ތަފާތު ކުރުމަކީ މިހާރު އަޅުގަނޑުމެން ދިވެހިންގެ މެދުގައި ވެސް ވަރަށް އާއްމުވެފައިވާ ކަމަކެވެ.
އެކި ކަންތައްތަކުގައި، އެކި ތަންތަނުގައި ތަފާތު ކުރެވޭއިރު، ތަފާތު ކުރެވޭކަން ބައެއް ފަހަރު އަނެކާއަށް ނޭނގޭ ފަހަރުވެސް އާދެއެވެ.
މިގޮތުން ކުރެވޭ ބައެއް ތަފާތު ތަކަކަށް ބަލާލާއިރު، ސްކޫލްއެއްގައި ކިޔަވާ ދޭ ދަރިވަރުންނާއި މެދު ތަފާތު ކުރުން ހިމެނެއެވެ. މޮޅު ކުދިން ގިނަ ހަރަކާތްތަކުގައި ބައިވެރިކޮށް ކިޔެވުމުގައި ތަންކޮޅެއް ފެންވަރު ދަށް ކުދިން، ބާކީ ކޮށްލާފައި ހުންނަނީ މަދު ފަހަރަކު ނޫނެވެ. މިއީ އަޅުގަނޑުމެންގެ ބައެއް ޓީޗަރުންނަށް ކުރެވޭ ވަރަށް ދެރަކަމެކެވެ.
ދެން ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ، ކަޅު ދޮން ތަފާތު ކުރުމެވެ. މިއީ މިފަހަކަށް އައިސް ވަރަށް ގިނަ ތަންތަނުގައި ކުރެވޭ ތަފާތެކެވެ. މިސާލަކަށް ބުނާނަމަ،ސްކޫލްގައި ވެސް މިތަފާތު ކުރެވެއެވެ. ހަމުން ކަޅު ކުދިންނާއި ބައެއް ދަރިވަރުން ދުރުއިރު، ބައެއް ފަހަރު ޓީޗަރުންނަށް ވެސް ބޮޑަށް ޚާއްސަ ކަމެއް ދެވެނީ ދޮން ކުދިންނަށެވެ. ނަމަވެސް މިތަފާތު ކުރުމަކީ ހަމައެކަނި ސްކޫލެއްގެ ތެރޭގައި އޮންނަ ތަފާތު ކުރުމެއް ނޫނެވެ. ހިތާމައަކީ ބައެއްފަހަރު އާއިލާ ތެރޭގައިވެސް މިތަފާތު ކުރުން އޮންނަ ކަމެވެ. ދޮން ކުއްޖަކާއި ހަމުގެ ކުލަ މުށި ކުލައިގެ ކުއްޖެއް އާއިލާގައި ހުންނަ ނަމަ، ބައެއް ބެލެނިވެރިންނަށް ގިނައިން ބޭރަށް ގެންދެވެނީ ނުވަތަ އެކުގައި ފޮޓޯ އެއް ނެގެނީ ދޮންކުއްޖާ އާއި އެކުގައެވެ. މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. މިފަދައިން ކަންތައް ކުރުމުން ދަރިފުޅު ހިތްދަތިވެ މުޖުތަމައު ދެކެ ފޫހިވެ ރުޅި އަންނާނެއެވެ. އަދި ޚާއްސަކޮށް ތިމާގެ މައިންބަފައިންނަށް ޓަކައި ހިތުގައި ނަފުރަތު އުފެދޭނެއެވެ. ވީމާ މިއީ ކޮންމެ ބެލެނިވެރިއަކުވެސް ވިސްނަންވީ ކަމެކެވެ.
ވަޒީފާގެ މައިދާނަށް ބަލާއިރުވެސް ތަފާތު ކުރުން ވަރަށް ގިނައެވެ. ވަޒީފާއެއް ހޯދަން ޒުވާނުން ބުރަ މަސައްކަތް ކުރާއިރު، އާއްމުގޮތެއްގައި ވަޒީފާ ފަސޭހައިން ލިބެނީ އަންހެން ކުދިންނަށެވެ. ނަމަވެސް ވަކި ގޮތަކަށް ހެދުން އަޅާފައި ތިބޭ ވަކި ކަހަލަ އަންހެން ކުދިންނަށެވެ. ގަޔަށް ދޫކޮށް ހެދުން އަޅާ، ބޮޑު ބުރުގާ އަޅާ، މޫނުގައި ކުލަތަކެއް ނުވަށާހުރި އަންހެނެއްގެ ކިޔެވުމުގެ ފެންވަރު ކިތަންމެ ރަނގަޅު ނަމަވެސް އެފަދަ އަންހެނަކަށް ވަޒީފާއެއް ލިބެނީ ވަރަށް ދަތި އުނދަގުލުންނެވެ. މޫނު ބުރުގާ އަޅާފައި ހުންނަ ނަމަ، ވަޒީފާއެއް ލިބުން އަދި މާބޮޑަށް ދައްޗެވެ. ނަމަވެސް ތިމާގެ ޢައުރަ ރަނގަޅަށް ނިވާނުކޮށް، މޭކަޕުން ތިމާގެ އަސްލު ސިފަ ފޮރުވާލާފައި ތިބޭ އަންހެން ކުދިންނަށް މިއީ އެއްވެސް ދަތި އުނދަގޫ ކަމަކަށް ގިނަ ފަހަރު ނުވެއެވެ. އަދި މިފަދަ އަންހެން ކުދިންނަށް ޕްރޮމޯޝަން ވެސް ވަރަށް އަވަހަށް ލިބޭކަން ފާހަގަވެއެވެ.
ވަޒީފާއެއް ނުލިބިގެން ޒުވާން ގިނަ ފިރިހެން ކުދިންވެސް ވަރަށް ހާލުގައި އުޅެން ޖެހެއެވެ. އެކި ތަންތަނަށް ސިޓީލަމުން ދާއިރު، ކޮންމެ ތަނަކުންވެސް އޭނާ ވަޒީފާ އަށް ނެގުމަށް ދެކޮޅު ހަދާ ސަބަބު ޚުދު އޭނާއަށް ވެސް ގިނަފަހަރަށް ނޭނގެއެވެ. ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ލިބުނަސް، އެސަނަދުތަށް މިޒަމާނުގެ މިފަދަ ތަފާތު ކުރުން ތަކުގެ ސަބަބުން ވަނީ ބޭކާރުވެފައެވެ.
ވަޒީފާގެ މައިދާނުގައި ކުރިމަތިވާ އެހެން ތަފާތު ކުރުމަކީ، އަލަށް ވަޒީފާއެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ވަޒީފާއެއް ހޯދަން ދިމާވާ ދަތިކަމެވެ. ބޭނުންވަނީ ތަޖުރިބާ ހުންނަ ފަރާތްތަކޭ ބުނެ އިއުލާން ކުރުމުން، ތަޖުރިބާ ލިބޭނީވެސް ހޯދަން ފުރުސަތެއް ދީގެންކަން ގިނަ ފަރާތްތަކަށް ނޭނގެއެވެ. ކޮންމެ ކަމަކީވެސް ޙައްލެއް އޮންނާނެ ކަމެކެވެ. އެހެން ކަމުން ތަޖުރިބާ ނެތި އަލަށް ވަޒީފާގެ މައިދާނަށް ނިކުންނަ ފަރާތްތަކަށް ވެސް (ޓްރޭނިންގް އަކާއިއެކު ވިޔަސް) ވަޒީފާ އަދާކުރުގެ ފުރުސަތެއް ދިނުން ރަނގަޅުކަމަށް ފެނެއެވެ.
އަޅުގަނޑުމެންގެ ތެރޭގައި ދިމާވެފައިވާ އަނެއް ތަފާތު ކުރުމަކީ، ކޮންމެވެސް ކަހަލަ ނުކުޅެދުންތެރި ކަމެއް ހުންނަ ފަރާތްތަކަށް ހުޅުވިފައިވާ ފުރުސަތުތަށް ކުޑަކަމެވެ. ސްކޮލާޝިޕް އެއް ލިބުން ކަމުގައި ވިޔަސް ގިނަ ފަހަރަށް ލިބެނީ އާދައިގެ މީހަކަށެވެ. ސްކޫލެއްގައި ނުވަތަ ޔުނިވާރސިޓީއެއްގައި އުޅޭ ނުކުޅެދޭ ކުއްޖެއްނަމަ، ކުލާހުގެ އެހެން ކުދިންނަށް ދެވޭ ތަންތަނަށް މިފަދަ ކުދިންނަށް ނުދެވެއެވެ. އެއީ އެފަދަ އިންތިޒާމެއްވެސް އެތަޢުލީމީ މަރުކަޒަކުން ރަނގަޅަށް ހަމަނުޖައްސާތީ އެވެ. އަދި ބައެއްފަހަރު އެކުދިންނާއި އަނގައިންވެސް ނުބުނެ އެކަހެރި ކޮށްލާފައި ވެސް ބަހައްޓައެވެ. މިފަދަ ކުދިން ބޮޑު ވުމުން އަދާ ކުރެވޭނެ ވަޒީފާ އެއްވެސް ނެތް ކަމީ ފާހަގަ ކުރެވޭ ކަމެކެވެ.
ހަމަ މިފަދައިން ދިމާވާ އަނެއް ތަފާތު ކުރުމަކީ އުމުރުން ދުވަސްވެފައިވާ ނުވަތަ އާއްމުކޮށް މީހުން ބުނާ ގޮތުންނަމަ، "އުމުރު ދެބައި ވެފައިވާ" މީހުންނަށްވެސް ވަޒީފާއެއް ހޯދުމަށް ކުރިމަތިވާ ދަތިކަމެވެ. އުރުމުން 65 އަހަރަށް ވުރެ މަތީ މީހުންނަކީ މުސްކުޅިން ކަމުގައި ޓެގް ކުރެވި އެމީހުން ވަޒީފާ އަދާކުރުމަކީ ސިއްޙަތަށްވެސް ގެއްލުންހުރި ކަމެއް ގޮތުގައި ނިންމާފައިވާ އިރު، އެއުމުރަށް ނުދާ މެދު އުމުރުގެ މީހުންނަށް ވެސް ވަޒީފާއެއް މިޒަމާނުގައި ފަސޭހައިން ނުލިބުމަކީ ހައިރާންވާން ޖެހޭ ކަމެކެވެ. ކޮންމެވެސް ސަބަބަކާއި ހެދި އުމުރުން 35 އަހަރުން މަތީގެ މީހެއްގެ ވަޒީފާ ގެއްލިއްޖެނަމަ، ދެން އަލުން އެހެން ވަޒީފާއެއް އޭނާއަށް ހޯދެނީ ވަރަށް ވެސް ދަތި އުނދަގުލުންނެވެ. ސަބަބަކީ ކޮންމެ ތަނަކުންވެސް ބޭނުންވަނީ "ޒުވާން" ކުދިން ކަމުގައިވާތީ އެވެ. ނަމަވެސް ދިރިއުޅުމުގައި ޒަރޫރީ ބޭނުންތަށް ފުއްދުން އޮތީ ހަމައެކަނި ޒުވާނުންނަށް އެކަނި ނޫންކަން އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ދަންނަން ޖެހެއެވެ.
ރާއްޖޭގައި ތަފާތު އެކި ދީންތަށް ނެތް ކަމުގައިވީ ނަމަވެސް، އިސްލާމްދީނަށް އެކި މީހުން ތަބަޢާވަނީ އެކި ގޮތަށެވެ. ކުރިން ބުނި ފަދައިން ވަޒީފާގެ މައިދާނުގައި މިފަދައިން ތަފާތު ކުރުން އޮންނައިރު، އެހެން ގޮތް ގޮތުންވެސް މިކަމުން އެކަކު އަނެކަކު ތަފާތު ކުރެއެވެ. މިސާލަކަށް ބުނާނަމަ، މަގުމަތިން ޓެކްސީއެއް ހޯދަން އުޅުން ކަމުގައިވިޔަސް، ދިގުކޮށް ގަޔަށް ދޫކޮށް ހެދުން އަޅާފައި ނުވަތަ މޫނު ބުރުގާ އަޅާފައި ހުންނަ އަންހެނެއްނަމަ، ދަތުރެއް ލިބުންވަނީ ވަރަށް ދަތިކަމަކަށެވެ. ނަމަވެސް ޒަމާނީ ވެސްޓަރން ގޮތްގޮތަށް ހެދުން އަޅާ އަންހެނުންނަށް މިއީ އެހާބޮޑު ދަތި ކަމަކަށް ނުވެއެވެ. ކުރިން އެހެން ދަތުރެއްގައި އިން ކަމުގައި ވިޔަސް، ބައެއް ޓެކްސީ ޑްރައިވަރުން މިފަދަ އަންހެން ކުދިންނަށްޓަކައި "ހެޔޮ ހިތުން" ކާރު ހުއްޓާ އެދަތުރު ނަގާދެވެއެވެ.
ދެން ފާހަގަ ކޮށްލެވޭ އެންމެ ބޮޑު އަނެއް ތަފާތު ކުރުމަކީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާއި ކުރާ ތަފާތެވެ. ގިނަ ދިވެހިންނަކީ ގެއަށް ގެންނަ ފެންފޮދުވެސް ނުވަތަ ގޭގެ ކުނިކޮޅުވެސް އަމިއްލައަށް އުކާލަން ނުކުރޭ މީހުންނެވެ. އެންމެ ކުޑަމިނުން ގޭގައި މޮޕު އަޅާލުންވެސް އަމިއްލައަށް ކުރެވުމުގެ ބާރު ގިނަ ދިވެހީންގެ ނުހުންނަކަން ހިތާމައާއިއެކު ފާހަގަ ވެއެވެ.
މިފަދަ ކުދި ކުދި ކަންތައް ކުރުމަށް ބިދޭސީންގެ އެހީ އެފަދަ ދިވެހީން ހޯދައެވެ. އުޖޫރައެއް ކަނޑައަޅާ އެހީތެރި ކަމެއް ހޯދުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބިދޭސީން މިފަދަ ބުރަ މަސައްކަތް ކުރާއިރު، އެމީހުން އެކޮށްދޭ މަސައްކަތުގެ އަގު ވަޒަންކޮށް، ހެޔޮ ހިތުން އެމީހުންނާއި އަނގައިން ބުނަނީ ކިތަށް މީހުންތޯ އެވެ؟ ފިހާރައެއްގެ ސޭޓަކަށް ބިދޭސީއަކު އިނަސް، ނުވަތަ ހޮޓަލެއްގެ ވެއިޓަރުކަން ކުރިޔަސް، ބައެއް ދިވެހީން އެމީހުންނާއި މުޚާތަބު ކުރަނީ ހިތަށް އެރި ގޮތަކަށެވެ. ދިވެއްސަކަށް ދެރަ ކަމެއް ދިމާވުމުން، އެމީހަކާއި ދޭތެރޭ ހަމްދަރުދީވެ އެމީހެއްގެ ހިތާމައިގާ ބައިވެރިވާ ބައެއް ދިވެހީންނަށް ވެސް ބިދޭސީންގެ އިޙުސާސްތަށް ގިނަފަހަރަށް ދެނެ ނުގަނެވެއެވެ. އިންސާނީ ހިއްސުތަށް ހުންނަނީ ހަމައެކަނި ދިވެހީންގެ އެކަންޏޭ ހީވާ މީހުން ގިނައީ އެވެ.
ފަހު ޕޮއިންޓެއް ގޮތުގައި ނެގެނީ، މާޒީގައި ކުށެއް ނުވަތަ ކުށްތަކެއް ކުރެވިފައިވާ މީހުން، އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގައި ބަލައި ނުގަތުމެވެ. ކުށެއް ކުރެވިގެން ޙުކުމެއް ތަންފީޒު ކުރުމަށްފަހު ނުވަތަ މަސްތުވާތަކެތީގެ އަވައިގާ ކުރިން ޖެހި، ފަހުން ރީހެބްއަށް ގޮސް އެވަބާއިން ސަލާމަތްވެގެން މުޖުތަމަޢުގެ ތެރެއަށް ނިކުތުމުންވެސް، ބައެއް ދިވެހިން އެފަދަ މީހުން ބަލައި ނުގަންނަކަން ވަރަށް ފާހަގަވެއެވެ. އެފަދަ މީހަކާއި ހެޔޮ ހިތުން އަނގައިން ބުނަނީވެސް މަދު ބައެކެވެ. އަދި ބައެއް ދިވެހީން އެމީހުންނާއި ދިމާލަށް އެވާހަކަ ގޮވާ ދިމާވެސް ކުރެއެވެ.
އެހެން މީހުންނާއި އެފަދަ މީހުން އެކި ގޮތްގޮތަށް ތަފާތު ކުރެއެވެ. ބާކީ ކޮށްލާ އެކަނި ކޮށްލައެވެ. ބައެއް ފަހަރު އެފަދަ މީހުންގެ އާއިލާއިންވެސް މިފަދައިން ކަންތަށް ކުރާކަމީ ވަރަށް ހިތާމަ ހުރި ކަމެކެވެ. އާއިލާގައި އެފަދަ މީހަކާއި، އެފަދަ އެއްވެސް ގޮތަކަށް ނޫޅޭ މީހަކު ހުރެއްޖެނަމަ، ހެޔޮ ހިތުން ވާހަކަ ދައްކާ، ހީސަމާސާކޮށް، އެކުގައި ތަންތަނަށް ދެވެނީ އެފަދަ އެއްވެސް ކަމެއް ނުކުރާ މީހާ ގޮވައިގެންނެވެ.
މިހެން ކަންތައް ކުރުމުން، މާޒީގައި ކުށްކުރެވިފައިވާ މީހާ އެކަނިވެ، ބާކީވެ ހިތްދަތިވެއެވެ. އަދި ގިނަ ފަހަރަށް މިކަމުގެ ސަބަބުން އެމީހުންނަށް އަނެއްކާވެސް ނުބައި މަގު އިޚްތިޔާރު ކުރެވެއެވެ.
މިފަދަ ތަފާތު ކުރުން ތަކަކީ ފުންކޮށް ވިސްނާ ވީހާވެސް އަވަހަށް ޙައްލު ކުރަން ޖެހޭ ކަންތައްތަކެއް ކަމުގައި ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް