ޒަމާނުއްސުރެ ތުހުމަތު ކުރަމުން އައީ އެ ދެ ގައުމުގެ ހިއްސާވާ ބޯޑަރު ސަރަހައްދުތަކުން ހަމަލާދޭ ހަނގުރާމަވެރި ޖަމާއަތްތަކަށް ހިމާޔަތް ދޭ ކަމަށެވެ.
މެދުއިރުމަތީގައި ވައިގެ ހަމަލާތައް ދީފައި މިވަނީ އިޒްރޭލުން ގާޒާގައި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަކޮށް ލުބުނާނުގައި އީރާނަށް ތާއީދުކުރާ ހިޒްބުالله ޖަމާއަތާއި ބަޑީގެ ހަމަލާތައް ބަދަލުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އިރާގާއި ސީރިއާގައި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އެމެރިކާ ސިފައިންނަށް އަމާޒުކޮށް، އެމެރިކާ އާއި އިނގިރޭސިވިލާތުން އަންނަނީ ޔަމަނުގައި އީރާނަށް ތާއީދުކުރާ ހޫތީންނަށް ހަމަލާދެމުންނެވެ.
ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ވަނީ ހަމަލާތައް ދިންކަން ކަށަވަރުކޮށްދީފައެވެ. އަދި ޕާކިސްތާނުން އީރާނުގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމަށް ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާއި ނަމަވެސް ބުރާސްފަތި ދުވަހު ޕާކިސްތާނުން ދިން ހަމަލާއަކީ ހުރިހާ ނުރައްކަލަކުން ވެސް އެގައުމުގެ ގައުމީ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކޮށް ދިފާއުކުރުމަށް ޕާކިސްތާނުން އަޒުމް ކަނޑައެޅުއްވުން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
ޕާކިސްތާނުން ވަނީ މިދިޔަ އަންގާރަ ދުވަހު އީރާނުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ގާނޫނާ ހިލާފަށް އެޅި ފިޔަވަޅަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ އިންޒާރު ތެހެރާނަށް ދީ، އީރާނުގެ ސަފީރު އެނބުރި ގައުމަށް އައުން މަނާކޮށް، ޕާކިސްތާނުން އަމިއްލަ މަންދޫބު ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.
އީރާނުން ބުނީ އެ ގައުމުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޕާކިސްތާނުގެ ރައްޔިތުންނަށް ނޫން ކަމަށާއި އެއީ އީރާނުގެ އެތެރޭގައި ހަމަލާތައް ދިން ބަލޫޗް ސުންނީ މުސްލިމް ޖަމާއަތެއް ކަމަށްވާ ޖައިޝް އަލް އަދްލް އަށް އެކަނި އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ.
ދެ ގައުމުގެ ވަރުގަދަ އެކުވެރިއެއް ކަމަށްވާ ޗައިނާއިން ވަނީ ދެ ފަރާތުން ވެސް ކެތްތެރިކަން ދެއްކުމަށާއި ހަމަނުޖެހުން ބޮޑުވިޔަ ނުދިނުމަށް ގޮވާލާފައެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ މި ހަފުތާގައި އީރާނުން ދިން ހަމަލާތަކަކީވެސް މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ހަލަބޮލި ކަންކަމުގެ ސަބަބުން ދިން ހަމަލާތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
ތެހެރާނުން ބުނީ ފުޅާ ދާއިރާއެއްގައި ހަމަނުޖެހުންތަކުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށާއި ނަމަވެސް އެޖަމާއަތަށް ތާއީދުކުރާ ޖަމާއަތްތަކުން ދަނީ ފަލަސްތީނަށް އެއްބައިވަންތަކަން ދެއްކުމަށް އިޒްރޭލާއި އެޖަމާއަތުގެ ބައިވެރިންނަށް އަމާޒުކޮށް މަސައްކަތްކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް