ދުނިޔޭގެ އެންމެ ދުވަސްވީ މީހާ، 118 އަހަރުގައި މަރުވެއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު ފޮތުގައި ޖަހާފައިވާ ފްރާންސްގެ ނަން ލުސީލަ ރަންޑަން މަރުވެއްޖެ އެވެ. މަރުވި އިރު އޭނާގެ އުމުރަކީ 118 އަހަރެވެ. ނަން އުފަންވެފައި...

18 Jan 2023 | 04:23

ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު ފޮތުގައި ޖަހާފައިވާ ފްރާންސްގެ ނަން ލުސީލަ ރަންޑަން މަރުވެއްޖެ އެވެ.

މަރުވި އިރު އޭނާގެ އުމުރަކީ 118 އަހަރެވެ. ނަން އުފަންވެފައިވަނީ 1904 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު ފްރާންސްގެ ދެކުނުގެ ސިޓީއަަކަށެވެ.

އޭނާ މަޝްހޫރުވެފައިވަނީ ސިސްޓާ އެންޑްރީގެ ނަމުންނެވެ. ނަންގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނީ އޭނާ މަރުވީ ރޭ ނިދާފައި އޮއްވަ ކަމަށެވެ. މަރުވި އިރު އޭނާ އޮތީ ފްރާންސްގެ ސިޓީއެއް ކަމަށްވާ ޓޫލޮންގެ ނާސިން ހޯމްއެއްގައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި 1979 ވަނަ އަހަރުން ފެށިގެން އޭނާގެ ހަޔާތް ވޭތު ކުރަމުންދަނީ ނާސިން ހޯމްތަކުގައި އެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި ނަން ބުނީ އޭނާއަށް އެހާ ދިގު އުމުރެއް ލިބުމުގައި، ކެއުމާއި ބުއިން އަދި ދިރިއުޅުމުގެ އާދަތައް ގުޅުވެން ނެތް ކަމަށެވެ. އޭނާއަށް ދިގު އުމުރެއް ލިބުނީ ކީއްވެކަން ނޭނގޭ ކަމަށާއި އެކަން އެނގޭނީ ހެއްދެވި ފަރާތަކަށް ކަމަށް ނަން ބުނެފައިވެ އެވެ.

ނަން ވަނީ ފުރަތަމަ ބޮޑު ހަނގުރާމަ އާއި ދެ ވަނަ ބޮޑު ހަނގުރާމަ ތަޖުރިބާކޮށްފައި އެވެ. އޭނާ ބުނީ ކުޑަކުއްޖެއްގެ ގޮތުގައި އާއި ޒުވާން ދުވަސްވަރު ވޭން ހުރި ދުވަސްތަކެއް އޭރު ހޭދަ ކުރި ކަމަށެވެ.

އޭގެ ފަހުން ކޯވިޑް-19 ގައިވެސް އޭނާ ވަނީ ސަލާމަތްވެފައިވެ އެވެ. 2021 ވަނަ އަހަރު ނަންއަށް ކޯވިޑް ޖެހުނު ނަމަވެސް މާ ސީރިއަސްއެއް ނުވެ އެވެ. އެފަހަރު އޭނާ އޮތް ނާސިން ހޯމްއިން ކޯވިޑް ޖެހިގެން އުމުރުން ދުވަސްވީ 10 މީހުން މަރުވެފައިވެ އެވެ.

ނަން އަށް ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ލަގަބު ލިބުނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ. އެއީ އޭރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ ކަމަށްވާ ޖަޕާންގެ ކާނޭ ޓަނަކާ އުމުރުން 119 އަހަރުގައި މަރުވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް