ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންނަށް މެޑިކަލް ޗެކަޕް ހަދައިދޭން އަންނަ ހަފްތާގައި އަލުން ފަށާނެ ކަމަށް އޭއެމްޑިސީން ބުނެފި އެވެ.
ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ ގައިގަ ނުރައްކާތެރި ބައްޔެއް ހުރިތޯއާއި ސިއްހީ ހާލަތު ދެނެގަތުމަށް މެޑިކަލް ޗެކަޕް ހަދައި އެ ރިޕޯޓު އިމިގްރޭޝަނަށް ހުށަހަޅަން ޖެހެ އެވެ. އެ ހުއްދަ ހެލްތް މިނިސްޓްރީން ދޫކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ބައެއް ތަންތަނުން ފޭކު ރިޕޯޓުތައް ހަދަމުންދާ ކަމުގެ ޝަކުވާލިބުމާއި ގުޅިގެން އެކަން ތަހުގީގު ކުރުމަށް އޭޑީކޭ އާއި އޭއެމްޑީސީން ދޫކުރާ ލިޔުން ގަބޫލު ނުކުރަން އިމިގްރޭޝަނުން މިދިޔަ ޑިސެމްބަރު ހައެއްގައި ނިންމި އެވެ.
މި ނިންމުމާއި ގުޅިގެން އެ ދެ ތަނުން ވަނީ މެޑިކަލް ޗެކަޕް ހަދައި ދިނުން މެދު ކަނޑާލާފައި އެވެ.
މީގެ ތެރެއިން ކަންކަން އިސްލާހު ކުރުމަށް ފަހު އޭޑީކޭއިން ވަނީ މިދިޔަ ޑިސެމްބަރު މަހު 18 ވަނަ ދުވަހު އަލުން ވޯކް ޕާމިޓް މެޑިކަލް ޗެކަޕް ހަދައިދޭން ފަށާފައި އެވެ. އޭއެމްޑިސީން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ކްލިނިކުންވެސް އަލުން އެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.
އަދި އެ ފަދަ ކަމެއް ތަކުރާރު ވިޔަ ނުދޭނެ ކަމަށް ބުނެ އެވެ.
އޭއެމްޑީސީން މިކަން ހާމަ ކުރިނަމަވެސް އެތަނުން ދޫކުރާ ރިޕޯޓު ބަލައިގެންނާނެކަމެއް އިމިގްރޭޝަނުން އަދި ހާމަކޮށްފައި އެއް ނުވެ އެވެ.
އިމިގްރޭޝަނުން ބުނީ އެ ދެ ތަނުން ދޫކުރާ ރިޕޯޓު ބަލައި ނުގަންނަން ނިންމީ ނުރައްކާތެރި ބައެއް ބަލިތަކާއި ގައިން ގަޔަށް އަރާ ބަލިތައް ހުންނަ ބިދޭސީންގެ ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުހުންނާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް