ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންނާ އެއްވަރަށް މުސާރަ ބޮޑުކޮށްދީފައި ނުވާތީ ކުއްލިއްޔަތުލް ދިރާސާލުން އިސްލާމިއްޔާގެ ލެކްޗަރާއިން އެޑިއުކޭޝަންގެ މިނިސްޓްރީގެ އިސް ބޭފުޅަކާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅަކާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުއްލިއްޔާގެ ލެކްޗަރާ މުހައްމަދު ޒާހިރު ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އިންނާ އެއްވަރަށް އެބޭފުޅުންގެ މުސާރަ ވެސް ބޮޑުވާން ޖެހޭނެ ކަމަށާއި މުސާރައިގައި ތަފާތު ކުރުންތަކެއް ހުންނަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ ޔުނިވާސިޓީ އުފެދުމާ އެކު އެތަނުގެ ލެކްޗަރާ އިންގެ މުސާރަ ބޮޑުކޮށްފައި ވާތީ އެބޭފުޅުންނާ އެއްވަރަށް ކުއްލިއްޔާގެ ލެކްޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި ކުއްލިއްޔާގެ ވެރިން ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވައި މަޝްވަރާ ކުރަމުން އަންނަތާ ތިން އަހަރު ވެއްޖެ ކަމަށެވެ. އެހެންނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވުމުން ލެކްޗަރާއިން އަމިއްލަ އިސްނެގުމަކަށް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރަން ނިންމީ ކަމަށް ޒާހިރު ވިދާޅުވި އެވެ.
އެ މައްސަލައިގަ މިއަދު ކުއްލިޔާގެ ލެކްޗަރާއިން ބައްދަލު ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސަސްގެ ވެރިއެއް ކަމަށްވާ އާދަމް ޝަރީފު އަހުމަދާއި އެވެ.
ޒާހިރު ވިދާޅުވީ އޭނާ އާއި ބައްދަލުކޮށް އެބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކުރުމުން، މުސާރައިގެ މައްސަލައިގައި ލެކްޗަރާއިން ކަންބޮޑުވެގެން އުޅޭކަން މީގެ ކުރިން އެނގިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވި އެވެ. އަދި އެބޭފުޅުން ތަފްސީލުކޮށް މައުލޫމާތު ހިއްސާކުރުމުން މެންދުރު 12:00 ގެ ކުރިން ޖަވާބެއް ދެއްވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.
އެ މައްސަލައިގަ އެޑިއުކޭޝަން މިނިސްޓްރީން ރަސްމީކޮށް އެއްޗެއް ބުނެފައިނުވާއިރު ކުއްލިޔާގެ ފަރާތުން މިނިސްޓްރީގެ ވެރިންނާއި ބައްދަލު ކުރަން ދިޔަ ލެކްޗަރާއިން ތިބީ މިނިސްޓްރީގައި މަޑުކޮށްގެންނެވެ.
ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލާއި އެކު މުސާރަ ބޮޑު ނުވަނީ ކުއްލިޔާ އާއި ޤުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރުންނަށް އެކަންޏެވެ. ނަމަވެސް އެ ދެ ތަނުން ޓީޗަރުންނަށް ވަޒީފާ ދިނުމުގައި އަމަލު ކުރަމުންދަނީ އެހެން ސްކޫލްތަކެކޭ އެއް ލެވެލްއެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް