އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރު ކުރަން ހުއްޓާ ހައްޔަރުކުރި ޗެނަލް-13 ގެ ސީއޯއޯ މުހައްމަދު ސަމާހްގެ ގޭބަންދު އުވާލަން ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.
މިކަމާއި ގުޅިގެން އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަމާހް ހައްޔަރުކޮށް ކޮންމެ ދުވަހެއްގެ 12 ގަޑިއިރަށް ގޭން ބޭރަށް ދިއުން މަނާކޮށް ސަރުތުކޮށްފައި ވުމަކީ އެމްޖޭއޭ އިން ކަންބޮޑުވާ ކަމެއްކަމުގައެވެ.
ސަމާހް ހައްޔަރުކުރިއިރު އޭނާ ނޫސްވެރިކަމުގެ ފާސް އަޅާފައިވާކަމުގައާއި މުޒާހަރާ ކުރާ ސަރަހައްދަށް ސަމާހް ގޮސްފައިވަނީ ޗެނަލް-13 ލައިވް އަށް މައްސަލައެއް ޖެހިގެން އެމައްސަލަ ހައްލު ކުރަން ކަމަށް ސަމާހް އާއި ހަވާލާދީ އެމްޖޭއޭގެ ބަޔާނުގައިވެއެވެ.
އެގޮތުން މިކަމަކީ އޭނާގެ ނޫސްވެރިކަމުގެ މަސްއޫލިއަތަށް ހުރަސް އެޅޭކަމެއްކަމުގައި ބުނެ ޗެނަލް-13 ގެ ސީއޯއޯގެ މަސްއޫލިއްޔަތު އަދާކުރުމަށް ރޭގަނޑު އޮފީހަށް ދިއުމުގެ ފުރުސަތު ދިނުމަށް ފުލުހުގައި ސަމާހް އެދުނު އެދުންވެސް ފުލުހުން ހަމަޖައްސައިދިނުމަށް އިންކާރުކޮށްފައިވާކަމުގައި އެމްޖީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނޫސްވެރިންނަށް ލިބިދޭ ނޫސްވެރިކަމުގެ ހައްގަށް އެއްވެސް ސިފައެއްގައި ހުރަސް ނޭޅުމަށާއި ޗެނަލް-13 ނޫސްވެރިންނާ މެދު ވެސް އާންމު އުސޫލުން ހަމަހަމަކަމާއިއެކު އަމަލު ކުރުމަށް އެމްޖޭ އިން ގޮވާލާފައިވެއެވެ.
ފުލުހުން ސަމާހު ހައްޔަރު ކޮށްފައިވަނީ މުޒާހަރާއަށް އިތުރު މީހުން ގެނައި ކަމާއި އާންމު ދަތުރުފަތުރަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ. އެގޮތުން ހައްޔަރުން ގޭބަންދަށް ބަދަލުކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ދިއުން މަނާކޮށް ގޭ ބަންދުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް