ރައީސްލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޒީފާއަށް ނަގާފައިވާ ފަރާތްތައް އެއްވެސް ހަމައެއް އުސޫލެއް ނެތި އެމީހުންގެ ވަޒީފާތަކުން ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ވަކިކުރަމުންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާކަމަށެވެ.
އެމްޑީޕީ އިން ބުނީ ރައީސް ޑރ މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގައި ސަރުކާރުގެ ވަޒީފާއެއްގައި ހުރި އެއްވެސް މުވައްޒަފެއް އެމަނިކުފާނުގެ ސަރުކާރުގައި ވަކިނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައި ނަމަވެސް، އެމަނިކުފާނުގެ ސަރުކާރަށް 60 ދުވަސް ނުވަނީސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ ކަނޑައެޅިގެން ހިލާފަށް ސަރުކާރުގެ ކުންފުނިތަކުގައި ތިއްބެވި އެތައް ސަތޭކަ މުވައްޒަފުންނެއް އެމީހުންގެ ވަޒީފާތަކުން ވަކިކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމަކީ އެއްވެސް ރައްޔިތެއްގެ ވަޒީފާ އަދާކުރުމުގެ ހައްގަށް އެއްވެސް މިންވަރަކަށް ހުރަސްއަޅާ އެ ހައްގުން މަހުރޫމުކުރުމަށް އެއްވެސް ފަރާތަކަށް އޮތް ހައްގެއް ނޫން ކަމަށް އެމްޑީޕީ އިން ބުންޏެވެ.
އެމްޑީޕީ އިން ބުނީ އެ ޕާޓީ އިން ދެކޭ ގޮތުގައިރައީސް ޑރ މުއިއްޒުގެ ސަރުކާރުން މިފަދައިން ނިންމީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށެވެ.
އެމްޑީޕީ އިން ވަނީ ސަރުކާރު ކުންފުނިތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާގެ ބިރާއި ވަޒީފާތަކުން ވަކިކުރުން މިހިނދުން މިހިނދަށް ހުއްޓާލުމަށާއި އަދި މިހާތަނަށް ވަޒީފާތަކުން ވަކިކޮށްފައިވާ ފަރާތްތަކުގެ ވަޒީފާތައް އިއާދަކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް