ރީކޯ މޫސަގެ ދަނބިދަރިފުޅު ޖާވީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ވޯކްސް ކޯޕަރޭޝަނުން ދެ އެކްސް ކެވޭޓަރު ގަތުމަށް ކޮށްފައިވާ ފައިސާގެ މުއާމަލާތެއްގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ އެ ކުންފުނީގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޖާވިދުގެ މައްޗަށް ދައުވާކުރަން ޕ...

18 Jan 2017 | 07:27

ވޯކްސް ކޯޕަރޭޝަނުން ދެ އެކްސް ކެވޭޓަރު ގަތުމަށް ކޮށްފައިވާ ފައިސާގެ މުއާމަލާތެއްގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ އެ ކުންފުނީގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޖާވިދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި އެވެ.

އެ މައްސަލައިގަ ދައުވާ ކުރަން ފޮނުވީ ޖާވީދު މައްޗަށް ކަން ރަސްމީކޮށް އޭސީސީން ހާމަނު ކުރިނަމަވެސް އެ ދުވަސް ވަރު އެ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު ޖާވީދެވެ.

އޭސީސީން ތަހުގީގު ކުރުމަށް ފަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވީ އެ ދެ އެކްސް ކެވޭޓަރު ގަތުމަށް ރަސްމީ ޑޮލަރު ރޭޓަށް ވުރެ ބޮޑުކޮށް ޑޮޮލަރަށް ފައިސާ ދައްކާފައިވާތީ ކަމަށެވެ. އެގޮތުން އޭރުގެ ރަސްމީ ޑޮލަރު ރޭޓަކީ ޑޮލަރަކަށް 12.85ރ. ކަމަށްވިޔަސް ދެ އެކްސްކަވޭޓަރު ގަތުމަށް އަމިއްލަ ކުންފުންޏަކަށް ފައިސާ ދެއްކީ ޑޮލަރަކަށް 13.75ރ. ގެ ރޭޓުން ކަމަށް ބުނެފައިވެ އެވެ.

އެހެންވެ، އެކްސްކަވޭޓަރަށް ދައްކަންޖެހޭ އަދަދަށް ވުރެ އިތުރަށް 358،200ރ. ވޯކްސް ކޯޕަރޭޝަނުން ދީފައިވާ ކަމަށެވެ. އަދި އެކަމުގެ އެއްބަސްވުމުގައި އޭރު ސޮއިކޮށްފައި ވަނީ އޭރުގެ އެމްޑީ ޖާވިދު ކަމަށް އޭސީސީން ބުނެ އެވެ.

ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރަށް ފައިސާ ދެއްކީ އޭރު ޑޮލަރު ލިބުން ދަތިވެގެން ކަމަށް އޭރުގެ ޖާވިދު ވިދާޅުވެފައި ވިޔަސް ޑޮލަރު ހޯދަން އެ ކުންފުނިން އެއްވެސް މަސައްކަތެއް ކުރިކަން އެނގެން ނެތް ކަމަށް އޭސީސީން ބުނެއެވެ. އަދި އެމްއެމްއޭ އިން ކަނޑައަޅާ އަގަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކޭނީ އެމްއެމްއޭގެ ހުއްދަ ލިބިގެން ކަމަށް އެމްއެމްއޭގެ ގަވާއިދުގައި ބުނާއިރު ވޯކްސް ކޯޕަރޭޝަނުން ބޮޑު އަގުގައި ޑޮލަރަށް ފައިސާ ދެއްކީ އެފަދަ ހުއްދައެއް ނެތި ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.

އެކަން ކޮށްފައިވަނީ ޖާވިދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން މީހަކަށް ފައިދާއެއް ހޯދައިދޭން ކަމަށް ތަހުގީގަށް ސާބިތުވާ  ކަމަށާއި އެ މައްސަލަ މިހާރު ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް