ދާހިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ގައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިއުމަކީ ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީހުން ބުނެފިއެވެ.
ފަތުވާ މަޖިލީހުން ނެރުނު ފަތުވާއެއްގައި ބުނީ ފަހަކަށް އައިސް ދާހިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ބައެއް ގައުމުތަކަށް ޖިހާދުކުރުމުގެ ނަމުގައި ދިވެހިންގެ މަދު ބަޔަކު ނަމަވެސް ދާތަން ފެންނަ ކަމަށާއި، މުސްލިމުންނާ މުސްލިމުން ހަނގުރާމަކުރުމަކީ ކީރިތި ރަސޫލާގެ ސާފު ސަރީހަ ބަސްފުޅުތަކުން ހަރާމް ކަމެއް ކަމަށެވެ.
އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ މި ހަމަނުޖެހުންތަކަކީ އިސްލާމީ އުންމަތަށް ދިމާވެފައިވާ ފިތުނައެއްކަން ފާހަގަކޮށް، ފަތުވާ މަޖިލީހުން ބުނީ ފިތުނައެއް ކުރިމަތިވުމުން އަމަލުކުރަން ޖެހޭ ގޮތަކީ އެކަމުން ސަލާމަށްކޮށް ދެއްވުމަށް އެދި ދުއާކުރުމާއި، އެކަމަށް ކެތްތެރިވުމާއި، ބައިބައި ނުވުމާއި، އުއްމަތުގެ ވަހްދަތަށްޓަކައި މަސައްކަތް ކުރުން ކަމަށެވެ.
މީގެ އިތުރުން، އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކަކީ، އިސްލާމީ ގައުމުތަކާ ދެކޮޅަށް ރޭވިފައިވާ ސިލްސިލާ މުއާމަރާތުތަކެއްގެ ބޮޅުތަކުގެ ތެރެއިން ބޮޅެއް ކަމަށް ފަތުވާގައި ބުނެފައިވެއެވެ. އެގޮތުން، އިސްލާމީ ގައުމުތަކަށް ނިސްބަތްވާ ބަޔަކު ޖިހާދުކުރުމުގެ ނަމުގައި، ހަމަނުޖެހުން ހިނގަމުންދާ އިސްލާމީ ގައުމަކަށް ދިއުމަކީ މުސްލިމުންގެ ދުޝްމަނުންގެ ކުރިމަތީގައި އިސްލާމީ ގައުމުތަކުގެ ކަންތައްތަކާ ބެހުމަށް ދޮރު ހުޅުވިގެންދާ ކަމެއް ކަމަށް ފަތުވާގައި ބުނެފައިވެއެވެ.
ދާހިލީ ހަނގުރާމަ ހިނގަމުންދާ ސީރިޔާ ފަރަ ގައުމުތަކުގައި ޖިހާދުކުރަން ބޭނުންވާ އެގައުމުގެ ޒުވާނުން އެބަތިބި ކަމަށާއި އެ ޒުވާނުންނަކީ ވަރަށް ރަނގަޅަށް ތަމްރީނު ލިބިފައިވާ އެކަމަށް ގާބިލް ބައެއް ކަމަށް ފަތުވާގައި ބުނެފައިވެއެވެ.
"އެމީހުން އެދެނީ އެމީހުންނަށްޓަކާ ހެޔޮ ދުއާ ކޮށްދިނުމަށް. މިއަދު ހާލަތު އޮތް ގޮތުން، އިތުރު ބަޔަކު އެމީހުންގެ ގާތަށް ދިއުމަކަށް އެމީހުންނެއް ނޭދޭ. އެއީ އެކަމުގައި އެމީހުން ތަހައްމަލުކުރަން ޖެހޭ ދަތި ބުރަތަކަށް ހުރީމަ."
ފަތުވާ މަޖިލީހުން މިފަދައިން ފަތުވާ ނެރެފައި މިވަނީ ހަނގުރާމާއިގެ މައިދާންތަކުގައި ހަރަކާތްތެރިވާން ދިޔަ ދިވެހި 5 އާއިލާއެއް މި ހަތްފާގެ އަންގާރަ ދުވަހު އަނބުރާ ރާއްޖެ ގެނެސްފައިވަނިކޮށެވެ. ޖުމްލަ 21 މީހަކު ރާއްޖެ ގެނެސްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 15 ކުޑަކުދިންނާއި 5 އަންހެނުންނާއި އެއް ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް