އިންޑިއާގެ މައި ސިޓީތަކުން ކޮވިޑްގެ ކޭސްތައް ދަށަށް - ޗައިނާގައި ދަނީ މައްޗަށް

އިންޑިއާގެ މައި ސިޓީތަކުން ކޮވިޑްގެ ކޭސްތައް ދަށަށް ދާން ފަށާފައިވާ އިރު، ޗައިނާ ގައި ކޮވިޑް ކޭސްތައް މައްޗަށް ދާން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިިފިއެވެ. އިންޑިއާގެ ނޫސްތަކާއި ޙަވާލާދީ ރި...

18 Jan 2022 | 04:28

އިންޑިއާގެ މައި ސިޓީތަކުން ކޮވިޑްގެ ކޭސްތައް ދަށަށް ދާން ފަށާފައިވާ އިރު، ޗައިނާ ގައި ކޮވިޑް ކޭސްތައް މައްޗަށް ދާން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިިފިއެވެ.

އިންޑިއާގެ ނޫސްތަކާއި ޙަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ ރޭޓް ވެސް މިހާރުދަށްވާން ފަށާފައިވާ ކަމަށެވެ.

މިއީ މިދިޔަ އަހަރުގެ މެއި މަހުގެ ފަހުކޮޅުން ފެށިގެން އެ ގައުމުގައި ކޮވިޑް ކޭސްތައް އިތުރުވަމުން ގޮސް، ކޮވިޑު ކޭސްތައް މަދުވާން ފެށި ފުރަތަމަ ފަހަރެވެ.

އިންޑިއާއިން ވަނީ އިންޑިއާގެ ވެކްސިން ޕްރޮގްރާމަށް އެއް އަހަރު ފުރުން ފާހަގަ ކޮށްފައެވެ. އިންޑިއާއިން މި މުނާސަބާގައި ވަނީ ސްޓޭޕް ސެޓެއް ނެރެފައެވެ.

އިންޑިއާއިން މިދިޔަ އަހަރު ވެކްސިން ޕްރޮގްރާމު ފަށައިގެން މިހާތަނަށް 1.56 ބިލިއަން ވެކްސިން ޑޯޒް ރައްޔިތުންނަށް ދީފައިވެއެވެ. އިންޑިއާގެ އާބާދީގެ 93 ޕަސެންޓް މީހުންނަށް ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، 70 ޕަސެންޓް މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

އެހެންނަމަވެސް ޗައިނާގައި ކޮވިޑްގެ ކޭސްތައް އިތުރު ވަމުން ދާ ކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އެ ގައުމު މިހާރު ވެސް އޮތީ "ހައި އެލަރޓު" ގައި ކަމަށްވާއިރު، އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ހަނދު އައު އަހަރު ފާހަގަކުރުމުގެ ކުރިން އެތައް މިލިއަން ބަޔަކު ޗައިނާގެ އެކި ހިސާބުތަކަށް ދަތުރުކުރާނެއެވެ.

މިއީ ޗައިނާގައި ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑު ވާނެ މުނާސަބާއެއް ކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު އެންމެހަލުވިކަމާއެކު ފެތުރެމުންދަނީ އޮމިކްރޯން ވޭރިއަންޓެވެ. މި ވޭރިއަންޓުން ރައްކާތެރިވުމަށް އެކި ގައުމުތަކުގައި އަންނަނީ ސިއްހީ ކަންކަން ވަރުގަދަ ކުރަމުންނެވެ.

އެގޮތުން ފިލިޕީންސް ގައި ވެކްސިން ނުޖަހާ މީހުންނަށް ޕަބްލިކް ޓްރާންސްޕޯޓް ބޭނުމެއް ނުކުރެވޭ އިރު، އޮސްޓްރިއާގައި ވެކްސިން ޖެހުން ވަނީ މަޖުބޫރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް