ކޮމަންޑޫ ސިންގަޕޫރަށް: ރައްޔިތުން އެދެނީ އެހެން މެންބަރުންވެސް ދާއިރާއަށްޓަކައި އިސްތިއުފާ ދެއްވުމަށް !

ކޮމަންޑޫ ދާއިރާއަށް ހަމަ ކޮންމެ ދުވަހަކުމެ ތަރައްގީގެ އާ ކުލައެއް އާ މަންޒަރެއް މިހާރު އެ ދަނީ އަންނަމުންނެވެ. ވަށައިގެން ވަސް ފޯރާ ހިސާބުގައި އޮތިއްޔާ އޮތް ފަޅަކާއި ރަށްރަށެއްވެސް އެ ދަނީ ބާރު ސްޕީޑު...

18 Jan 2022 | 06:09

ކޮމަންޑޫ ދާއިރާއަށް ހަމަ ކޮންމެ ދުވަހަކުމެ ތަރައްގީގެ އާ ކުލައެއް އާ މަންޒަރެއް މިހާރު އެ ދަނީ އަންނަމުންނެވެ. ވަށައިގެން ވަސް ފޯރާ ހިސާބުގައި އޮތިއްޔާ އޮތް ފަޅަކާއި ރަށްރަށެއްވެސް އެ ދަނީ ބާރު ސްޕީޑުގައި މިހާރު ތަރައްގީ ވަމުންނެވެ.

ސަބަބަކަށް މިވީ އެ ދާއިރާގެ ގޮނޑި ހުސްވެ ބައި އިލެކްޝަނަކަށް ދާން ޖެހުމެވެ. ބައި އިލެކްޝަނަކަށް ދާން މި ޖެހުނީ ސިޔާސީ ފޯރި އިންތިހާއަށް ގަދަވެފައިވާ ވަގުތެއް ކަމުން ކޮމްޕެޓިޝަން ހަމަ ވަރުގަދައީއެވެ. ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ބޭނުންވަނީ ގޮނޑި ދިފާއު ކުރާށެވެ. އިދިކޮޅު މައި ކޯލީޝަން ޕީޕީއެމް ޕީއެންސީން ބޭނުންވަނީ ވެރިކަންކުރާ މައި ޕާޓީ ފެއިލްވެއްޖެކަން ސާބިތުކޮށްދޭށެވެ. އެކަމަށް ކޮމަންޑޫ ދާއިރާގެ ގޮނޑި އިންތިހާއަށް އެ ކޯލިޝަނަށްވެސް މުހިންމު ވަނީއެވެ. ދެން އޮތީ އިހަކަށްދުވަހު ވުޖޫދުވެ ބާރު ސްޕީޑުގައި ފުޅާކުރަމުން އަންނަ އެމްއެންޕީއެވެ. އެ ޕާޓީން ކެނޑިޑޭޓަކު ނެރެ ކަށިން ހިތްވަރު ނެރެ މަސައްކަތް އެ ކުރަނީ އެ ޕާޓީގެ މިފަދަ ފުރަތަމަ އިމްތިހާނު ކަމަށްވާ އިންތިހާބުން ފާސްވުމަށެެވެ.

މި ރޭހުގައި އެއް ނަޒަރަކުން ވިސްނާނަމަ އެންމެ ފަހި ބޮޑުކޮށް ފެންނަނީ ވެރިކަންކުރާ މައި ޕާޓީއަށެވެ. އެއީ ވެރިކަމުގައި އެ ޕާޓީ ތިބީތީ ޖެއްސެން ހުރި ޗަރުކޭސް ގިނަވީމައެވެ. އެ ޗަރުކޭސް ކިތަންމެހާވެސް ރަނގަޅަކަށް އެ ދަނީ ކުޅެމުންނެވެ. ހަމަ ކޮންމެ ދުވަހަކުމެ އެ ދާއިރާއަށް ތަރައްގީގެ އެކި ކުލަ ކުލަ އެ ދަނީ ޖައްސަމުންނެވެ. އިއުލާނު ކުރަމުންނެވެ. ވުޒާރާތަކުގެ ވަޒީރުންވެސް ހީވަނީ ވާދައަށް އުޅޭހެންނެވެ. އެއް ވުޒާރާއަކަށްވުރެ އަނެއް ވުޒާރާއިން ގިނަ ކަންކަން ކޮށްދޭން ތިބީ ހިފާފައެވެ.

މިއާއެކު ސޯޝަލް މީޑިއާގައި އާ ވާހަކައެއްގެ އަޑުވެސް މިވަނީ ގަދަވެފައެވެ. އެއީ ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި މިހާރު ހުންނެވި މެންބަރު އިސްތިއުފާ ދެއްވުމަށް ރައްޔިތުން އެދޭ އެދުމެވެ. އެ ރައްޔިތުންނަށްވެސް މިހާރު ގަބޫލު ކުރެވެނީ ގޮނޑި ހުސްވެއްޖެނަމަ ނޫންގޮތަކަށް ދެން އެ ދާއިރާއަކަށް ތަރައްގީއެއް ނާންނާނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް