މިއުޒިޝަންސް ޔޫނިއަން ގެ މިއަހަރީ ފުރަތަމަ ޖަލްސާ އަންނަމަހު 16 ގައި ބާއްވަނީ

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް ގެ މި އަހަރުގެ ފުރަތަމަ އަހަރީ ޖަލްސާ އަންނަ ފެބްރުވަރީ މަހުގެ 16 ގައި ބާއްވަން ނިންމައިފިއެވެ. މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި، މިދިޔ...

18 Jan 2022 | 08:53

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް ގެ މި އަހަރުގެ ފުރަތަމަ އަހަރީ ޖަލްސާ އަންނަ ފެބްރުވަރީ މަހުގެ 16 ގައި ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޔޫނިއަންގެ ނައިބު ރައީސްގެ މަގާމުން މުހައްމަދު މަހުރާން މާޖިދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ހުސްވެފައިވާ މަގާމަށް އާ މެމްބަރަކު އިންތިޚާބު ކުރުމާއި އަލަށް އުފައްދާފައިވާ ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ ގެ މަގާމަށް މެމްބަރަކު އިންތިޚާބު ކުރުން ހިމެނެއެވެ.

މި މަގާމް އުފެދުމާއި ގުޅިގެން ސްޕޯކްސް ޕަރސަންގެ މަގާމާއި އިވެންޓްސް ކޯޑިނޭޓަރގެ މަގާމު ބާތިލުވެ، އެ މަގާމުތަކުގެ ޒިންމާތަށް އަލަށް އުފެއްދުނު މަގާމަށް ބަދަލުކުރެވިގެން ދާނެއެވެ.

މި ދެމަގާމު އެއްކުރުމަށް ހިންގާ ކޮމިޓީން ނިންމާފައިވަނީ މެމްބަރުންގެ ތާއީދާއެކު، ހިންގާކޮމިޓީގެ މެމްބަރުންގެ އަދަދު މަދުވުމުން ކޮމިޓީގެ ހިންގުންތެރިކަން އިތުރަށް ހަރުދަނާ ކުރުވިގެންދާނެތީއެވެ.

މީގެ އިތުރުން، އެސޯސިއޭޓް އޮފިސަރ ގެ މަގާމު ވެސް މިހާރުވަނީ އުވާލެވިފައެވެ.

ހުސްވެފައިވާ ޔޫނިއަންގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސް އަދި ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ ގެ މަގާމަށް ނަން ހުށަހަޅަން ބޭނުންވާ މެމްބަރުންނަށް، އެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އަދި ޖަލްސާގެ އެޖެންޑާއަށް އިތުރުކުރަން ބޭނުންވާ އެއްވެސް ކަމެއް ވާނަމަ، އެކަން ހުށަހެޅުމަށްވެސް ވަނީ ހުޅުވާލެވިފައެވެ.

މިފަދަ ހުށަހެޅުންތައް ހުށަހަޅަން ބޭނުންވާ މެމްބަރުން [email protected] އީމެއިލްއަށް، 1 ފެބްރުވަރީ 2022 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުށަހެޅުމަށް އެ ޔޫނިއަނުން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް