ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުމަށްޓަކައި އެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ އައިޑެންޓިޓީ މުއްދަތު ހަމަވެފައި ވާނަމަ ނުވަތަ ގެއްލިފައިވާނަމަ، ކާޑު ހެއްދުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އިލްތިމާސްކޮށްފިއެވެ.
ޑީއެންއާރުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އައިޑީ ކާޑު ހައްދާ ހަވާލު ކުރުމާއި އެ ދާއިރާގެ ބައި-އިލެކްޝަނާއި ދެމެދު އޮތީ ވަރަށް ކުރު މުއްދަތެއް ކަމުގައެވެ.
އެހެންކަމުން އެ ދާއިރާގެ ވޯޓު ލާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން އައިޑީ ކާޑު އަލުން ހައްދަން ޖެހޭ ފަރާތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ހުށަހަޅައިގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ދުވަހަށް ނިންމާ ނުލެވިދާނެ ކަމުގައި ޑީއެންއާރުން ބުނެފައި ވެއެވެ.
މީގެ އިތުރުން މާލޭގައި އަދި ރިސޯޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އައިޑީ ކާޑު ހެއްދުމަށް ހުށަހަޅާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމުގައި ބުނެފައި ވެއެވެ. އަދި އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކުން އައިޑީ ކާޑު ހެއްްދުމައް ހުށަހަޅާނީ ދިރިއުޅޭ ރަށެއްގައި ހުރި ކަލެކްޓިން ސެންޓަރ މެދުވެރިކޮށް ކަމުގައި ބުނެފައި ވެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމް އާއި، އެމްއެންޕީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުންވެސް ކެނޑިޑޭޓަކު ވާދަކުރެއެވެ. އެ ދާއިރާގެ ބައި-އިލެކްޝަނުގެ ކެމްޕެއިންގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ.
ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވޯޓުލުން ކުރިއަށް ގެންދާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް