މަޑިވަރު އެއަރޕޯޓު ހިންގުން އައިލެންޑް އޭވިއޭޝަނަށް - މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓުތައް އަންނަމަހު ފަށަނީ

ފާދިއްޕޮޅުގައި ތަރައްގީކޮށްފައިވާ މަޑިވަރު އެއަރޕޯޓު ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލު ކުރުމުން މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓުތައް އަންނަމަހު ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ....

18 Jan 2022 | 03:07

ފާދިއްޕޮޅުގައި ތަރައްގީކޮށްފައިވާ މަޑިވަރު އެއަރޕޯޓު ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލު ކުރުމުން މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓުތައް އަންނަމަހު ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކުރެއްދޫ ހޯލްޑިންގ ގެ ފަރާތުން ތަރައްޤީ ކޮށްފައިވާ މި އެއަރޕޯޓު ހިންގުމަށް ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި ހަވާލުކޮށް، މިހާރުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން މަޑިވަރު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ގުޅިގެން އައިލެންޑް އޭވިއޭޝަނުން ފަށާފައިވާ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މަޑިވަރު އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހުއެވެ.

މަޑިވަރުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވަނީ 1200 މީޓަރުގެ ރަންވޭއަކާއި، އެއަރކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގ އަދި ޒަމާނީ ފެންވަރުގެ ޓަރމިނަލެެއް ވަނީ ތަރައްޤީކޮށްފައެވެ.

މީގެއިތުރުން އެއަރޕޯޓުގެ ޓަރމިނަލް އިމާރާތާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމާ، ގްރައުންޑް ހޭންޑްލިންގއަށް ބޭނުންވާ ސާމާނު ގެންގޮސް މިހާރުވަނީ އިންސްޓޯލް ކޮށްފައެވެ.

އައިލެންޑް އޭވިއޭޝަނުން ޑޮމެސްޓިކް ތިން އެއަރޕޯޓެއް އަންނަނީ ހިންގަމުންނެވެ. އެއީ ބ.ދަ ރަވަންދޫ، ތ. ތިމަރަފުށި އަދި ރ. އިފުރު އެއަރޕޯޓެވެ. އަދި ނ. މާފަރުގައި އިންޓަރނޭޝަނަލް އެއަރޕޯރޓެއް ވެސް އެ ކުންފުނިން އަންނަނީ ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް