ދާއިރާގެ ރައްޔިތުންނަށް ޙަންނާންގެ އެންމެ ބޮޑު އެއް ވައުދަކީ ކޮމަންޑޫ ދާއިރާއަށް އެއާޕޯޓެއް އެޅުމަށް ގަދައަޅައި މަސައްކަތް ކޮށްދިނުން ކަމަށް އޭނާގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިފިއެވެ.
ފެބްރުއަރީ ފަސް ވަނަ ދުވަހު ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސްގެ ވައުދުތައް އިފްތިތާހުކުރެއްވީ އެ ޕާޓީގެ މާލޭ ޖަގަހައިގާ ރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ.
މި ވަޢުދުތައް އިފްތިތާހުކޮށްދެއްވީ އެމްއެންޕީގެ ރައީސް ކާނަލް ރޓޑ މުޙައްމަދު ނާޒިމް އާއި ކޮމަންޑޫ ދާއިރާގެ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސްއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމަންޑޫ ދާއިރާގެ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސް ވިދާޅުވީ ރައްޔިތުން ދެރަވާފަދަ އެއްވެސް ޤާނޫނެއް ހެދުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ދެޕާޓީގެ ވެރިކަން ވެސް ރައްޔިތުންނަށް ފެނިގެންގޮސްފައިވާ ކަމަށާއި ދާއިރާއަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ސަރުކާރު ޖަވާބުދާރީ ކުރާނެ ކަމަށް ވެސް ޙަންނާނު ވިދާޅުވިއެވެ.
ޙަންނާނުގެ އެންމެބޮޑު އެއް ވައުދަކީ ކޮމަންޑޫ ދާއިރާއަށް އެއަރޕޯޓެއް އެޅުމަށް ގަދައަޅައި މަސައްކަތް ކޮށްދިނުން ކަމަށްވާއިރު، ރަށްފަތީގައި ރިސޯޓެއް ތަރައްޤީކުރުމަށް ސަރުކާރާއި' ޓޫރިޒަމް މިނިސްޓްރީއަށް ބާރުއެޅުން ވެސް ވަނީ ހިމަނާފައެވެ. އަދި ރަމަޟާން މަހު ދާއިރާގެ ތިން ރަށުން އުމްރާއަށް ތިން މީހުން ފޮނުވުމާއި ދާއިރާގެ ޒުވާނުންނަށް ޚާއްސަކޮށްގެން މަރްޙޫމް ޙުސައިންގެ ހަނދާނުގައި ފުޓްސަލް މުބާރާތެއް ބޭއްވުން ހިމަނާފައިވެއެވެ.
ޙަންނާނުގެ އިތުރު ވަޢުދުތައް:
- ދާއިރާގައި ފުދުންތެރި ރައްޔިތުންތަކެއް ބިނާކުރުމުގެ ގޮތުން "ފުދުންތެރި ފަންޑް"ގެ ނަމުގައި ދެ މިލިއަން ރުފިޔާގެ ފަންޑެއް ހަދައި، އެފަންޑުން އިންޓްރެސްޓް ފްރީ ލޯނުތައް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކައް ދިނުން.
- ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫގައި ހުއްޓިފައި ހުރި ތަރައްޤީގެ މަޝްރޫތައް ކުރިއަށް ގެންދިއުމުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުން.
- ފޯކައިދޫ ހެލްތު ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް އެހީވުމާއި، ރަނގަޅު ފެންވަރުގެ ވޮލީ ކޯޓެއް އެޅުން.
- ފޯކައިދޫގައި ފައިސާގެ މުއާމަލާތު ފަސޭހަ ކުރުމަށް އޭޓީއެމްއެއް ބެހެއްޓުމުގެ މަސައްކަތްކުރުން.
- މަރޮށީގެ ސިއްޙީ މަރުކަޒު ތަރައްޤީ ކުރުމާއި ރަށުގެ އިންޑޯ ޖިމަށް ބޭނުންވާ ސާމާނު ހޯދައިދިނުމާއި މަރޮށީ ސްކޫލް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮމަންޑޫގައި މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި، ސްލިޕްވޭ ގާއިމުކުރުމާއި ސްކޫލްގެ ގޯތި ތެރޭގައި ދަރިވަރުން ކުޅޭނެ ދަނޑެއް އަޅައިދިނުން.
- ކޮމަންޑޫގެ ތަޢުލީމީ މަރުކަޒުގެ ޚިދުމަތް ވަރުގަދަކޮށް ހިންގުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް