މިނިސްޓްރީ އޮފް ޓޫރިޒަމް ގައި އިންޓަރންޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ހަ މަސްދުވަހުގެ މުއްދަތަކަށް އިންޓަރންޝިޕުންގެ ގޮތުގައި އެ މިނިސްޓްރީގައި މަސައްކަތް ކޮށްދޭނެ ފަސް ފަރާތެއް ހޯދަން ބޭނުންވާކަން ހާމަކޮށްފައެވެ.
އިންޓަރންޝިޕުންގެ މަޤާމަށް ހޮވޭ ފަރާތްތައް މަސައްކަތް ކުރަންޖެހޭނީ މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާގައި ކަމަށް ބުނެފައި ވެއެވެ. އަދި މަސައްކަތައް ނުކުންނަ ކޮންމެ ދުވަަހަކަށް 175 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމުގައި އެ މިނިސްޓްރީން ބުނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުކަމުގައި އެ މިނިސްޓްރީން ކަނޑައަޅާފައި ވަނީ އެންމެ ދަށްވެގެން ގުރޭޑް 10 ނިންމާފައިވާ ފަރާތެއް ކަމުގައި ވުމެވެ.
އެ މިނިސްޓްރީން ބުނީ އިންޓަރންޝިޕަށް މީހުން ހޮވުމުގައި ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރާއި، ދިވެހި އަދި އިނގެރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރަށް ބަލާނެ ކަމުގައެވެ.
މީގެ އިތުރުން، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމުގައި ބުނެފައި ވެއެވެ.
މި މަޤާމަށް އިންޓަވިއު ކުރެވޭނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުތު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ ފަރާތްތަކާ ކަމުގައި ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި އިންޓަވިއު އަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އީ-މެއިލްގެ ޒަރީއާ އިން އެކަން އެންގޭނެއެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކަކީ، ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމާއި، އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރާއި، އައިޑީ ކާޑާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއެވެ.
މި ފުރުސަތަށް އެދި ކުރިމަތިލުމުގެ ސުންގަޑި އަކީ 25 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. އިންޓަރންޝިޕަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަކުރުމަށްފަހު [email protected] އަށް މެއިލް ކުރުމަށް އެ މިނިސްޓްރީން އެދިފައި ވެއެވެ.
އިންޓަރންޝިޕަށް އެދޭ ފޯމު ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި އެ މިނިސްޓްރީން ހާމަކުރެއެވެ. މީގެ އިތުރުން 3022226 ނަންބަރާއި ގުޅައިގެން މި އިއުލާނާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެވޭނެ ކަމުގައި ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް