ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތް ކުރައްވައި އެކްސްޕޯ ބައެއް ޕެވިލިއަންތައް ބައްލަވާލައްވައިފިއެވެ.
އެމަނިކުފާނު ޒިޔާރަތްކުރެއްވި ޕެވިލިއަންތަކަކީ ދިވެހިރާއްޖޭގެ ޕެވިލިއަން، ސިންގަޕޫރުގެ ޕެވިލިއަން، އިޓަލީގެ ޕެވިލިއަން އަދި ވިޝަން ޕެވިލިއަން އެވެ.
އެކްސްޕޯގެ ދިވެހިރާއްޖޭގެ ޕެވިލިއަން އިން ދައްކުވައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޢަމަލުކުރާ ގޮތްތަކާއި، ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކެވެ.
ސިންގަޕޫރުގެ ޕެވިލިއަން އިން ބަގީޗާއެއްގެ ގޮތަށް އޮންނަ ދިރިއުޅެން ފަސޭހަ ސިޓީއެއް ދައްކުވައިދޭއިރު، ސިންގަޕޫރުގެ އީޖާދީ ވިސްނުންތައް ވެސް މި ޕެވިލިއަން އިން ދައްކުވައިދެއެވެ. އިޓަލީގެ ޕެވިލިއަން އިން އިޓަލީން އެކި ދާއިރާތަކުން ހުރި ފުރުޞަތުތަކާއި ޙާޞިލުކޮށްފައިވާ ކުރިއެރުންތަކާއި އިޖާދީކަންކަމާއި އުފެއްދުންތެރިކަން ވަނީ ދައްކުވައިދީފައެވެ.
މީގެ އިތުރުން ވިޝަން ޕެވިލިއަންއަކީ ޔޫ.އޭ.އީ.ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ވިސްނުންފުޅުތަކާއި ތަޞައްވުރުތައް ދައްކުވައިދޭ ޕެވިލިއަންއެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް