އަހަރަކު 10 މިލިއަން ރުފިޔާއަށްވުރެ ދަށުން އާމްދަނީ ލިބޭ ވިޔަފާރިތަކުން "ކޭޝް ބޭސިސް" ބޭނުން ކުރުމުގެ އިހްތިޔާރު ދޭން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ.
ކޭޝް ބޭސިސްގައި އާމްދަނީ އާއި ހަރަދުތައް ހިމަނަން ޖެހޭނީ ފައިސާ ލިބޭ ނުވަތަ ހޭދަކުރާ ތާރީހެއްގަ އެވެ. ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ)ގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީ 10 މިލިއަން ރުފިޔާ އަށް ވުރެ އިތުރު ނުވާ ނަމަ، މިދިޔަ އަހަރުގެ ހިސާބުތަކުން ފެށިގެން "ކޭޝް ބޭސިސް" ބޭނުން ކުރެވޭނެ އެވެ.
ކުރީގައި ގަވައިދު ބުނާގޮތުން ކޭޝް ބޭސިސް ބޭނުންކުރެވޭނީ އަހަރަކު ފަސް މިލިޔަނަށްވުރެ މަދުން އާމްދަނީ ލިބޭ ނަމައެވެ.
އަހަރަކު އާމްދަނީގެ ގޮތުގައި 10 މިލިއަނަށްވުރެ ގިނައިން ލިބޭ ފަރާތްތަކުން ބޭނުންކުރަންޖެހެނީ ކުރިއެކޭވެސް އެއްގޮތަށް "އެކްރުއަލް ބޭސިސް" އެވެ. "އެކްރުއަލް ބޭސިސް"ގައި އާމްދަނީ އާއި ހަރަދުތައް ހިމަނަން ޖެހޭނީ އެކަމެއް ނިސްބަތްވާ ތާރީހެއްގައެވެ.
މީރާއިން މިއަދު ވަނީ، އަހަރަކު އާމްދަނީ 750,000 ރުފިޔާ އަދި ފައިދާ 500,000 ރުފިޔާ އަށްވުރެ މަދުން ލިބޭ ފަރާތްތައް ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭގޮތަށް ވެސް ހަމަޖައްސާފައެވެ.
މީގެ އިތުރުން، ކުންފުންޏެއް އުވާލަން ހުށަހަޅާ ތާރީހުގެ ފަހުން ހިނގާ މުއްދަތުތަކަށް އެއްވެސް ޓެކްސް ބަޔާނެއް ހުށަހަޅަން ނުޖެހޭ ގޮތަށް ވެސް މީރާ އިން ވަނީ އިއްޔެ ހަމަޖައްސައިފަ އެވެ. އެ އޮތޯރިޓީން ބުނީ މިހާރު އުވާލަން ހުށަހަޅާފައިވާ ހުރިހާ ކުންފުންޏަކަށް ވެސް މި ލުއި ލިބޭނެ ކަމަށެވެ.
މީރާއިން ބުނީ މި ބަދަލުތައް ގެނައީ ކުދި ވިޔަފާރިތަކަށް ލުޔެއް ދިނުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް