ނާޒިމްގެ ގެއަށް ފުލުހުން ވަނުމުގެ ކަންކަން ރައްޔިތުނަށް ސާފުކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި

މިނިސްޓާ ނާޒިމްގެ ގެ ގެއަށް ރޭގެ ދަންވަރު ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެފައިވާއިރު އެކަންކަން ހިނގާދިޔަގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ. އެ...

18 Jan 2015 | 15:55

މިނިސްޓާ ނާޒިމްގެ ގެ ގެއަށް ރޭގެ ދަންވަރު ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެފައިވާއިރު އެކަންކަން ހިނގާދިޔަގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިފާއީ ވަޒީރު ނާޒިމް ދިރިއުޅުއްވާ ގޭގެ މައި ދޮރާއި އެޕާރޓްމެންޓްގެ ދޮރުތައް ވައްޓާލުމަށްފަހު ރޭގެ މެންދަމުގެ ވަގުތެއްގައި މޫނު ނިވާކޮށްގެން ތިބި ފުލުހުންތަކެއް ވަދެ ހިންގި އެ ޢަމަލު، ސަރުކާރުން ރައްޔިތުންނަށް ސާފުކޮށް ދެއްވަމުން ނުދާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރާ ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން، މޫނު ނިވާކޮށްގެން ތިބި ފުލުހުންތަކެއް ފޮނުވައި، ޤައުމެއްގެ ދިފާއީ ވަޒީރެއް ދިރިއުޅުއްވާ ތަނެއްގެ ދޮރުތައް ރޭގަނޑުގެ މެންދަމުގެ ވަގުތެއްގައި ވައްޓައިލައި އެތަނެއް ފާސްކުރާކުރުމަކީ އާދައިގެކަމެއްކަމުގައި ނުދެކޭ ކަމަށާއި ޢާންމު އުސޫލުން ވެސް މީހުން ދިރިއުޅޭ ގެދޮރަށް މިގޮތަށް މެންދަމުގެ ވަގުތެއްގައި ދޮރުތައް ވައްޓާލައިގެން ވަނުމަށް ކޯޓު އަމުރު ފުލުހުންނަށް ދެވެންވާނީ ބޮޑު ކުށެއްގައި އެކަށީގެންވާ ހެކިތަކެއް ހުރެގެން ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އަމުދުން ޤައުމުގެ ދިފާއީ ވަޒީރުގެ މައްޗަށް ކުށެއްގައި ތުހުމަތުކޮށް އެނާ ދިރިއުޅުއްވާ ތަނަކަށް މިގޮތަށް ފުލުހުން ވަނުމުގައި މާބޮޑަށް ބެލެވިފައި ވާނޭކަމަށް ދެކެންޖެހޭ ކަމަށާއި އަދި މީޑިއާ އިން ރިޕޯރޓްކުރާ ގޮތުގައި ދިފާއީ ވަޒީރު މުޙައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާރޓްމެންޓަށް ފުލުހުން އެގޮތަށް ރޭގައި ވަދެފައިވަނީ ޓެރަރިޒިމާއި، ހަތިޔާރު ގެންގުޅުމާއި އަދި ގޮވާ ތަކެއްޗާ ގުޅުންހުރި ކަމެއްގައިކަން ފާހަގަކުރާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިކަން މިހެން އޮތްއިރު، ސަރުކާރުން މި ޢަމަލު ހިންގި ސަބަބު ރައްޔިތުންނަށް ސާފުކޮށްނުދިނުމަކީ އެޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ. އަދި ދިފާއީ ވަޒީރާ މެދު ސަރުކާރުގެ އިތުބާރު އޮތްކަމަށް ސަރުކާރުން ވިދާޅުވާއިރު، އެކަށީގެންވާ ހެކިތަކެއް ހުރެގެންކަމަށް ބުނެ ކޯޓު އަމުރެއް ހޯދައި، ސަރުކާރުން ފުލުހުން ފޮނުވައިގެން ދޮރުތައް ވައްޓައިލައި، މި ޢަމަލުތައް މި ސަރުކާރުގެ ދިފާއީ ވަޒީރާމެދު ހިންގާފައިވަނީ ސަރުކާރުގެ ތެރޭގައި އަނެއްކާ އެހެން ސަރުކާރެއް އޮވެގެން ކަމަށް ދޭހަވާގޮތަށް ވާހަކަދެއްކުމަކީ ވެސް އެ ޕާރޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ހަމަ އެފަދައިން، ފުލުހުން އަމަލުކޮށްފައިވަނީ ދިފާއީ ވަޒީރަށް އިޙްތިރާމްކޮށްގެންކަމަށް ބުނާއިރު، މެންދަމުގެ ވަގުތެއްގައި އެންމެހައި ދޮރެއް ވައްޓައިލުމަށްފަހު ދިފާއީ ވަޒީރު ދިރިއުޅުއްވާ ތަނަން ފުލުހުންތަކެއް ވަނުމަކީ އިޙްތިރާމުގެ ބައެއްކަމުގައި ވަނީ ނަމަ، މިއީ ވެސް އެމްޑީޕީން ކަންބޮޑުވާކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް