ފީފާގެ ޚާއްޞަ އެވޯޑެއް ރޮނާލްޑޯއަށް

ފީފާ "ދަ ބެސްޓް" ޕްލޭޔަރ ހޮވުމަށް ރޭ ބޭއްވި ޚާއްޞަ ރަސްމިއަޔާތުގައި ދުނިޔޭގެ ފުޓްބޯޅައިގައި ގިނަ ރެކޯށްތަކެއް ހަދާފައިވާތީ އެކަމުގެ އަގުވަޒަން ކޮށް ފީފާއިން ޚާއްޞަ އެވޯޑެއް ޕޯޗުގަލް އާއި މެންޗެސްޓާ ޔު...

18 Jan 2022 | 04:09

ފީފާ "ދަ ބެސްޓް" ޕްލޭޔަރ ހޮވުމަށް ރޭ ބޭއްވި ޚާއްޞަ ރަސްމިއަޔާތުގައި ދުނިޔޭގެ ފުޓްބޯޅައިގައި ގިނަ ރެކޯށްތަކެއް ހަދާފައިވާތީ އެކަމުގެ އަގުވަޒަން ކޮށް ފީފާއިން ޚާއްޞަ އެވޯޑެއް ޕޯޗުގަލް އާއި މެންޗެސްޓާ ޔުނައިޓެޑް ގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދީފިއެވެ.

ފީފާ އިން ހޮވި ދުނިޔޭގެ އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނުނު ރޮނާލްޑޯއަށް ފީފާގެ ޚާއްޞަ އެވޯޑް ލިބުނުއިރު، އޭނާ އަކީ މިވަގުތު ދުނިޔޭގެ ބައިނަލްއަޤުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް ވެސް އޮތް ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ ވަނީ އޭ ޕޯޗުގަލް ގައުމީޓީމަށް މިހާތަނަށް ކުޅުނު 184 މެޗުގައި 115 ގޯލް ކާމިޔާބު ކޮށްފައެވެ.

ޒިއުރިކްގައި ރޭގެ ވޭއްވުނު މި ހަފުލާގައި ފީފާގެ ޚާއްޞަ އެވޯޑް ލިބުމަށް ފަހު ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީޓީމުގެ ކުޅުންތެރިންނަށާއި ގައުމީ ޓީމުގެ ކޯޗަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. އަދި މީގެ އިތުރުން މި އެވޯޑަށް ފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ އޭނާއަށް މިފަދަ އެވޯޑެއް ލިބުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށާއި މިއީ ފަހަރެއްގައިވެސް އޭނާ އުންމީދު ކުރިކަމެއް ނޫންކަމަށެވެ. ނަމަވެސް މިކަން މިވަނީ ހަޤީޤަތަކަށް ވެފައިކަމަށާއި އެވޯޑަށް ފީފާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރާ ކަމަށެވެ.

މީގެ އިތުރުން ރޮނާލްޑޯ ބުނީ އޭނާއަށް ލިބޭ މިފަދަ ކާމިޔާބީ އެއްގެ ފަހަތުގައި އޭނާގެ އަންހެނުންނާއި ދަރިން އަދި މަންމަ އާއި އާއިލާގެ އެންމެހާ މެމްބަރުން ހިއްސާވާ ކަމަށާއި އެފަރާތްތަކަށް ވެސް ހިތުގެ އެންމެ ފުންމިނުން ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރާ ކަމަށެވެ.

" އަހަރެން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ފީފާއިން މިފަދަ އެވޯޑެއް ދިނުމުން ވަރަށް އުފާވޭ. މިއީ ހަމަ އެކަނި އަހަރެންގެ މަސައްކަތެއް ނޫން. ޕޯޗުގަލް ގެ ގައުމީޓީމުގެ އެންމެހާ ކުޅުންތެރިންނާއި ކޯޗަށް މިކަމުގެ ޝުކުރު ހައްޤު. މި ކާމިޔާބީ އަކީ އަހަރެން އުންމީދު ކުރިކަމެއްވެސް ނޫން. މި އެވޯޑް ލިބުމުން ބުނަން ނޭންގޭފަދަ އިޚުސާސްތަކެއް ކުރެވުނު. މިފަދަ ކޮންނެ ކާމިޔާބީއެއްގެ ފަހަތުގައި އަހަރެންގެ އާއިލާ ހިމެނޭނެ. އެހެން ކަމުން އެފަރާތް ތަކަށް ވެސް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން." އެވޯޑަށް ފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

މީގެ އިތުރުން ވާހަކަ ނިންމާލަމުން ރޮނާލްޑޯ ބުނީ ފީފާއިން ދިން ޚާއްޞަ އެވޯޑްގެ ސަބަބުން އިތުރު ހިއްވަރެއް ލިބިއްޖެކަމަށާއި އަދިވެސް ކުރިޔަށް އޮތް ތަނުގައި މިފަދަ އެވޯޑްތަކެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް