ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށް ފުލުހުން ވަދެ، ބަލާ ފާސްކޮށްފައިވާއިރު މިނިސްޓަރު ނާޒިމާމެދު ސަރުކާރުން އަދި އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށާއި މިއަދުވެސް ނާޒިމް ހުންނެވީ އޮފީޙުގައި ކަމަށް ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވެއްޖެ އެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ ދުވަހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ތަރުޖަމާނު ވިދާޅުވީ މިކަމަކީ ރައީސް އޮފީހަށް އެނގިގެން ވާކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންނަކީ މުސްތަގިއްލު މިނިވަން ވަކި މުއައްސަސާއެއް ކަމަށާއި ފުލުހުން ހިންގާ ކަމެއްގެ މައުލޫމާތު ރައސް އޮފީހަށް ނޭންގޭނެ ކަމަށެވެ.
"ރައީސް ވިދާޅެއް ނުވާނެ، އެވެނި ގެއަކަށް ވަންނާށެކޭ، މިވެނި ގެއަކަށް ނުވަންނާށެކޭ، ފުލުހުން އެމީހުންގެ ކުރާ ތަހުގީގެއްގަ ކުރާ ކަމެއް ކުރާނެ، ފުލުހުން ކުރާ ކަމެއްގެ މައުލޫމާތު ރައީސް އޮފީހަކަށް ނޭންގޭ" ތަރުޖަމާނު ވިދާޅުވި އެވެ.
މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށް ފުލުހުން ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. ކޯޓު އަމުރެއްގެ ދަށުންނެވެ. މިކަމާމެދު ކަމާބެހޭ އެއްވެސް މުއައްސަސާއަކުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ވިދާޅުވަނީ "މިކަމާމެދު އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. "
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް